އިންޑިއާގެ ޑިފެންސް ރިސާޗް އެންޑް ޑިވެލޮޕްމަންޓް އޯގަނައިޒޭޝަން (ޑީއާރުޑީއޯ) އިން، އެ ގައުމުގެ ސިފައިންގެ ބޭނުންތަކަށް ޚާއްސަކޮށްގެން ތައްޔާރުކޮށްފައިވާ ދެވަނަ ޖީލުގެ ދެ އާމަޑް ޕްލެޓްފޯމެއް މަހާރާޝްތުރާގައި ދައްކާލައިފިއެވެ. މި ޕްލެޓްފޯމްތައް އިފްތިތާހުކޮށްދެއްވީ ޑީއާރުޑީއޯގެ ޗެއާމަން ޑރ. ސަމީރު ވީ. ކަމަތު އެވެ.
ވެހިކަލް ރިސާޗް އެންޑް ޑިވެލޮޕްމަންޓް އެސްޓަބްލިޝްމަންޓުން ފަރުމާކޮށްފައިވާ މި ދެ ޕްލެޓްފޯމަކީ ވެސް އިންޑިއާގައި އަމިއްލައަށް އުފައްދާފައިވާ އުޅަނދުތަކެކެވެ. މި ސިސްޓަމްގައި 7.62 މިލިމީޓަރުގެ ޕީކޭޓީ ބަޑިއަކާއި އެންޓި-ޓޭންކް ގައިޑަޑް މިސައިލް ފޮނުވާލުމުގެ ގާބިލުކަން ހިމެނެއެވެ. މީގެ އިތުރުން، އޮޓޮމެޓިކް ޓްރާންސްމިޝަނާއި ބާރުގަދަ އިންޖީނުތަކުގެ ސަބަބުން މި އުޅަނދުތަކުގެ ދުވެއްޔާއި ހަރަކާތްތެރިވުމުގެ ފެންވަރު ވަނީ މަތިކޮށްފައެވެ.
މި އުޅަނދުތަކަކީ ސްޓެނަގް ލެވެލް 4 އަދި 5 ގެ ރައްކާތެރިކަން ފޯރުކޮށްދޭ، ބެލިސްޓިކް އަދި ބްލާސްޓް ޝީލްޑިންގް ހިމެނޭ އުޅަނދުތަކެކެވެ. އަދި ހައިޑްރޯ ޖެޓް ސިސްޓަމް ބޭނުންކޮށްގެން ފެނުގެ ހުރަސްތައް ގިރާކުރުމުގެ އެމްފިބިއަސް ގާބިލިއްޔަތު ކަން ވެސް މި އުޅަނދުތަކުގައި ވަނީ ވަރުގަދަކޮށްފައެވެ. މި ޕްލެޓްފޯމްތަކަކީ ކުރިމަގުގައި ހަނގުރާމައިގެ އެކި ބޭނުންތަކަށް ބަދަލުކޮށްލެވޭ ގޮތަށް ފަރުމާކޮށްފައިވާ އުޅަނދުތަކެކެވެ.
މި މަޝްރޫއުގެ ދަށުން އުފެއްދި އުޅަނދުތަކުގެ 65 އިންސައްތަ ތަކެއްޗަކީ އިންޑިއާގައި އަމިއްލައަށް އުފައްދާފައިވާ ތަކެއްޗެވެ. އަދި މި އަދަދު 90 އިންސައްތައަށް އިތުރުކުރުމަށް ވަނީ އަމާޒު ހިފާފައެވެ. މި އުޅަނދުތައް އުފެއްދުމުގައި ޓާޓާ އެޑްވާންސްޑް ސިސްޓަމްސް ލިމިޓެޑާއި ބާރަތު ފޯޖް ލިމިޓެޑްގެ އިތުރުން ކުދި އަދި މެދު ފަންތީގެ ގިނަ ކުންފުނިތަކެއްގެ އެހީތެރިކަން ވަނީ ލިބިފައެވެ.
މި ރަސްމިއްޔާތުގައި ޑީއާރުޑީއޯގެ ސައިންސްވެރިންނާއި ސިނާއީ ދާއިރާގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ. މި އާ ޕްލެޓްފޯމްތަކަކީ އިންޑިއާގެ އަސްކަރިއްޔާ ޒަމާނީ ކުރުމަށާއި، ދިފާއީ އުފެއްދުންތަކުގައި އަމިއްލަ ފައިމައްޗަށް ތެދުވުމަށް ކުރަމުންދާ މަސައްކަތުގެ މުހިންމު ފިޔަވަޅެއް ކަމަށް އޮފިޝަލުން ވިދާޅުވިއެވެ.


