އެމެރިކާއާއި އަރަބި ބޮޑުންނަށް އުމުރު ހަމަނުވާ އަންހެން ކުދިން ހޯދައިދިނުމަށް މަސައްކަތް ކުރި ކަމަށް މަޝްހޫރުވެ ކުށްތަކެއް ސާބިތުވެ، ޖަލުގައި އަމިއްލައަށް މަރުވި އެމެރިކާގެ މަހުޖަނު ޖެފްރީ އެޕްސްޓީން، ކެރީބިއަން ކަނޑުގައި އޮންނަ އޭނާގެ އަމިއްލަ ޖަޒީރާގައި މިސްކިތެއް ހަދަން އުޅުނުކަން ހާމަވެއްޖެއެވެ.
މިކަމާ ގުޅޭގޮތުން ހާމަވެފައިވާ މައުލޫމާތަށް ބަލާއިރު، އެޕްސްޓީން ވަނީ މެދުއިރުމަތީގެ ގައުމުތަކުގެ އަމީރުންނާއި މަހުޖަނުންނާ ގާތް ގުޅުމެއް ބާއްވައި، އެ ގުޅުންތަކުގެ ބޭނުން ހިފައިގެން އިސްލާމީ އާސާރީ އަދި މުގައްދަސް ތަކެތި ހޯދާފައެވެ. އޭގެ ތެރޭގައި ސައުދީ އަރަބިއްޔާގެ ޝާހީ އާއިލާގެ ބައެއް ބޭފުޅުންނާއި ސިޔާސީ ނުފޫޒުގަދަ ފަރާތްތައް މެދުވެރިކޮށް ކައުބާގެ ކިސްވާކޮޅު ހޯދުމާއި ބައެއް އިސްލާމީ އާސާރީ އަގުހުރި ތަކެތި ހޯދުން ހިމެނެއެވެ.
އަދި އުޒްބަކިސްތާނުގައި އަތުން ފަރުމާކޮށްފައިވާ އިސްލާމީ މިއުމާރީ ފަންނު ދައްކައި ދޭ ތަށިމުށިތަކުގެ އިތުރުން، ސީރިއާގެ ކުރީގެ ފަންނުވެރިކަމަށް ބިނާކޮށް ތައްޔާރުކޮށްފައިވާ ރަން ގުއްބެއް ވެސް ހިމެނެއެވެ. މި ތަކެތި ބޭނުންކޮށްގެން އޭނާ ވަނީ އޭނާގެ ޖަޒީރާގައި ނޫކުލައާއި ހުދުކުލައިގެ ރޮނގުތަކެއް ދަމާފައިވާ ބިނާއެއް ފަރުމާކޮށްފައެވެ.
ރުމޭނިއާގެ އާޓިސްޓް އިއޮން ނިކޯލާއާއެކު ބަދަލުކޯށްފައިވާ އީމެއިލްތަކުގައި މި ބިނާއަށް މިސްކިތް ކަމަށް ބުނެފައި ވެއެވެ. އަދި ނިކޯލާއާއެކު ބަދަލުކޮށްފައިވާ އީމެއިލްތަކުން އެނގޭ ގޮތުގައި، އެޕްސްޓީން ވަނީ "ﷲ" ގެ އިސްމުފުޅު ލިޔާއިރު އަކުރުތަކަށް ބަދަލު ގެނަސް (އޭ)ގެ ބަދަލުގައި އޭނާގެ ނަމުގެ ފުރަތަމަ އަކުރު ކަމުގައިވާ (އީ) އަށް ބަދަލު ކުރުމަށްވެސް ނިކޯލާއަށް އަންގާފައެވެ. މިއީ އަރަބި އަމީރުންނާއި މަހުޖަނުން ގާތް ގުޅުން ބޭއްވި ދައްލާލު އިސްލާމީ މުގައްދަސް ތަކެއްޗަށް ކުރި ވަރަށް ބޮޑު އިހާނެތްތެރިކަމެއްގެ ގޮތުގައި ބެލެވެއެވެ.

އެޕްސްޓީން އިސްލާމީ ފަންނަށް ޝައުގުވެރިކަން ދައްކާތާ ގިނަ އަހަރުތަކެއް ވެފައިވެއެވެ. އޭނާގެ އަތުގައި އިސްލާމީ އަރަބި ގައުމެއްގެ މިސްކިތަކުން ހޯދާފައިވާ ބޮޑު ފާރިސީ ކާޕެޓެއް އޮންނަ ކަމަށް ވެސް ރެކޯޑްތަކުން ދައްކައެވެ. އަދި 2009 ވަނަ އަހަރު އޭނާ ޖަލުގައި ހުރި ދުވަސްވަރުވެސް، އޭނާ ވަނީ ތުރުކީ ހައްމާމް ފަދަ ފެންވަރާގެތަކާއި ގިފިލި ހެދުމަށާއި އިސްލާމީ ފަރުމާގެ ބަގީޗާތައް ހެދުމަށް އެޕްސްޓީން ޖަޒީރާގެ އާކިޓެކްޓުންނަށް އަމުރުކޮށްފައެވެ.
އަރަބި އަމީރުންނާއި މުއްސަނދިންގެ އަތުން އިސްލާމީ ސާމާން ހޯދުމުގައި އޭނާއަށް އެންމެ ބޮޑު އެހީތެރިކަމެއް ލިބުނީ ނޯވޭގެ ޑިޕްލޮމެޓެއް ކަމަށްވާ ޓާޖޭ ރޮޑް-ލާސަން މެދުވެރިކޮށް އުފެއްދި ގުޅުންތަކުންނެވެ. މި ގުޅުންތަކުގެ ތެރެއިން ސައުދީ ވަލީއަހުދު މުހައްމަދު ބިން ސަލްމާނާއި، ކޮންސަލްޓަންޓް ރާފަތު އައްސައްބާޣް އަދި ޝާހީ މުޝީރު އަޒީޒާ އަލް އަހުމަދީއާ އޭނާ ބައްދަލުކޮށްފައިވެއެވެ. އަދި ޔޫއޭއީގެ ބޮޑުންނާއެކު ގާތް ގުޅުން ބާއްވާފައި ވެއެވެ. ޔޫއޭއީގެ ސަރުކާރުގެ އިސް އަންހެން ކަނބަލަކު ވަނީ އޭނާގެ އުމުރު ހަމަނުވާ ކޮއްކޮވެސް އެޕްސްޓީނަށް ހަދިޔާއަކަށް ހުށަހަޅާފައި ކަމަށް މީޑިއާ ރިޕޯޓްތަކުގައި ތުހުމަތުކޮށްފައި ވެއެވެ.
އަޒީޒާ އަލް އަހުމަދީއާ ގުޅުންހުރި އީމެއިލްތަކުން އެނގޭ ގޮތުގައި، "މަދުވެގެން 10 މިލިއަން މުސްލިމުން އަތްލާފައިވާ" ކައުބާގެ ކިސްވާގެ ތިން ފޮތިކޮޅު އޭނާ އެޕްސްޓީންއަށް ފޮނުވާފައިވެއެވެ. މިއީ އޭނާގެ ނުފޫޒު ދެއްކުމަށާއި ވިޔަފާރީގެ މަސްލަހަތުތައް ކުރިއެރުވުމަށް ބޭނުންކުރި ވަސީލަތްތަކެއް ކަމުގައި ބުނެއެވެ.





