ޕީސީބީގެ ޗެއާމަންކަމަށް މުހައްމަދު ނިޒާރު އައްޔަންކުރައްވައިފި

ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) ގެ ޗެއާމަންގެ މަގާމުގައި ހުންނެވި މުހައްމަދު އަނަސް އިސްތިއުފާ ދެއްވުމާ ގުޅިގެން، އެ މަގާމަށް މުހައްމަދު ނިޒާރު އައްޔަންކުރައްވައިފިއެވެ. ޕީސީބީން ވަނީ އަނަސް މަގާމުން އިސްތިއުފާ ދެއްވިކަން ކަށަވަރުކޮށްދީ، އޭނާގެ އިސްތިއުފާ ގަބޫލުކޮށްފައިވާކަން ހާމަކޮށްފައެވެ.

ނިޒާރު މި މަގާމަށް އައްޔަންކުރެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުއެވެ. ޕީސީބީން ވަނީ އާ ޗެއާމަން ނިޒާރަށް މަރުހަބާ ދަންނަވައި، ކުރީގެ ޗެއާމަން އަނަސް އެ ބޯޑަށް ކޮށްދެއްވި ހިދުމަތްތަކަށް ޝުކުރު އަދާކޮށްފައެވެ.

މުހައްމަދު ނިޒާރަކީ ދައުލަތުގެ ކުންފުނިތައް ބެލެހެއްޓުމާއި ކޯޕަރޭޓް ގަވަރނަންސްގެ ދާއިރާއިން ގިނަ ދުވަސްތަކެއްގެ ތަޖުރިބާ ލިބިވަޑައިގެންފައިވާ ބޭފުޅެކެވެ. އޭނާ ވަނީ މީގެ ކުރިން 2014 އިން 2019 އަށް ޕީސީބީގެ ރައީސްކަން ކުރައްވާފައެވެ. އެ މުއްދަތުގައި ސަރުކާރުގެ ކޯޕަރަޓައިޒޭޝަން އެޖެންޑާ ކުރިއެރުވުމަށާއި، ދައުލަތުގެ ކުންފުނިތައް މޮނީޓާކުރާނެ އޮނިގަނޑުތައް ވަރުގަދަކުރުމަށް އޭނާ މުހިންމު މަސައްކަތްތަކެއް ކުރެއްވިއެވެ.

ބައިނަލްއަގުވާމީ ވިޔަފާރިއާއި، ކޯޕަރޭޓް މެނޭޖްމަންޓް އަދި ޕަބްލިކް ސެކްޓާ ގަވަރނަންސްގެ ދާއިރާގައި ނިޒާރުގެ 30 އަހަރަށްވުރެ ގިނަ ދުވަހުގެ ތަޖުރިބާ އެބަހުއްޓެވެ. އޭނާގެ ކެރިއަރުގެ ބޮޑުބައެއް ހޭދަކުރެއްވީ ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ގައެވެ. އެތަނުގެ އިމްޕޯޓް، އެޑްމިނިސްޓްރޭޝަން، އައިޓީ އަދި ސޭލްސް ފަދަ ދާއިރާތަކުގެ އިސް މަގާމުތައް އޭނާ ފުރުއްވިއެވެ. މީގެ އިތުރުން އީއާރުޕީ ސިސްޓަމް ގާއިމުކުރުމާއި، ސަޕްލައި ޗެއިން ރަނގަޅުކުރުމުގެ މަސައްކަތްތަކުގައި އޭނާ އިސް ދައުރެއް އަދާކުރެއްވިއެވެ.

ނިޒާރު ވަނީ މޯލްޑިވްސް ގޭސް އަދި މޯލްޑިވްސް ސްޓްރަކްޗަރަލް ޕްރޮޑަކްޓްސްގެ ބޯޑު މެންބަރުކަންވެސް ކުރައްވާފައެވެ. އޭނާ އަކީ ޔުނިވަރސިޓީ އޮފް ސައުތު އޮސްޓްރޭލިއާއިން މާސްޓަރ އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން ހާސިލްކުރައްވާފައިވާ ބޭފުޅެކެވެ. އަދި ދައުލަތުގެ ކުންފުނިތައް ހިންގުމާ ގުޅޭ ބައިނަލްއަގުވާމީ ތަމްރީނުތައްވެސް އޭނާ ވަނީ ފުރިހަމަކުރައްވާފައެވެ.

ޕީސީބީން ބުނީ ދައުލަތުގެ ކުންފުނިތަކުގެ ހިންގުން ހަރުދަނާކޮށް، އެ ކުންފުނިތަކުގެ މަސައްކަތްތައް ބެލެހެއްޓުމުގެ ޒިންމާ އަދާކުރުމުގައި ނިޒާރާއެކު މަސައްކަތްކުރުމަށް އުންމީދުކުރާ ކަމަށެވެ.

ހިއްސާ ކުރައްވާ!
ގުޅުންހުރި ލިޔުންތައް