އީރާނުގެ ވަފްދު ޕާކިސްތާނަށް ވަޒދައިގެންފިއެވެ. އަދި އެމެރިކާގެ ވަފްދު ޕާކިސްތާނަށް ފޯރާނީ މިރފޭގެ ވަގުތެއްގައި ކަމަށް ބެލެވެއެވެ. އީރާނުން އެމެރިކާއާއެކު ސީދާ މަޝްވަރާތަކެއް ކުރުމަށް ދެކޮޅު ހަދާފައި ވެއެވެ.
އީރާނުން ގެންގުޅެނީ ބަލައިގެން ފަރުވާތެރިކަމާއެކު އެމެރިކާއާ މުއާމަލާތްކުރުމުގެ ސިޔާސަތެއް ކަމަށް ބެލެވެއެވެ. އީރާނުގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު އިސްމާޢީލް ބަގާއީ ވިދާޅުވީ، އިސްލާމްއާބާދުގައި އެމެރިކާއާއެކު އެއްވެސް ސީދާ ބައްދަލުވުމެއް ނު ބާއްވާނެ ކަމަށާއި، އީރާނުގެ ހުށަހެޅުންތައް އެމެރިކާއަށް ރައްދުކޮށްދޭނީ ޕާކިސްތާނު މެދުވެރިކޮށް ކަމަށެވެ.
އީރާންގެ ޚާރިޖީ ވަޒީރު އަރަގްޗީ ވަނީ ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފާއި ސިފައިންގެ ވެރިޔާ ޖެނެރަލް އާސިމް މުނީރާ ބައްދަލުކުރައްވާފައެވެ. މި ބައްދަލުވުންތަކުން ހާމަވަނީ ދެ ފަރާތާވެސް މުއާމަލާތް ކުރެވޭ ހަމައެކަނި ގައުމަކީ ޕާކިސްތާން ކަމަށްވާތީ، އެ ގައުމުގެ މުހިންމުކަމެވެ.
އެމެރިކާގެ ފަރާތުން ބައިވެރިވާ ޚާއްސަ މަންދޫބު ސްޓީވް ވިޓްކޮފް އާއި ޖެރެޑް ކުޝްނާ އިސްލާމްއާބާދަށް ވަޑައިގަންނަވާނީ 14 ގަޑިއިރުގެ ދަތުރަކަށް ފަހުއެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެފައިވަނީ އީރާނުން ހުށަހެޅުމެއް ތައްޔާރުކުރަމުންދާ ކަމަށެވެ. ނަމަވެސް، އެއްވެސް އެއްބަސްވުމަކަށް އާދެވޭނީ އީރާނުން ފައްކާކޮށްފައިވާ ޔުރޭނިއަމް ދޫކޮށްލުމާއި، ހުރުމުޒު ކަނޑުއޮޅިން މިނިވަންކަމާއެކު ދަތުރުފަތުރު ކުރެވޭނެ ގޮތް ހެދުމުން ކަމަށް ޓްރަމްޕް ވިދާޅުވެއެވެ. އެމެރިކާއިން ވަނީ އެއްބަސްވުމަކަށް އާދެވެންދެން އީރާނުގެ ބަނދަރުތައް ހިސާރަ ކުރުން ދަމަހައްޓާނެ ކަމަށް ބުނެފައެވެ.
ހުރުމުޒު ކަނޑުއޮޅީގެ ކޮންޓްރޯލް އީރާނުން ވަނީ ވަރުގަދަކޮށްފައެވެ. ވޭތުވެދިޔަ 8 ހަފުތާގެ ތެރޭގައި އީރާނުގެ އުޅަނދުތައް ފިޔަވައި އެހެން އުޅަނދުތަކަށް އެ ސަރަހައްދުން ދަތުރުކުރުން ވަނީ ގާތްގަނޑަކަށް ހުއްޓުވާފައެވެ. ތަފާސްހިސާބުތަކުން ދައްކާގޮތުގައި، ދުވާލަކު 130 އުޅަނދު ދަތުރުކުރި މި މަގުން ފާއިތުވި 24 ގަޑިއިރު ތެރޭގައި ދަތުރުކޮށްފައިވަނީ އެންމެ 5 އުޅަނދެވެ.
މި ފިޔަވަޅުތަކާއި ސިޔާސީ މަޝްވަރާތަކާ ގުޅުވައިގެން އީރާނުން ދަނީ އޮމާންގެ ވެރިރަށް މަސްޤަޠު އަދި މޮސްކޯއަށް ވެސް ސިޔާސީ ދަތުރުތައް ކުރަމުންނެވެ. ޕާކިސްތާނުން މަސައްކަތް ކުރަމުންދަނީ ދެ ފަރާތުގެ ދެމެދުގައި އޮތް ބޮޑު ފަރަގު ކުޑަކޮށް، ދެވަނަ ބުރެއްގެ މަޝްވަރާތަކަށް މަގުފަހިކުރުމަށެވެ. ނަމަވެސް، އީރާނުން އެމެރިކާގެ ހިސާރު ނިންމާލުމަށް އެދޭއިރު، އެމެރިކާއިން ބާރުއަޅަނީ ނިއުކްލިއާ ޓެކްނޮލޮޖީއާ ދުރަށް އީރާން ދިއުމަށެވެ.




