އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވީ އީރާނުގެ ވެރިކަން ހިންގުމާ ހަވާލުވެ ތިއްބެވި ކޮންމެ ބަޔަކާއެކު ވެސް މަޝްވަރާކޮށް، އެއްބަސްވުމަކަށް އައުމަށް އޭނާ ތައްޔާރަށް ހުންނެވި ކަމަށެވެ. ނޫސްވެރިންނާ ވާހަކަދައްކަވަމުން ޓްރަމްޕް ވިދާޅުވީ އީރާނުން ބޭނުން ކޮންމެ ވަގުތަކު ވެސް އެމެރިކާއަށް ގުޅޭނެ ކަމަށެވެ.
އެމެރިކާގެ މަންދޫބުން ކަމަށްވާ ވިޓްކޮފް އަދި ޖެރެޑް ކުޝްނާ ޕާކިސްތާނަށް ކުރަން އޮތް ދަތުރު ކެންސަލް ކުރި ސަބަބާ ގުޅޭގޮތުން ވާހަކަދައްކަވަމުން ޓްރަމްޕް ވިދާޅުވީ، އީރާނުގެ އިސްވެރިންނާ ބައްދަލުކުރުމަށް ހަމަޖެހިފައި އޮތީ އަންގާރަ ދުވަހު ކަމަށް މައުލޫމާތު ލިބުނު ކަމަށެވެ. ނަމަވެސް އެއީ މާ ލަސް ތާރީޚެއް ކަމަށާއި، 15 ނުވަތަ 16 ގަޑިއިރުގެ ދަތުރެއް ކޮށްފައި މަންދޫބުން ފޮނުވޭނީ ސީދާ އީރާނުގެ އިސްވެރިންނާ ބައްދަލުވާނެ ކަމުގެ ޔަގީންކަން އޮވެގެން ކަމަށް އޭނާ ވިދާޅުވިއެވެ.
ޓްރަމްޕް ފާހަގަކުރެއްވި ގޮތުގައި އެމެރިކާގެ މަންދޫބުން ބޭނުންވީ އީރާނުގެ ލީޑަރުންނާ ސީދާ ވާހަކަދައްކާށެވެ. ނަމަވެސް ބައްދަލުވުންތައް ހަމަޖައްސަމުން ދިޔައީ ޕާކިސްތާނާ އެކު ވާހަކަ ދައްކަމުންނެވެ.
"އީރާނު ހިންގަނީ ކޮންމެ ބަޔަކު ކަމަށް ވިޔަސް، އެބަޔަކާއެކު ޑީލެއް ހެދުމަށް އަހަރެން މިހުރީ ތައްޔާރަށް،" ޓްރަމްޕް ވިދާޅުވިއެވެ.
އީރާނުގެ ދާޚިލީ ހާލަތާ ގުޅޭގޮތުން ވާހަކަދައްކަވަމުން އިތުރުފުޅު ހައްދަވަމުން ޓްރަމްޕް ވިދާޅުވީ އެ ގައުމުގެ އެތެރޭގައި ބޮޑެތި ހަމަނުޖެހުންތަކެއް ހުރި ކަމަށާއި، ލީޑަޝިޕްގެ އެކި ފަންތިތަކުގެ މެދުގައި ބާރުވެރިކަމަށް ވާދަވެރިކަން އެބައޮތް ކަމަށެވެ. އަދި އެމެރިކާއިން އީރާނުގެ ލީޑަޝިޕްގެ ދެ ފަންތިއެއް ނައްތާލާފައިވާތީ، މިހާރު އެ ގައުމުގައި އޮތީ ބޮޑު ހައިޖާނެއްގެ ތެރޭގައި ކަމަށް ވެސް އޭނާ ތުހުމަތު ކުރެއްވިއެވެ.
ޓްރަމްޕްގެ އިތުރުފުޅުތަކާ ޚިލާފަށް އީރާނުން ފެންނަމުން ދަނީ ސާބިތުކަމާއެކު ބާރު ދެއްކުމާއި އަދި ބަދަހި ލީޑާޝިޕެކެވެ. އީރާންގެ ރައްޔިތުން ދަނީ ކޮންމެ ރެއަކުވެސް ހާހުން މަގުތަކަށް ނިކުމެ ސަރުކާރަށް ތާއީދު ކުރާ ކަމަށް ގޮވާލަމުންނެވެ.
މީގެ އިތުރުން ޓްރަމްޕް ވިދާޅުވީ އެމެރިކާއަށް ހުށަހެޅުންތަކެއް ހިމެނޭ ކަރުދާހެއް ލިބުނު ކަމަށާއި، މަންދޫބުންގެ ދަތުރު ކެންސަލް ކުރިތާ 10 މިނެޓް ތެރޭގައި ކުރިއަށްވުރެ ރަނގަޅު ހުށަހެޅުންތަކެއް ހިމެނޭ ދެވަނަ ކަރުދާހެއް ވެސް ލިބިފައިވާ ކަމަށެވެ. ނަމަވެސް، އެއީ އަދި ފުދޭވަރުގެ ހުށަހެޅުންތަކެއް ނޫން ކަމަށް ޓްރަމްޕް ވިދާޅުވިއެވެ.
މިހާތަނަށް ޓްރަމްޕް ދައްކާފައިވާ މިފަދަ ހުރިހައި ވާހަކަތަކަކީ ހޮޅި ވާހަކަތައް ކަމަށް އީރާނުން ބުނާއިރު މިފަހަރުގެ ވާހަކަވެސް އެފަދަ އޮޅުވާލުމަކަށް ވާނެ ކަމަށް ބެލެވެއެވެ.
ޓްރަމްޕް ވިދާޅުވީ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުން އިތުރު ކުރުމާ މެދު އަދި ގޮތެއް ނުނިންމާ ކަމަށެވެ.



