ނޭޕާލްގެ ކުރީގެ ބޮޑުވަޒީރު ކޭ.ޕީ ޝަރުމާ އޯލީގެ ދައުރުގައި ޗައިނާއާ އެކު ފަށާފައިވާ ބޮޑެތި މަޝްރޫއުތައް މުރާޖައާކުރުމަށް ނޭޕާލް ސަރުކާރުން މަތީ ފެންވަރުގެ ތަހުގީގެއް ފަށައި، ބެލްޓް އެންޑް ރޯޑް އިނިޝިއޭޓިވް (ބީ.އާރު.އައި) ގެ އާ އެއްބަސްވުންތަކުގައި ސޮއިކުރުން ވަގުތީގޮތުން ހުއްޓާލައިފިއެވެ. ކަތުމަންޑޫގައި ސަރުކާރުން މި ނިންމުން އިއުލާނުކުރީ، މަޝްރޫއުތައް ހުއްޓިފައި ހުރުމާއި، ފައިސާގެ މުއާމަލާތްތައް ދެފުށް ފެންނަ ގޮތެއްގައި ނެތުމުގެ ކަންބޮޑުވުންތައް އިތުރުވަމުންދާ ދަނޑިވަޅެއްގައެވެ.
ސަރުކާރުގެ އޮފިޝަލުން ވިދާޅުވި ގޮތުގައި، މިކަމަށް އެކުލަވާލާ ފައިވާ ތަހުގީގު ކޮމިޓީން ބަލާނީ 2016 އާއި 2018 އާ ދެމެދު އިއުލާނުކުރި ބޮޑެތި މަޝްރޫއުތައް ކުރިއަށް ނުގޮސް ހުއްޓިފައިވާ ސަބަބުތަކާ ބެހޭ ގޮތުންނެވެ. މި މުރާޖައާގައި މާލީ ޒިންމާތަކާއި، މަޝްރޫއުތައް ތަންފީޒުކުރުމުގައި ހުރި ހުރަސްތަކުގެ އިތުރުން، އެ މަޝްރޫއުތަކަކީ ނޭޕާލްގެ ގައުމީ މަސްލަހަތާ އެއްގޮތްވާ މަޝްރޫއުތަކެއްތޯ ބަލާނެއެވެ.
މިގޮތުން ހުއްޓިފައިވާ މަޝްރޫއުތަކުގެ ތެރޭގައި މުހިންމު ބުދީ ގަންޑާކީ ހައިޑްރޯޕަވަރ މަޝްރޫއު ހިމެނެއެވެ. 2017 ވަނަ އަހަރު ޗައިނާގެ ކުންފުންޏަކާ ހަވާލުކުރި މި މަޝްރޫއުގެ އެއްބަސްވުން އެކި ފަހަރު މަތިން އުވާލައި އަލުން އާކުރި ނަމަވެސް، 2022 ވަނަ އަހަރުން ފެށިގެން އެއްވެސް އަމަލީ މަސައްކަތެއް ކުރިއަށް ނުދެއެވެ. މީގެ އިތުރުން ކޭރުންގް-ކަތުމަންޑޫ ރޭލްވޭ މަޝްރޫއާއި، ބޯޑަރު ސަރަހައްދުގެ އިންފްރާސްޓްރަކްޗަރ މަސައްކަތްތައް ވެސް ވަނީ ހުއްޓިފައެވެ.
ޑިޖިޓަލް އިންފްރާސްޓްރަކްޗަރގެ ދާއިރާއިން ހުއާވޭ އަދި ޒެޑް.ޓީ.އީ އާ އެކު ވެފައިވާ އެއްބަސްވުންތައް ވެސް ކުރިއަށްދަނީ ވަރަށް ލަސް ދުވެއްޔެއްގައެވެ. މަސްއޫލުވެރިން ފާހަގަކުރާ ގޮތުގައި، ގިނަ އެއްބަސްވުންތަކަކީ ދެފުށް ފެންނަ ގޮތެއްގައި ވެފައިވާ އެއްބަސްވުންތަކެއް ނޫނެވެ. އަދި ނޭޕާލްގެ އުނދަގޫ ޖޯގްރަފީގެ ސަބަބުން މިފަދަ ބޮޑެތި މަޝްރޫއުތައް ހިންގުމަކީ ފަންނީ ގޮތުންނާއި މާލީ ގޮތުން ބޮޑެތި ގޮންޖެހުންތަކެއް ހުރި ކަމެއްކަން ވެސް އެފަރާތްތަކުން ފާހަގަކުރެއެވެ.
ސަރުކާރުގެ މި ނިންމުމަކީ އޯލީގެ ސަރުކާރުން ގެންގުޅުނު ސިޔާސަތަށް އައި ބޮޑު ބަދަލެކެވެ. މިހާރުގެ ސަރުކާރުން ގަބޫލުކުރާ ގޮތުގައި ބޭރުގެ ގައުމުތަކާ އެކު ކުރިއަށްގެންދާ ގުޅުންތަކަކީ ގައުމުގެ ދިގު މުއްދަތުގެ މަސްލަހަތަށް ފައިދާހުރި ކަންކަމަށް ވާންޖެހެއެވެ. އަދި ބައެއް މަޝްރޫއުތަކަކީ ނޭޕާލްގެ ތަރައްގީއަށް ވުރެ ބޮޑަށް ޗައިނާގެ އިސްތިރާތީޖީ މަސްލަހަތުތަކަށް އިސްކަންދީފައިވާ މަޝްރޫއުތަކެއް ކަމުގެ ކަންބޮޑުވުން ވެސް އޮފިޝަލުން ފާޅުކުރެއްވިއެވެ.
މި ނިންމުމަކީ ނޭޕާލްގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކުރުމަށް އެޅި ފިޔަވަޅެއްގެ ގޮތުގައި ބެލެވެއެވެ. ސަރުކާރުން ބޭނުންވަނީ އެއް ގައުމަކަށް ބަރޯސާވުން ކުޑަކޮށް، ކުރިމަގުގައި ހިންގާ މަޝްރޫއުތަކަކީ ދެފުށް ފެންނަ، ޖަވާބުދާރީވެވޭ މަޝްރޫއުތަކަކަށް ހެދުމަށެވެ. ތަހުގީގު ކޮމިޓީގެ ރިޕޯޓް ނެރެންދެން ޗައިނާގެ ބީ.އާރު.އައިގެ އެއްވެސް އާ މަޝްރޫއެއްގައި ސޮއިނުކުރާނެ ކަމަށް ނޭޕާލުން ވަނީ ކަނޑައަޅާފައެވެ.


