ހުރުމުޒު ކަނޑުއޮޅިއަށް ކަނޑުތަކާ ބެހޭ އދ. ގެ މުއާހަދާ ތަންފީޒު ކުރުމަށް އީރާނުން ދެކޮޅުހަދަ އެވެ. އަދި އީރާނުން ހުރުމުޒު މެނޭޖުކުރުމަށް ކުރާ މަސައްކަތަށް އެމެރިކާއިން ދެކޮޅު ހަދައެވެ.
އެމެރިކާއަކީ ކަނޑުތަކާ ބެހޭ އދގެ މުއާހަދާގައި ސޮއިކޮށްފައިވާ ގައުމެއް ނޫނެވެ. އަދި އެމެރިކާއިން އެ މުއާހަދާ ތަސްދީގުކޮށްފައެއް ނުވެއެވެ.
އީރާނަކީ އެ މުއާހަދާގައި ސޮއިކޮށްފައިވާ ގައުމެކެވެ. ނަމަވެސް އީރާނުން މިހާތަނަށް އެ މުއާހަދާ ތަސްދީގުކޮށްފައެއް ނުވެއެވެ.
ހުރްމުޒް ކަނޑުއޮޅިއާ ގުޅޭގޮތުން މިއަދު ހިނގަމުންދާ ގާނޫނީ ދެބަސްތަކުގެ މަރުކަޒަކީ، ކަނޑުތަކާ ބެހޭ އދ. ގެ މުއާހަދާ އަށް އީރާނުން ޒަމާނުއްސުރެން ދެކޮޅު ހަދަމުން ދިއުމެވެ.
އީރާނުން 1982 ވަނަ އަހަރު މި މުއާހަދާގައި ސޮއިކުރި އެވެ. ނަމަވެސް، އެ ގައުމުން މިހާތަނަށް އެ މުއާހަދާ ތަސްދީގުކޮށްފައެއް ނުވެއެވެ. ފާއިތުވި 40 އަހަރުގެ ތެރޭގައި އީރާނުން ހުރުމުޒު ކަނޑުއޮޅީގައި ގެންގުޅޭ ސިޔާސަތުތައް ބައްޓަންކޮށްފައިވާ ސިޔާސަތު ބިނވެފައި ވަނީ މި މުއާހަދާއާ މެދު އީރާނުން ދެކޭ މައިގަނޑު ވިސްނުމުގެ މައްޗަށެެވެ.
ތެހެރާނުން މި މުއާހަދާގައި ސޮއިކުރިއިރު، ރަސްމީ ބަޔާނެއް ނެރުނެވެ. އެ ބަޔާނުގައި ބުނެފައިވަނީ ބައިނަލްއަގުވާމީ ކަނޑުއޮޅިތަކުން ދަތުރުފަތުރު ކުރުމާ ގުޅޭ ގަވާއިދުތައް ހިނގާނީ ހަމައެކަނި އެ މުއާހަދާ ފުރިހަމައަށް ތަސްދީގުކޮށްފައިވާ ގައުމުތަކަށް އެކަނި ކަމަށެވެ. އީރާނުން ވަކާލާތު ކުރަމުން ބުނެފައި ވަނީ މި ގަވާއިދުތަކަކީ ބައިނަލްއަގުވާމީ އާދަކާދައިގެ ގާނޫނުތައް ކަމަށް ބުނާ ކަސްޓަމަރީ އިންޓަރނޭޝަނަލް ލޯއެއް ނޫން ކަމަށެވެ.
ކަނޑުތަކާ ބެހޭ އދގެ މުއާހަދާ ތަސްދީގު ކުރުމަށް އީރާނުން ދެކޮޅުހެދުމުން، ބައިނަލްއަގުވާމީ ކަނޑުއޮޅިތަކުގައި ދަތުރުފަތުރު ހުއްޓުވުން ނުވަތަ އެ ކަނޑުއޮޅިތައް ހުރަސްކުރުމަށް ފީ ނެގުން މަނާކުރާ ގާނޫނީ އޮނިގަނޑުން އީރާނަށް ބޭރުވެވުނީއެވެ. މާނައަކީ، އެފަދަ އެއްވެސް ބައިނަލްއަގްވާމީ ގާނޫނެއް އީރާންގެ މައްޗަށް ނުހިނގާނެއެވެ. 40 އަހަރަށްވުރެ ގިނަ ދުވަސް ވަންދެން އީރާނުން ވަނީ މިސިޔާސަތު ގެންގުޅެފައެވެ.
