އީރާނާއި އެމެރިކާގެ މަޝްވަރާތައް ކާމިޔާބު ނުވީ އެމެރިކާގެ ސަބަބުން: އަރަގްޗީ

ޕާކިސްތާނުގައި ކުރިއަށްދިޔަ ސުލްހައިގެ މަޝްވަރާތަކުން އެއްބަސްވުމަކަށް ނާދެވުނީ އެމެރިކާގެ ސަބަބުން ކަމަށް އީރާނުގެ ފޮރިން މިނިސްޓަރު އައްބާސް އަރަގްޗީ ތުހުމަތު ކުރައްވައިފިއެވެ. ރަޝިޔާގެ ރައީސް ލަޑީމިއަރ ޕޫޓިންއާ ބައްދަލުކުރެއްވުމަށް ރަޝިޔާއަށް ވަޑައިގެން އަރަގްޗީ ވިދާޅުވީ، މަޝްވަރާތަކުގައި ކުރިއެރުންތަކެއް ލިބުނު ނަމަވެސް، އެމެރިކާ ގެންގުޅުނު އުސޫލުތަކާއި ހައްދުފަހަނައަޅާފައިވާ ޑިމާންޑްތަކުގެ ސަބަބުން އެއްބަސްވުމަކާ ހަމައަށް ނުދެވުނު ކަމަށެވެ.

އަރަގްޗީ ވަނީ ރަޝިޔާއަށް ވަޑައިގަތުމުގެ ކުރިން ޕާކިސްތާނަށާއި އޮމާނަށް ޒިޔާރަތް ކުރައްވާފައެވެ. ޕާކިސްތާނަށް ކުރެއްވި ދަތުރުފުޅުގައި އެމެރިކާއާއެކު ދެން މަޝްވަރާތައް ކުރިއަށް ގެންދެވިދާނެ ގޮތްތަކާއި ޝަރުތުތަކާ ގުޅޭގޮތުން ޕާކިސްތާނުގެ އޮފިޝަލުންނާ މަޝްވަރާ ކުރެއްވި ކަމަށް އޭނާ ވިދާޅުވިއެވެ. އީރާނާއި އެމެރިކާއާ ދެމެދު މެދުވެރިއެއްގެ ދައުރު އަދާކުރުމުގައި ޕާކިސްތާނުން މުހިންމު މަސައްކަތްތަކެއް ކޮށްފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.

"ޕާކިސްތާނުގައި ބޭއްވުނު މަޝްވަރާތައް ނާކާމިޔާބުވީ އެމެރިކާގެ ނުބައި ރޭވުންތަކާއި ބޮޑާ ވާހަކަތަކުގެ ސަބަބުން. އީރާނުން ބޭނުންވަނީ ރައްޔިތުންގެ ހައްގުތަކާއި މަސްލަހަތު ހިމާޔަތްކުރަން،" އީރާނުގެ ދައުލަތުގެ މީޑިއާއަށް ދެއްވި ބަޔާނެއްގައި އަރަގްޗީ ވިދާޅުވިއެވެ.

އޮމާނަށް ކުރެއްވި ޒިޔާރަތާ ގުޅޭގޮތުން ވާހަކަދައްކަވަމުން އަރަގްޗީ ވިދާޅުވީ، ހުރުމުޒް ކަނޑުއޮޅިން ރައްކާތެރިކަމާއެކު ދަތުރުކުރެވޭނެ ގޮތް ހެދުމަކީ ދުނިޔޭގެ ފެންވަރުގައި މުހިންމު ކަމެއް ކަމަށެވެ. މިކަމުގައި އީރާނާއި އޮމާނުން ގުޅިގެން މަސައްކަތްކުރުމަށާއި، ފަންނީ ފެންވަރުގައި މަޝްވަރާތައް ކުރިއަށް ގެންދިއުމަށް އެއްބަސްވެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. އީރާނުން ހުރްމުޒް ކަނޑުއޮޅި ބަންދުކޮށްފައިވާއިރު، އެމެރިކާއިން ވަނީ އީރާނުގެ ބަނދަރުތައް ހިސާރަކޮށްފައެވެ.

އީރާނުން އެމެރިކާއަށް ކެހި ދިނުމުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ޕާކިސްތާނަށް ފޮނުވަން އޮތް ވަފުދުގެ ދަތުރު ކެންސަލް ކުރައްވާފައެވެ. އެއީ އީރާނުގެ މިނިސްޓަރު ޕާކިސްތާނަށް ވަޑައިގެން އެމެރިކާގެ އޮފިޝަލުންނާ ބައްދަލުނުކުރާނެ ކަމަށް މީޑިއާ ރިޕޯޓްކުރުމާ ގުޅިގެންނެވެ. ނަމަވެސް، ޓްރަމްޕް ވިދާޅުވީ މަޝްވަރާތައް ދުރުން ފޯނު މެދުވެރިކޮށް ކުރިއަށްދާނެ ކަމަށާއި، މިކަމުގައި ޕާކިސްތާނުގެ ބައިވެރިވުން އޮންނާނެ ކަމަށެވެ.

އީރާނުން މިހާރު ވަނީ ޕާކިސްތާނު މެދުވެރިކޮށް އެމެރިކާއަށް ލިޔުމުން މެސެޖުތަކެއް ފޮނުވާފައެވެ. އޭގެ ތެރޭގައި ނިއުކްލިއާ މައްސަލައާއި ހުރްމުޒް ކަނޑުއޮޅިއާ ގުޅޭ އީރާނުގެ ރަތް ރޮނގުތައް ހިމެނެއެވެ. ރިޕޯޓްތައް ބުނާގޮތުން އީރާނުން ވަނީ ކަނޑުއޮޅި ހުޅުވާލުމަށާއި ހަނގުރާމަ ހުއްޓާލުމަށް އާ ހުށަހެޅުމެއް ހުށަހަޅާފައެވެ. އެމެރިކާއިން މިއިން އެއްވެސް އެއްބަސްވުމެއް ނުވަތަ ސުލްހައިގެ މަގެއް އިޚުތިޔާރު ކުރާނެ ކަމަކަށް ނުބެލެވެއވެ.

އެމެރިކާގެ ރޭވުންތައް ހުރިގޮތުން އީރާނަށް އަރައިގަތުމަށް އެމެރިކާ ރާވާހެން ހީވެއެވެ. އަދި އެމެރިކާއިން އީރާނުގެ ލީޑަރުން އަވަހާރަކޮށްފިނަމަ އީރާނުންވެސް ކުރި މަގުގައި އިތުރަށް ހަރުކަށިކަން ދައްކާނެއެވެ.

ހިއްސާ ކުރައްވާ!