ޓައިވާނުގެ ރައީސް ލައި ޗިންގް-ޓޭ އެފްރިކާގެ ގައުމެއް ކަމަށްވާ އެސްވާޓީނީއަށް ކުރައްވަން އުޅުއްވި ދަތުރުފުޅަށް ހުރަސްއެޅުމަށް ޗައިނާއިން ސިޔާސީ ނުފޫޒު ބޭނުންކޮށްފައިވާ ކަމަށް އެމެރިކާއިން ތުހުމަތުކޮށްފިއެވެ. އެމެރިކާއިން ބުނާ ގޮތުގައި، ޗައިނާގެ އެންގުމަކަށް އެފްރިކާގެ ބައެއް ގައުމުތަކުން ވަނީ ރައީސް ލައި ދަތުރުކުރައްވަން އޮތް މަތިންދާބޯޓަށް އެ ގައުމުތަކުގެ ވައިގެ ސަރަހައްދު ބޭނުންކުރުމުގެ ހުއްދަ ބާތިލްކޮށްފައެވެ.
ޓައިވާނުން އަންގާރަ ދުވަހު ހާމަކުރި ގޮތުގައި، ސީޝެލްސް، މޮރިޝަސް އަދި މަޑަގަސްކަރައިން ކުރިން އެންގުމަކާ ނުލައި ވައިގެ ސަރަހައްދު ބޭނުންކުރުމުގެ ހުއްދަ އަނބުރާ ގެންދިއުމާ ގުޅިގެން ރައީސް ލައިގެ ދަތުރުފުޅު ވަނީ ފަސްކުރެވިފައެވެ. އެސްވާޓީނީއަކީ އެފްރިކާ ބައްރުގައި ޓައިވާނާއެކު ސިޔާސީ ގުޅުން ބާއްވާ ހަމައެކަނި ގައުމެވެ. މިއީ ދެކުނު އެފްރިކާގެ ތެރޭގައި ބަންދުވެފައި އޮންނަ ކުޑަ ގައުމެކެވެ.
އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުގެ ތަރުޖަމާނަކު ވިދާޅުވީ، މިގޮތަށް ހުއްދަތައް ބާތިލްކުރުމަކީ ޓައިވާނުގެ އޮފިޝަލުން ކުރައްވާ އާންމު ދަތުރުފަތުރުގެ "ރައްކާތެރިކަމާއި ކަރާމާތަށް" ހުރަސްއެޅުން ކަމަށެވެ. މިއީ ޓައިވާނާއި އެ ގައުމުގެ ބައިވެރިންނަށް ބިރުދެއްކުމަށް ޗައިނާއިން ކުރިއަށްގެންދާ ސިލްސިލާ އަމަލުތަކުގެ ބައެއްގެ ގޮތުގައި އެމެރިކާއިން ސިފަކުރެއެވެ.
ޓައިވާނުގެ ރައީސްގެ އޮފީހުން ބުނި ގޮތުގައި، މި ދަތުރުފުޅަށް ހުރަސްއެޅުމަށް ޗައިނާއިން ވަނީ އިގްތިސާދީ މަޖުބޫރުކުރުން ހިމެނޭހެން "ވަރުގަދަ ފިއްތުންތަކެއް" ކުރިމަތިކުރުވާފައެވެ. ނަމަވެސް ޗައިނާގެ ފޮރިން މިނިސްޓްރީން މި ތުހުމަތުތައް ދޮގުކޮށް ބުނީ، އެމެރިކާގެ ވާހަކަތަކަކީ އެއްވެސް އަސާސެއް ނެތް ވާހަކަތަކެއް ކަމަށާއި، އެފްރިކާގެ ގައުމުތަކުން އަމަލުކުރީ "އެއް ޗައިނާ" ސިޔާސަތާ އެއްގޮތަށް ކަމަށެވެ.
ޗައިނާއިން ވަނީ ޓައިވާނުގެ ރައީސަށް ހުއްދަ ނުދިން ގައުމުތަކަށް ވަރަށް ބޮޑަށް ތައުރީފުކޮށްފައެވެ. ޗައިނާއިން އަބަދުވެސް ވަކާލާތު ކުރަނީ ޓައިވާނަކީ އެ ގައުމުގެ ބައެއްގެ ގޮތުގައެވެ.
އެމެރިކާއިން ޓައިވާނަކީ ވަކި ދައުލަތެއްގެ ގޮތުގައި ރަސްމީކޮށް ބަލައިނުގަތް ނަމަވެސް، އެމެރިކާއަކީ ޓައިވާނުގެ އެންމެ ބޮޑު ސަލާމަތީ ބައިވެރިޔާއެވެ. ކުރިއަށް އޮތް މަހު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، ޗައިނާގެ ރައީސް ޝީ ޖިންޕިންއާ ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވެއެވެ.