އެމެރިކާއަކީ ވެސް ކަނޑުތަކާ ބެހޭ އދގެ މުއާހަދާގައި ސޮއިކޮށްފައިވާ ތަސްދީގު ކޮށްފައިވާ ގައުމެއް ނޫނެވެ.
މީގެ ސަބަބުން، ހުރުމުޒު އާ މެދު ދެބަސްވުމެއްގައި އުޅޭ ދެ ބައިވެރިން މި ވަނީ މިފަދަ ތަންތަނަށް ހިނގާ ދުނިޔޭގެ ގާނޫނުގެ ނިޒާމުން ބޭރުވެފައެވެ.
ދެ ގައުމުން ވެސް ބުރަވަނީ މާ ކުރީގެ ގާނޫނީ އުސޫލުތަކަށެވެ. ނުވަތަ ކަންކަން މާނަ ކުރަނީ ކަސްޓަމަރީ އިންޓަރނޭޝަލް ލޯ އެބަޔަކަށް ފަހިވާ ގޮތަށެވެ.
މީގެ ސަބަބުން، އެއްބަސްވެފައިވާ އެއް އޮނިގަނޑެއްގެ ބަދަލުގައި، ކަނޑުއޮޅި ހުރަސް ކުރުމާ މެދު ދެ ގައުމުންވެސް ދަނީ އެއްބަޔަކު އަނެއްބަޔަކާ ފުށުއަރާ ދައުވާތަކެއް ކުރަމުންނެވެ.
ހުރުމުޒު ކަނޑުއޮޅި ކޮންޓްރޯލް ކުރުމަށް ނުވަތަ އެ ކަނޑު އޮޅިން ދަތުރުކުރާ އުޅަނދުތަކުން ފީ ނެގުމަށް އީރާނުން ދައްކާ ހުއްޖަތްތައް ބިނާވެފައިވަނީ ގުޅިފައިވާ ތިން އަސާސެއްގެ މައްޗަށެވެ:
- ހުރުމުޒު ކަނޑުއޮޅި އޮތީ އީރާނުގެ ސަރަހައްދީ ކަނޑުގެ އިމުގެ ތެރޭގައި:
ހުރުމުޒު ކަނޑުއޮޅީގެ އެންމެ ހަނި ހިސާބުގެ ފުޅާމިނަކީ ގާތްގަނޑަކަށް 21 ނޯޓިކަލް މޭލެވެ.
އީރާނުން ދެކޭގޮތުގައި ހުރުމުޒުގެ ދަތުރުފަތުރު ކުރެވޭ މުޅި މަގު އޮތީ އީރާނުގެ ކަނޑުގެ ސަރަހައްދު ކަމަށްވާ 12 ނޯޓިކަލް މޭލުގެ ސަރަހައްދީ އިމުގެ ތެރޭގައެވެ.
މި ނަޒަރިއްޔާއިން ބަލާއިރު، މިއީ ބައިނަލްއަގުވާމީ ކަނޑުގެ މަގެއް ނޫނެވެ.މިއީ އީރާނުގެ ސިޔާދަތީ ސަރަހައްދުގެ ބައެކެވެ. - މި ކަނޑު އޮޅިން ދަތުރުކުރުމަކީ އެއްވެސް ގައުމަކަށް ލިބޭ އޮޓޮމެޓިކް ހައްގެއް ނޫން، އެއީ އީރާނަށް ހުއްދަ ދިނުމަށް ލިބޭ އިމްތިޔާޒެއް:
މި ކަނޑުއޮޅި އޮތީ އީރާނުގެ ސަރަހައްދީ ކަނޑުގެ ތެރޭގައި ކަމަށް ބަލާނަމަ، އެ ސަރަހައްދުން ދަތުރުކުރުން ކޮންޓްރޯލް ކުރުމާއި، އެ ދަތުރުތަކަށް ޝަރުތުތައް ކަނޑައެޅުމާއި، ނުވަތަ ދަތުރުކުރުން ހުއްޓުވުމުގެ ބާރު އޮންނާނީ އީރާނަށެވެ.
