ދުނިޔޭގެ އަސްކަރީ ހޭދަތައް ރެކޯޑް މިންވަރަކަށް އިތުރުވެއްޖެ

ސްޓޮކްހޯމް އިންޓަނޭޝަނަލް ޕީސް ރިސާޗް އިންސްޓިޓިއުޓް (ސިޕްރީ) އިން އާންމުކުރި ތަފާސްހިސާބުތަކަށް ބަލާއިރު، 2025 ވަނަ އަހަރު ދުނިޔޭގެ އަސްކަރީ ޚަރަދުތައް 2.89 ޓްރިލިއަން ޑޮލަރަށް އަރައިފިއެވެ. މިއީ އޭގެ ކުރީ އަހަރާ އަޅާބަލާއިރު 2.9 އިންސައްތައިގެ އިތުރުވުމެކެވެ. މި ކުރިއެރުން މައިގަނޑު ގޮތެއްގައި އައިސްފައިވަނީ ޔޫރަޕާއި އޭޝިއާގެ ގައުމުތަކުން އެ ގައުމުތަކުގެ ދިފާއީ ބަޖެޓް ބޮޑުކުރުމާ ގުޅިގެންނެވެ.

އިންޑިއާއިން 92.1 ބިލިއަން ޑޮލަރު އަދި ޕާކިސްތާނުން 11.9 ބިލިއަން ޑޮލަރު ދިފާއީ ކަންކަމަށް ހޭދަކޮށްފައިވެއެވެ. އެފްރިކާ ބައްރުގައި ނައިޖީރިއާގެ ހަރަދުތައް 55 އިންސައްތަ އިތުރުވެފައިވަނީ އެގައުމުގެ ސަލާމަތީ ކަންކަން ގޯސްވުމާ ގުޅިގެންނެވެ.

ޔޫރަޕްގެ ގައުމުތަކުގެ އަސްކަރީ ޚަރަދުތައް 14 އިންސައްތަ އިތުރުވެ، 864 ބިލިއަން ޑޮލަރަށް ވަނީ އަރާފައެވެ. މިއީ ފިނި ހަނގުރާމައިގެ ދުވަސްވަރަށްފަހު ޔޫރަޕްގެ ދިފާއީ ޚަރަދުތައް މިހާ ބާރުމިނެއްގައި އިތުރުވި ފުރަތަމަ ފަހަރެވެ. ރަޝިޔާ އާއި ޔޫކްރެއިންގެ ހަނގުރާމަ 4ވަނަ އަހަރަކަށް ދެމިގެން ގޮސްފައިވާއިރު، ރަޝިޔާއިން 190 ބިލިއަން ޑޮލަރު އަދި ޔޫކްރެއިން އިން 84.1 ބިލިއަން ޑޮލަރު ހަނގުރާމައަށް ހޭދަކޮށްފައިވެއެވެ. މީގެ އިތުރުން ޖަރުމަނުވިލާތުގެ ޚަރަދުތައް 24 އިންސައްތަ އިތުރުވެ، 114 ބިލިއަން ޑޮލަރަށް ވަނީ އަރާފައެވެ.

އޭޝިއާ އަދި އޯޝޭނިއާ ސަރަހައްދުގެ އަސްކަރީ ޚަރަދުތައް 8.1 އިންސައްތަ އިތުރުވެފައިވާއިރު، މިއީ 2009 ވަނަ އަހަރަށްފަހު އައި އެންމެ ބޮޑު ކުރިއެރުމެވެ. ދުނިޔޭގެ ދެވަނައަށް އެންމެ ބޮޑު އަސްކަރީ ބަޖެޓް އޮންނަ ޗައިނާއިން ވަނީ އެގައުމުގެ ޚަރަދު 7.4 އިންސައްތަ އިތުރުކޮށް 336 ބިލިއަން ޑޮލަރަށް ބޮޑުކޮށްފައެވެ. ޖަޕާނާއި ޓައިވާނުން ވެސް ވަނީ ސަރަހައްދީ ނުތަނަވަސްކަމާ ގުޅިގެން އެގައުމުތަކުގެ ދިފާއީ ބަޖެޓް ބޮޑުކޮށްފައެވެ.

އެމެރިކާގެ އަސްކަރީ ޚަރަދުތައް 7.5 އިންސައްތަ ދަށްވެ 954 ބިލިއަން ޑޮލަރަށް ވެއްޓިފައިވަނީ، 2025 ވަނަ އަހަރު ޔޫކްރެއިންއަށް ދޭ އަސްކަރީ އެހީ ކޮންގްރެސްއިން ފާސްނުކުރުމާ ގުޅިގެންނެވެ. ނަމަވެސް ސިޕްރީގެ ދިރާސާވެރިން ބުނާ ގޮތުގައި މިއީ ވަގުތީ ދަށްވުމެކެވެ. 2026 ވަނަ އަހަރަށް އެމެރިކާއިން ކަނޑައަޅާފައިވާ ބަޖެޓް 1 ޓްރިލިއަން ޑޮލަރަށްވުރެ ބޮޑުވާނެ ކަމަށް ލަފާކުރެވެއެވެ.

މެދުއިރުމަތީގެ ގައުމުތަކުގެ ޚަރަދުތައް 218 ބިލިއަން ޑޮލަރުގައި ހިފެހެއްޓިފައި ހުރިއިރު، އިޒްރޭލުގެ ޚަރަދުތައް 4.9 އިންސައްތަ ދަށްވެފައިވެއެވެ. ނަމަވެސް މިއީ 2022 ވަނަ އަހަރާ އަޅާބަލާއިރު އަދިވެސް ދެގުނަ އިތުރު އަދަދެކެވެ.

ހިއްސާ ކުރައްވާ!