ސޮލީބީ ސަހުޔޫނީ ހަނގުރާމައިގެ ތެރޭގައި، އީރާނުގެ 60 އަހަރުވީ އެފް 5 މަރުކާގެ ހަނގުރާމަމަތީ ބޯޓަކުން ކުވެއިތުގައި ހުންނަ އެމެރިކާގެ ކޭމްޕް ބިއުރިންގް އަށް ކާމިޔާބު ހަމަލާއެއް ދީފައިވާ ކަމަށް އެމެރިކާގެ އޮފިޝަލުން އެއްބަސް ވެއްޖެއެވެ. އެމެރިކާ އޮފިޝަލުންނާ ހަވާލާދީ އެންބީސީ ނިއުސް އިން ރިޕޯޓް ކުރަމުން ބުނީ ފެބްރުއަރީ މަހުގެ ފަހުކޮޅު ދިން މި ހަމަލާއަކީ އެމެރިކާ އާއި އިސްރާއީލުން ދިން ހަމަލާތަކަށް ބަދަލުހިފުމުގެ ގޮތުން އީރާނުން ދިން ހަމަލާއެއް ކަމަށެވެ.
އެމެރިކާގެ އޮފިޝަލުން ހާމަކުރި ގޮތުގައި، އީރާނުގެ މި ބޯޓު ވަނީ އެމެރިކާގެ ޕެޓްރިއޮޓް މިސައިލް ސިސްޓަމްތަކާއި، ރޭޑާ ނެޓްވޯކްތަކަށް ނޭނގި ވަރަށް ތިރިން އުދުހިގެން ގޮސް ބޮން އަޅާފައެވެ. މި ހަމަލާގައި އަސްކަރީމަރުކަޒުގެ ގުދަންތަކާއި، ބޯޓުތައް ބަހައްޓާ ހޭންގަރުތަކާއި، ރޭޑާ ސިސްޓަމްތަކުގެ އިތުރުން ސެޓެލައިޓް މުއާސަލާތީ ވަސީލަތްތަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވެއެވެ. މިއީ ފާއިތުވި ގިނަ އަހަރުތަކެއްގެ ތެރޭގައި ދުޝްމަނެއްގެ ބޯޓަކުން އެމެރިކާގެ ބޮޑު ބޭހަކަށް މިފަދަ ހަމަލާއެއް ދެވުނު ފުރަތަމަ ފަހަރެވެ.

އެންބީސީގެ ރިޕޯޓުގައިވާ ގޮތުން، އީރާނުން ވަނީ މެދުއިރުމަތީގެ 7 ގައުމެއްގައި ހުރި އެމެރިކާއާ ގުޅުންހުރި 100 އަށްވުރެ ގިނަ ތަންތަނަށް ހަމަލާދީފައެވެ. އޭގެ ތެރޭގައި ގަތަރު، ސައުދީ އަރަބިއްޔާ، ޖޯޑަން، ބަހްރޭން، ޔޫއޭއީ، އިރާގު އަދި ކުވެއިތު ހިމެނެއެވެ. މި ހަމަލާތަކުގެ ސަބަބުން ލިބުނު ގެއްލުންތައް މަރާމާތު ކުރުމަށް 5 ބިލިއަން ޑޮލަރަށްވުރެ ގިނަ ފައިސާ ހޭދަވާނެ ކަމަށް އަންދާޒާ ކުރެވެއެވެ.
ދިފާއީ މާހިރުން ބުނާ ގޮތުގައި، އެފްއ 5 ބޯޓު އެމެރިކާގެ ދިފާއީ ނިޒާމުތަކުން ރެކުނީ އީރާނުން އެމެރިކާގެ ރޭޑާގެ "ބްލައިންޑް ސްޕޮޓް" ތަކުގެ ބޭނުން ހިފައިގެންނެވެ. އަދި މި ހަމަލާ ދީފައިވަނީ އީރާނުގެ ޑްރޯންތަކާއި މިސައިލްތަކުން އެއްފަހަރާ ހަމަލާދީ އެމެރިކާގެ ސަމާލުކަން އެހެން ދިމާލަކަށް އަނބުރާލާފައިވާ ވަގުތެއްގައެވެ. ބައެއް އަސްކަރީ މާހިރުން ގަބޫލުކުރާ ގޮތުގައި މިއީ އީރާނުން އެމެރިކާގެ ފަރުމާއަށް އަމިއްލައަށް ޒަމާނީކޮށްފައިވާ ބޯޓެކެވެ.
ކުވެއިތަށް ހަމަލަ ދިން ބޯޓުގެ ދެފަޅުވެރިން ވަނީ ބޯޓާއެކު އީރާނަށް ގޮސްފައެވެ. އީރާނުފގެ މީޑިއާއިން މިހާރު ދަނީ އެ މީހުންނާއި ބޯޓުގެ ފޮޓޯތައްވެސް އާންމު ކުރަމުންނެވެ.
މި ވައްތަރުގެ ބޯޓަކުން އަލްއުދައިދަށްވެސް ހަމަލަ ދޭން އުޅުނެވެ. ނަމަވެސް އެ ބޯޓު ވައްޓާލައި އޭގެ ޕައިލެޓް ވަނީ ޝަހީދުވެފައެވެ.
މި ހަމަލާއާ ގުޅިގެން އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގެ މެންބަރުން ވަނީ އެމެރިކާގެ ބޭސްތަކުގެ ރައްކާތެރިކަން ހުރި ގޮތް އަލުން މުރާޖައާ ކުރުމަށް ގޮވާލާފައެވެ. މި ހާދިސާގެ ސަބަބުން، ޒަމާނީ ދިފާއީ ނިޒާމުތައް ހުރި ނަމަވެސް، ތިރިން އުދުހޭ ބޯޓުފަހަރުގެ ނުރައްކާ އެމެރިކާގެ ސިފައިންނަށް ބޮޑުކަން ވަނީ ހާމަވެފައެވެ.