މިއީ ބައިނަލްއަގުވާމީ ކަނޑުއޮޅިތަކުން މެދުކެނޑުމެއް ނެތި ދަތުރުކުރުމުގެ ހައްގު ކަށަވަރުކޮށްދޭ ކަނޑުތަކާ ބެހޭ އދގެ މުއާހަދާއާ ސީދާ ފުށުއަރާ ކަމެކެވެ. - ކަނޑުތަކާ ބެހޭ އދގެ ގާނޫނުގެ އިލްތިޒާމްތައް އީރާނުގެ މައްޗަކަށް ނުހިނގާ:
އީރާނުން ކަނޑުތަކާ ބެހޭ އދގެ މުއާހަދާ ތަސްދީގުކޮށްފައި ނުވާތީ، ހުރުމުޒުގެ ދަތުރުފަތުރު ހުއްޓުވުން ނުވަތަ އެ ތަނުން ދަތުރު ކުރާ އުޅަނދަށް ފީ ނެގުން އީރާނަށް މަނައެއް ނުކުރެވޭނެއެވެ. އަދި މުއާހަދާގެ ދަށުން އެކަން މަނާކުރާ 38 ވަނަ މާއްދާއާއި 44 ވަނަ މާއްދާއަށް އަމަލު ކުރުން އީރާނުގެ މައްޗަށް ލާޒިމެއް ނުކުރެވޭނެއެވެ.
އީރާނުގެ ޕާލަމެންޓުން ދަނީ ހުރުމުޒު ކަނޑު އޮޅީގައި ދަތުރުކުރާ އުޅަނދުތަކުން ފީނެގުމާ ބެހޭ ގާނޫނެއް އެކުލަވާލަމުންނެވެ. މި ގާނޫނުގެ ދަށުން ފީނަގަނީ ތިމާވެށި ހިމާޔަތް ކުރުމަށާއި ޕައިލެޓް ކޮށްދިނުމުގެ ނަމުގައެވެ. އަދި އީރާނަށް ހުރަސް އަޅާ ބޮޑު ބާރަކަށް މި ސަރަހައްދުގައި ހަރަކާްތތެރިވާ ބާރަކީ އެމެރިކާ ކަމަށް ވާއިރު އެމެރިކާއަށް އީރާނާ ދެކޮޅަށް ދެއްކޭނެ މާވަރުގަދަ ހުއްޖަތެއް ނެތެވެ.
އެހެންވެ، އީރާނުން ބޭނުންވާ ގޮތަށް އުޅަނދަކުން 2 މިލިއަން ޑޮަލަރތުގެ ފީއެއް ނެގިދާނެއެވެ. އަދި އެއީ ދުނިޔޭގައި ފީނަގާ އެހެން ކަނޑުއޮޅިތަކުންވެސް ނަގާ ފަދަ ފީއަކާ އެއްވަރުގެ ފީއެކެވެ.
ދުނިޔޭގެ މުހިންމު ކަނޑުއޮޅިތައް ހުންނަނީ މުސްލިމު ގައުމުތަކުގެ އިމުގެ ތެރޭގައެވެ. އެ ގައުމުތަކަށް ފީނެގުން ހުއްދައެއް ނޫނެވެ. އެކަމަކު އެނޫން އެހެން ގައުމުތަކުން އެ ގައުމުތަކުގެ ކަނޑުއޮޅި ހުރަސް ކުރުމަށް ފީއެއް ނަގައެވެ!





