އިޒްރޭލާއި އެމެރިކާއިން އީރާނަށް ދެމުންދާ ސޮލީބީ ސަހުޔޫނީ ހަމަލާތަކާ ގުޅިގެން ޗައިނާއިން ގެންގުޅޭ މަޑުމައިތިރި ސިޔާސަތަށް ބައިނަލްއަގުވާމީ ސަމާލުކަން ލިބިފައިވާއިރު، ޗައިނާގެ އިސްތިރާތީޖީ މުހައްލިލުން ބުނަނީ އީރާނު ދިފާއުކުރުމަށް ބެއިޖިންގްއިން ދުވަހަކުވެސް އަސްކަރީ ވައުދެއް ވެފައިނުވާނެ ކަމަށެވެ. ޗައިނާއާއި އީރާނުގެ ދެމެދުގައި އޮތް ގުޅުމަކީ އިގްތިސާދީ އަދި ޑިޕްލޮމެޓިކް ގުޅުމެއް ކަމަށާއި، މިއީ އެކަކު އަނެކަކު ދިފާއުކުރުން ލާޒިމްކުރާ ފަދަ އަސްކަރީ އިއްތިހާދެއް ނޫންކަމަށް އެ ފަރާތްތަކުން ފާހަގަކުރެއެވެ.
ޗައިނާގެ އެނަލިސްޓުން ސިފަކުރާ ގޮތުގައި އީރާނުގެ ހާރިޖީ ސިޔާސަތަކީ "ފުރުސަތުގެ ބޭނުން ހިފާ" އަދި "ބޮޑާ" ސިޔާސަތެކެވެ. އީރާނުގެ އަމަލުތައް އިންޑިއާއާ އެއްގޮތްކަމަށް ބުނެ ފާޑުކިޔަމުން، ޗައިނާގައި ހުންނަ އީރާނުގެ ސަފީރު ދާދިފަހުން ޗައިނާއިން ސަލާމަތީ ޒިންމާތަކެއް އުފުލުމަށް ގޮވާލި ގޮވާލުމަކީ ހަގީގަތާ ނުބައްދަލު ކަމެއްގެ ގޮތުގައި އެ ފަރާތްތަކުން ސިފަކުރެއެވެ. ޗައިނާއަކީ އަބަދުވެސް ބޭރުގެ ހަނގުރާމަތަކުގެ ތެރެއަށް އަސްކަރީ ގޮތުން ވަނުމާ ދުރުހެލިވާ ގައުމެކެވެ.
އީރާނުގެ އެންމެ މަތީ ވެރިޔާ އަލީ ޚާމަނާއީ ޝަހީދުކޮށްލުމާއި އެމެރިކާ އަދި އިޒްރޭލުގެ އަމަލުތައް ބެއިޖިންގްއިން ކުށްވެރިކުރި ނަމަވެސް، އަސްކަރީ އެހީތެރިކަމެއް ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ. މުހައްލިލުން ފާހަގަކުރާ ގޮތުގައި ވެނެޒުއޭލާގެ މައްސަލައިގައި ޗައިނާއިން މިއަށްވުރެ މާ ވަރުގަދަ ފިޔަވަޅުތަކެއް އެޅިއެވެ. މިއިން ދޭހަވަނީ ބޭރުގެ ކަންކަމުގައި ޗައިނާއިން ގެންގުޅެނީ ވަކި ކަންކަމަށް ބަލައިގެން އެކުލަވާލާފައިވާ ސިޔާސަތެއް ކަމެވެ.
ޗައިނާގެ އިސްތިރާތީޖީ ނިންމުންތައް ބިނާވެފައިވަނީ ގަލްފު ސަރަހައްދުގައި އޮތް އެ ގައުމުގެ ފުޅާ މަސްލަހަތުތަކުގެ މައްޗަށެވެ. ޗައިނާއަށް އެތެރެކުރާ ތެލުގެ 13 އިންސައްތަ އީރާނުން ހިއްސާކުރި ނަމަވެސް، ސައުދީ އަރަބިއްޔާއާއި ޔޫއޭއީ ފަދަ ގައުމުތަކާއެކު އޮތް ގުޅުމަށް ބެއިޖިންގްއިން އިސްކަންދެއެވެ. ދިރާސާކުރާ ފަރާތްތަކުން ބުނާ ގޮތުގައި "އީރާނަށް ޗައިނާ ބޭނުންވި ނަމަވެސް، ޗައިނާއަށް އީރާނު އެހާ މުހިންމެއް ނޫނެވެ."
މީގެ އިތުރުން، ދެ ގައުމުގެ ދެމެދުގައި އޮތް 25 އަހަރުގެ އެއްބަސްވުން ތަންފީޒުކުރުން ލަސްވުމާއި، ގިނަ މަޝްރޫއުތަކެއް ހުއްޓިފައި އޮތުމުން ޗައިނާގެ ކަންބޮޑުވުންތައް އެބަހުއްޓެވެ. އީރާނުން ޗައިނާގެ ވިޔަފާރި މަސްލަހަތުތަކަށް އިހުތިރާމް ކޮށްފައިނުވާ ކަމަށް ބުނެ، އީރާނަކީ އިތުބާރު ހިފޭ އިސްތިރާތީޖީ ބައިވެރިއެއްގެ ގޮތުގައި ޗައިނާގެ މުހައްލިލުން މިހާރު ގަބޫލެއް ނުކުރެއެވެ.
ޗައިނާއިން އީރާނަށް ޑިޕްލޮމެޓިކް އަދި އިގްތިސާދީ އެހީތެރިކަން ފޯރުކޮށްދިން ނަމަވެސް، އެއްވެސް ހާލެއްގައި އަސްކަރީ ގޮތުން މައްސަލައިގެ ތެރެއަށް ނުވަންނާނެއެވެ. ބެއިޖިންގްއިން ތެހެރާނަށް ދޭ މެސެޖަކީ ސަރަހައްދީ ހަމަޖެހުން ގާއިމުކުރުމަށް އަމިއްލައަށް މަސައްކަތްކުރުމަށާއި، ބޭރުގެ ބާރުތަކަށް މާބޮޑަށް ބަރޯސާނުވުމަށެވެ. މިއީ މެދުއިރުމަތީގެ ހަމަނުޖެހުންތަކުން ދުރުހެލިވުމަށް ޗައިނާއިން ގެންގުޅޭ ދިގު މުއްދަތުގެ ސިޔާސަތާ އެއްގޮތް ނިންމުމެކެވެ.
