ޖީއެސްޕީ ޕްލަސްގެ އިނާޔަތް އޮތް ނަމަވެސް ޕާކިސްތާނުން ޔޫރަޕަށް ކުރާ އެކްސްޕޯޓް މަދުވެއްޖެ

ޕާކިސްތާންގެ މި ހިނގަމުންދާ މާލީ އަހަރުގެ ފުރަތަމަ ނުވަ މަސްދުވަހުގެ ތެރޭގައި ޕާކިސްތާނުން ޔޫރަޕްގެ މައިގަނޑު މާކެޓްތަކަށް ކުރި އެކްސްޕޯޓް ވަރަށް ބޮޑަށް ދަށަށް ގޮސްފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކައިފިއެވެ. މި ދަށަށް ދިއުން އައިސްފައިވަނީ ޔޫރަޕްގެ އިއްތިހާދުން ޑިއުޓީއާ ނުލައި މުދާ އެތެރެކުރުމަށް ދޭ 'ޖެނެރަލައިޒްޑް ސްކީމް އޮފް ޕްރިފަރެންސަސް ޕްލަސް' (ޖީއެސްޕީ ޕްލަސް) ގެ ދަރަޖަ ޕާކިސްތާނަށް ދީފައި އޮތުމާއެކުގައެވެ.

ތަފާސްހިސާބުތަކަށް ބަލާއިރު، ހުޅަނގު ޔޫރަޕަށް ޕާކިސްތާނުން ކުރި އެކްސްޕޯޓް 3.14 އިންސައްތަ ވަނީ ދަށަށް ގޮސްފައެވެ. މީގެ ތެރޭގައި ޖަރުމަނަށް ކުރި އެކްސްޕޯޓް 2.97 އިންސައްތައަށް، ނެދަލޭންޑްސްއަށް 1.78 އިންސައްތައަށް، ފްރާންސަށް 2.62 އިންސައްތައަށް އަދި ބެލްޖިއަމަށް ކުރި އެކްސްޕޯޓް 4.73 އިންސައްތައަށް ދަށަށް ގޮސްފައިވެއެވެ. މީގެ އިތުރުން އިނގިރޭސިވިލާތަށް ކުރި އެކްސްޕޯޓްވެސް ވަނީ 0.23 އިންސައްތަ ދަށަށް ގޮސްފައެވެ.

ނަމަވެސް ދެކުނު ޔޫރަޕާއި އިރުމަތީ ޔޫރަޕްގެ ބައެއް ގައުމުތަކުގައި ޕާކިސްތާނުގެ މުދަލަށް ކުރިއެރުންތަކެއް ފެނިފައިވެއެވެ. އެގޮތުން ދެކުނު ޔޫރަޕަށް ކުރި އެކްސްޕޯޓް 6.47 އިންސައްތަ އިތުރުވެފައިވާއިރު، ސްޕެއިންއަށް ކުރި އެކްސްޕޯޓް 7.44 އިންސައްތަ އަދި އިޓަލީއަށް ކުރި އެކްސްޕޯޓް 4.26 އިންސައްތަ އަށް ވަނީ މަތިވެފައެވެ. އަދި އިރުމަތީ ޔޫރަޕްގެ މާކެޓްތަކަށް ކުރި އެކްސްޕޯޓްވެސް ވަނީ 5.06 އިންސައްތަ އިތުރުވެފައެވެ.

މި ދަށްވުމުގެ މައިގަނޑު ސަބަބުތަކުގެ ތެރޭގައި މެދުއިރުމަތީގައި ހިނގަމުންދާ ހަމަނުޖެހުންތަކުގެ ސަބަބުން ދުނިޔޭގެ ވިޔަފާރި މަގުތަކަށް ކުރިމަތިވި ހުރަސްތަކާއި، ހަކަތައިގެ އަގު އުފުލުމާއި، ޔޫރަޕްގެ ކަސްޓަމަރުން މުދާ ގަންނަ މިންވަރު މަދުވުން ހިމެނެއެވެ. މީގެ އިތުރުން، އިންޑިއާއަށްވެސް ޔޫރަޕްގެ އިއްތިހާދުން ލުއިތަކެއް ދިނުމާ ގުޅިގެން ޕާކިސްތާން މުދަލަށް ވަނީ ވާދަވެރިކަން ވަނީ އިތުރުވެފައެވެ.

ޔޫރަޕްގެ އިއްތިހާދުން ވަނީ ޖީއެސްޕީ ޕްލަސްގެ އިނާޔަތްތައް ޕާކިސްތާނަށް ދެމިއޮންނާނީ އިންސާނީ ހައްގުތަކަށް ޕާކިސްތާނުން އިހުތިރާމްކުރާ މިންވަރަށް ބަލާފައި ކަމަށް ހަނދާންކޮށްދީފައެވެ. ޔޫރަޕުން މިފަދަ ސިޔާސަތެއް ޖެނޮސައިޑް ހިންގާ އިސްރާއީލާ މެދު ނުގެންގުޅެއެވެ. އެހެންކަމުން ޕާކިސްތާނުގެ އެކްސްޕޯޓަރުންނަށް މިހާރު ވަނީ ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމާއި ވާދަވެރި މާކެޓެއްގައި ހިފަހައްޓާލުމާއެކު ދެ ގޮންޖެހުމާ ކުރިމަތިލާން ޖެހިފައެވެ.

ޕާކިސްތާނުގެ އެކްސްޕޯޓް މައިގަނޑު ގޮތެއްގައި އޮންނަނީ ފޭރާމުގެ ސިނާއަތަށް ބަރޯސާވެފައެވެ.އަދި ޔޫރަޕްގެ ވިޔަފާރި ސިޔާސަތުތަކަށް އަންނަ ބަދަލުތަކުގެ ސަބަބުން ހަމައެކަނި އއް ބާވަތަށް ބަރޯސާވުމުން އެގައުމަށް ބޮޑެތި ގެއްލުންތަކެއް ލިބިދާނެ ކަމަށް ވެއެވެ. މިހާރު ފެންނަމުންދާ ޕާކިސްތާންގެ އެކްސްޕޯޓުގެ ދަށްވުމަކީ ހަމައެކަނި އެއް ދާއިރާއަކަށް ބަރޯސާވުމުގެ ނުރައްކަލާއި ބޭރުގެ ހަމަނުޖެހުންތަކުން ވިޔަފާރިއަށް ކުރާ އަސަރު ހާމަކޮށްދޭ ކަމެކެވެ.

ހިއްސާ ކުރައްވާ!