ޕާކިސްތާނުގައި އެއްފަހަރަށްވުރެ ގިނަފަހަރު ސިރިންޖު ބޭނުން ކުރަމުންދާ ކަމަށާއި އެގޮތަށް ބޭނުން ކުރުން މަނާކޮށްފައި އޮތް ނަމަވެސް، އެ ގައުމުގެ ހޮސްޕިޓަލްތަކާއި ފާމަސީތަކުގައި އަދިވެސް މިފަދަ ސިރިންޖުތައް އާންމުކޮށް ބޭނުންކުރަމުންދާކަން ތަހުގީގަކުން ހާމަވެއްޖެއެވެ.
"ދަ ނިއުސް" އިން ކުރިއަށް ގެންދިޔަ މި ތަހުގީގުން ދައްކާ ގޮތުގައި، މި ސިރިންޖުތަކަކީ އެއްފަހަރު ބޭނުންކުރުމަށްފަހު އަމިއްލައަށް ހަލާކުވާ ރައްކާތެރި އެއްޗެއްގެ ގޮތުގައި ބައެއް ކުންފުނިތަކުން ދަނީ އޮޅުވާލައިގެން މާކެޓް ކުރަމުންނެވެ.
މި ތަހުގީގުން އިތުރަށް ހާމަވި ގޮތުގައި، އެއްފަހަރު ބޭނުންކުރާ ސިރިންޖުގެ ގޮތުގައި ވިއްކާ ގިނަ ސިރިންޖުތަކަކީ، ބޭނުންކުރުމަށްފަހު އޭގެ "ޕްލަންޖަރ" ލޮކް ނުވާ ތަކެއްޗެވެ. ސިއްހީ މާހިރުން އިންޒާރު ދޭ ގޮތުގައި، މި އޮޅުވާލުމުގެ ސަބަބުން އެޗް.އައި.ވީ އާއި ހެޕަޓައިޓިސް ފަދަ ލޭގެ ޒަރީއާއިން ފެތުރޭ ނުރައްކާތެރި ބަލިތައް ކޮންޓްރޯލް ކުރުމަށް އަޅާފައިވާ ފިޔަވަޅުތަކަށް ބޮޑެތި ހުރަސްތަކެއް އެޅި، އާންމު ސިއްހަތަށް ބޮޑު ނުރައްކަލެއް ވަނީ ކުރިމަތިވެފައެވެ.
ޕާކިސްތާނުގެ ޑްރަގް ރެގިއުލޭޓަރީ އޮތޯރިޓީ އިން ވަނީ މި ގަވާއިދުތައް ތަންފީޒުކުރުމުގައި އިހުމާލުތަކެއް ހުރިކަމަށް އެއްބަސްވެފައެވެ. ނަމަވެސް، އެ އޮތޯރިޓީން ބުނަނީ ގަވާއިދުތައް ހަރުދަނާކުރުމަށް ފިޔަވަޅުތައް އަޅަމުންދާ ކަމަށެވެ. އެހެންނަމަވެސް، ފީލްޑް ރިޕޯޓްތަކުން ދައްކާ ގޮތުގައި ޕެޝާވަރު، މުލްތާން އަދި ޖެކޮބްއާބާދު ފަދަ ސިޓީތަކުގެ ފާމަސީތަކާއި ރަށު ތެރޭގެ ކުލިނިކުތަކުން މަނާކޮށްފައިވާ ސިރިންޖުތައް އާންމުކޮށް ލިބެން ހުރެއެވެ. މިއީ ސަރުކާރުގެ މަނާކުރުން ހަމައެކަނި "ކަރުދާހުގައި" އޮތް ކަމެއްކަން ދޭހަވާ ކަމެއް ކަމަށް ރިޕޯޓްތައް ބުނެއެވެ.
މި ސިރިންޖުތައް އުފައްދާ މަރުކަޒުތައް ތަހުގީގު ކުރި ކުރުމުން އެނގުނު ގޮތުގައި، ގަދޫން އަމަޒާއި އިންޑަސްޓްރިއަލް ޒޯންގައި ހުރި ފެކްޓްރީތަކުން ދަނީ ސިއްހީ ގަވާއިދުތަކާ ހިލާފަށް، ސިއްރުން މިފަދަ ސިރިންޖުތައް އުފައްދަމުންނެވެ. ޖެކޮބްއާބާދު އިންސްޓިޓިއުޓް އޮފް މެޑިކަލް ސައިންސަސްގެ މުވައްޒަފަކު ބުނި ގޮތުގައި، މި ސިރިންޖުތައް މާކެޓުގައި އާންމުކޮށް ލިބެން ހުންނައިރު، ތަކުރާރުކޮށް ޝަކުވާ ހުށަހެޅުމުންވެސް ކަމާބެހޭ ފަރާތްތަކުން އެކަށީގެންވާ ފިޔަވަޅެއް އަޅާފައެއް ނުވެއެވެ.



