މުރާސިލުންގެ ޖާފަތުގައި ބަޑި ޖެހުމުގެ ކުރިން ވައިޓްހައުސްގެ ތަރުޖަމާނުގެ ފިރިކަލުންގެ އިންޒާރު ނޫސްވެރިޔާއަށް

ވައިޓް ހައުސްގެ ޕްރެސް ސެކްރެޓަރީ ކެރޮލީން ލީވިޓްގެ ފިރިކަލުން ދެއްވި އިންޒާރެއްގެ ވާހަކަ ފޮކްސް ނިއުސްގެ ކޮރެސްޕޮންޑެންޓް އައިޝާ ހަސްނީ ކިޔައިދެމުން ދަނިކޮށް، ހޮނިހިރު ދުވަހުގެ ރޭ ފޮކްސް ނިއުސްގެ ލައިވް ރިޕޯޓް ކުއްލި ގޮތަކަށް މެދުކެނޑިއްޖެއެވެ. މި ހާދިސާ ހިނގާފައިވަނީ ވައިޓް ހައުސް ގެ މުރާސިލުންގެ ޖާފަތް ކުރިއަށް ދަނިކޮށް ހިނގި ބަޑިޖެހުމުގެ ހާދިސާއާ ގުޅިގެންނެވެ.

ވޮޝިންޓަން ހިލްޓަންގައި އޭޕްރީލް 25 ވަނަ ދުވަހު ބޭއްވި މި އަހަރީ ހަފްލާގެ ތެރޭގައި ބަޑިޖެހުމުގެ އަޑު އިވުމާއެކު، ސީކްރެޓް ސާވިސް އިން ވަނީ ރައީސް ޑޮނަލްޑް ޓްރަމްޕާއި ފަސްޓް ލޭޑީ މެލަނިއާ ޓްރަމްޕް އެ ތަނުން ރައްކާތެރިކަމާއެކު ބޭރުކޮށްފައެވެ. މި ހާދިސާއާ ގުޅިގެން ޖާފަތް މެދުކަނޑާލިއެވެ.

ހާދިސާ ހިނގި ވަގުތު ބޯލްރޫމް ތެރޭގައި ހުރި ހަސްނީ ބުނި ގޮތުގައި، އޭނާ އިނީ ތަރުޖަމާން ލީވިޓްގެ ފިރިކަލުން އުމުރުން 60 އަހަރުގެ ނިކޮލަސް ރިޗިއޯގެ ކައިރީގައެވެ. ހަސްނީ ކިޔައިދިން ގޮތުގައި އެމެރިކާގެ ގައުމީ ސަލާމަށްފަހު ރިޗިއޯ އޭނާގެ ކައިރީގައި "ވަރަށް ރައްކާތެރިކޮށް ހުށިޔާރަށް ހުންނަން ޖެހޭނެ" ކަމަށް ބުނެ އިންޒާރު ކުރިއެވެ. އަދި އޭނާ ކޮޓަރި ތެރެއަށް ބަލާލުމަށްފަހު "އެބަހުރި ބައެއް…" އޭ ބުނި ވަގުތު ފޮކްސް ނިއުސްގެ ލައިވް ފީޑް ވަނީ ކެނޑިފައެވެ. އެ ވަގުތަކީ ބަޑި ޖެހި ވަގުތެވެ.

މި ކުއްލި މެދުކެނޑުމާ ގުޅިގެން ސޯޝަލް މީޑިއާ ޕްލެޓްފޯމް 'އެކްސް' ގައި ގިނަ ބަޔަކު ވަނީ ސުވާލު އުފައްދާފައެވެ. ބައެއް ބެލުންތެރިން ތުހުމަތު ކުރާ ގޮތުގައި މިއީ ގަސްދުގައި ކަނޑާލި ކޯލެކެވެ. އަދި ބައެއް މީހުން ވަނީ މި ހާދިސާ ހިނގާނެކަން ބައެއް މީހުންނަށް ކުރިން އެނގެނީތޯ ސުވާލު އުފައްދާފައެވެ.

މީގެ އިތުރުން، އެ ރޭގެ ކުރީކޮޅު ލީވިޓް ދެއްވި އިންޓަވިއުއެއްގައި "މިރޭ މި ހޯލް ތެރޭގައި ބަޑީގެ ހަމަލާތަކެއް ފެންނާނެ" ކަމަށް ބުނެފައިވާ ވީޑިއޯއެއް ވެސް ވަނީ އަލުން ފެންމަތިވެފައެވެ. މިއީ ޓްރަމްޕްގެ ވާހަކަދެއްކުމުގެ ވައްޓަފާޅިއަށް އިޝާރާތްކޮށް ބުނި އެއްޗެއް ކަމަށް ފަހުން އޭނާ ވިދާޅުވިއެވެ. ނަމވެސް، ބަޑިޖެހުމުގެ ހާދިސާއަށްފަހު ގިނަ ބަޔަކު ދަނީ އެކަމާ މެދު ސުވާލު އުފައްދަމުންނެވެ.

މި ހާދިސާއާ ގުޅިގެން ކެލިފޯނިއާއަށް ނިސްބަތްވާ 30 އަހަރުގެ ފިރިހެނަކު ވަނީ ހައްޔަރުކޮށްފައެވެ. ރިޗިއޯ ނުވަތަ ލީވިޓްގެ ބަސްތަކާ މި ހާދިސާއާ ގުޅުމެއްވާ ކަމުގެ އެއްވެސް ހެއްކެއް މިހާތަނަށް ފެނިފައެއް ނުވެއެވެ. ފޮކްސް ނިއުސް އިން ވެސް މި މެދުކެނޑުމާ ގުޅޭގޮތުން އަދި އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.

އުމުރުން 28 އަހަރުގެ ލީވިޓް އާއި އުމުރުން 60 އަހަރުގެ ރިޗިއޯ ގެ ފުރަތަމަ ދަރިފުޅު މިއަހަރު އުފަންވާނެ ކަމަށް ބެލެވެއެވެ.

ހިއްސާ ކުރައްވާ!