ބަންގްލަދޭޝްގެ އައު ސަރުކާރުން ހިޔާލުފާޅުކުރުމުގެ މިނިވަންކަމަށް ހުރަސްއަޅާތީ ކަންބޮޑުވުން ފާޅުކޮށްފި

ބަންގްލަދޭޝްގެ އައު ސަރުކާރަށް ފާޑުކިޔަމުން ދިޔަ ކަމުގެ ތުހުމަތުގައި ހަތަރު މީހަކު ހައްޔަރުކުރުމާ ގުޅިގެން، ބޮޑުވަޒީރު ތާރިގް ރަހްމާންގެ ސަރުކާރުން ކުރީގެ އަނިޔާވެރި އުސޫލުތައް ދޫކޮށްލުމުގެ ނިޔަތެއް އޮތްތޯ ސުވާލު އުފެދި، ކަންބޮޑުވުންތައް އިތުރުވެއްޖެއެވެ. ހިއުމަން ރައިޓްސް ވޮޗް (އެޗްއާރުޑަބްލިއު) އިން ބުނި ގޮތުގައި، އިސްލާހީ ބަދަލުތައް ގެންނާނެ ކަމަށް ސަރުކާރުން ވައުދުވެފައިވީ ނަމަވެސް، މި ހައްޔަރުކުރުންތަކުން ފެންނަނީ ކުރީގެ ސަރުކާރުން ޚިޔާލު ތަފާތުވާ މީހުން ހުއްޓުވުމަށް ގެންގުޅުނު އުސޫލުތައް ދަމަހައްޓަމުންދާ ތަނެވެ.

މިގޮތުން ހައްޔަރުކުރި މީހުންގެ ތެރޭގައި އޭއެމް ހަސަން ނަސީމް ހިމެނެއެވެ. އޭނާ ހައްޔަރުކުރީ ސަރުކާރުގެ މެންބަރަކު ކުރެއްވި ކޮމެންޓަކާ ގުޅުވައިގެން ކުރެހި ކާޓޫނެއް ސޯޝަލް މީޑިއާގައި ހިއްސާކުރުމާ ގުޅިގެން، ސަރުކާރު ހިންގާ ޕާޓީގެ ސަޕޯޓަރަކު ހުށަހެޅި ޝަކުވާއަކަށެވެ. އެޗްއާރުޑަބްލިއު އިން ފާހަގަކުރި ގޮތުގައި ބަންގްލަދޭޝްއަކީ އދ. ގެ މެންބަރު ގައުމަކަށްވެފައި، އިންސާނީ ހައްގުތަކުގެ ބައިނަލްއަގުވާމީ މުއާހަދާތަކުގައި ސޮއިކޮށްފައިވާ ގައުމަކަށް ވާއިރު، ހިޔާލުފާޅުކުރުމުގެ މިނިވަންކަން ކަށަވަރުކޮށްދޭން ޖެހެއެވެ.

2025 ވަނަ އަހަރު އުފެދުނު އިންތިގާލީ ސަރުކާރުން ސައިބަރ ސެކިއުރިޓީ އޯޑިނަންސް ތައާރަފްކުރީ މިފަދަ ނަހަމަ އަމަލުތައް ހުއްޓުވުމަށެވެ. އެ ގާނޫނު ބުނާގޮތުން އޮންލައިން ކޮންޓެންޓަކާ ގުޅިގެން ޝަކުވާ ހުށަހެޅޭނީ ސީދާ އެކަމުގެ ގެއްލުން ލިބުނު ފަރާތަކަށެވެ. ނަމަވެސް، މިފަހަރުގެ ހައްޔަރުކުރުންތަކުގައި އެ އުސޫލަށް އަމަލުކޮށްފައި ނުވާ ކަމަށާއި، ޝަކުވާ ހުށަހަޅާފައިވަނީ އެ ޕޯސްޓްތަކުގެ ސަބަބުން އެއްވެސް އަސަރެއް ނުކުރާ ފަރާތްތަކުން ކަމަށް އެޗްއާރުޑަބްލިއު އިން ބުނެއެވެ.

އެ ޖަމިއްޔާގެ ޑެޕިއުޓީ އޭޝިއާ ޑައިރެކްޓަރު މީނާކްޝީ ގަންގޫލީ ވިދާޅުވީ، "ބަންގްލަދޭޝްގެ ރައްޔިތުން މިނިވަންކަމަށްޓަކައި ފުރާނަ ގުރުބާންކުރިއިރު، އައު ސަރުކާރު އައިތާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އޮންލައިންކޮށް ފާޑުކިޔައިގެން މީހުން ހައްޔަރުކުރާތަން ފެނުމަކީ ވަރަށް ބޮޑު ކަންބޮޑުވުމެއް" ކަމަށެވެ. ކުރީގެ ބޮޑުވަޒީރު ޝެއިޚް ހަސީނާގެ ސަރުކާރުން ވެސް ވަނީ ހިޔާލުފާޅުކުރުން ހުއްޓުވުމަށް މިފަދަ ހަރުކަށި ގާނޫނުތަކާއި އިންޓަނެޓް ކަނޑާލުން ފަދަ އުސޫލުތައް ބޭނުންކޮށްފައެވެ.

ބޮޑުވަޒީރު ތާރިގް ރަހްމާން ވެރިކަމަށް ވަޑައިގަތީ ފެބްރުއަރީ މަހު ބޭއްވި އިންތިހާބުގައި ބޮޑު އަޣުލަބިއްޔަތަކުންނެވެ. ނަމަވެސް، މިހާރު ފެންނަމުންދާ އަމަލުތަކުން ދޭހަވަނީ ޚިޔާލުފާޅުކުރުން ކޮންޓްރޯލް ކުރުމަށް ބޭނުންކުރާ ގާނޫނީ އަދި ސިޔާސީ އޮނިގަނޑުތައް އަދިވެސް އެގޮތުގައި ދެމިއޮތް ކަމެވެ. އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމިއްޔާތަކުން ބުނަނީ، މި ގާނޫނުތައް އިސްލާހު ނުކުރާހާ ހިނދަކު، ބަންގްލަދޭޝްގެ ޑިމޮކްރެޓިކް މިނިވަންކަމާ މެދު އަބަދުވެސް ސުވާލު އުފެދޭނެ ކަމަށެވެ.

ހިއްސާ ކުރައްވާ!