އެމެރިކާގެ މިނިވަން ހިޔާލުފާޅުކުރުމުގެ މިންގަނޑުތަކާ މެދު ބަހުސް އާވެއްޖެ

އެމެރިކާގައި ޓީވީގައި ލޭޓް ނައިޓް ޝޯތަކުގެ ހޯސްޓް ޖިމީ ކިމެލް އާއި ޓްރަމްޕާ ދެމެދު އުފެދުނު ހިޔާލުތަފާތުވުންތަކާ ގުޅިގެން، އެމެރިކާގެ ޚިޔާލު ފާޅު ކުރުމުގެ މިނިވަންކަަމށް ތްރަމްޕްގެ ވެރިކަމުގައި އޮތް ގޮންޖެހުންތަކާ މެދު ކުރެވޭ ބަހުސް ހޫނުވެއްޖެއެވެ.

މި މައްސަލަ ފެށުނީ ވައިޓް ހައުސް ގެ  މުރާސިލުންގެ ރޭނގަނޑުގެ ޖާފަތާ ގުޅުވައިގެން ކިމެލް ދެއްކި ވާހަކަތަކެއްގައި ރައީސް ޑޮނަލްޑް ޓްރަމްޕަށް ފާޑުކިޔުމާ ގުޅިގެންނެވެ. އެމެރިކާގެ ފަސްޓް ލޭޑީ ވަނީ ކިމެލްގެ ވާހަކަތަކަކީ "ނަފުރަތުން ފުރިގެންވާ" ވާހަކަތަކެއް ކަމަށް ސިފަކުރައްވައި އޭނާ ވަޒީފާއިން ވަކި ކުރަން ޖެހޭ ކަމަށް ވިދާޅުވެފައެވެ. އަދި ރައީސް ޓްރަމްޕް ވަނީ ވައިޓް ހައުސްގެ ރަސްމީ އެކައުންޓް މެދުވެރިކޮށް، ޑިޒްނީ އާއި އޭބީސީ ޓީވީތައް ހިންގާ ކުންފުނިން ކިމެލް "ވަގުތުން ވަޒީފާއިން ވަކިކުރުމަށް" ގޮވާލައްވާފައެވެ. މީގެ ރައްދުގައި ކިމެލް ބުނީ މިއީ އޭނާއާ ދެކޮޅަށް ފިޔަވަޅު އެޅުމަށް އެމެރިކާ ސަރުކާރުން ބާރުއެޅި ފުރަތަމަ ފަހަރު ނޫން ކަމަށެވެ.

މިނިވަން ހިޔާލުފާޅުކުރުމަށް ވަކާލާތުކުރާ ފަރާތްތަކުން ބުނާ ގޮތުގައި، މި ހާދިސާއިން ފެންނަނީ އެމެރިކާގެ ސިޔާސަތުގައި ހުރި ފުށުއެރުންތަކެކެވެ. ވޮޝިންގޓަނުން އެހެން ގައުމުތަކަށް ފާޑުކިޔުމާއި ސިޔާސީ ހަޖޫ ބަލައިގަތުމަށް ނަސޭހަތްތެރިވާއިރު، ސަރުކާރުގެ އިސްވެރިން އަމިއްލަ ކުންފުނިތަކަށް ނުފޫޒު ފޯރުވައިގެން އެ ބޭފުޅުން ހިތްހަމަނުޖެހޭ އަޑުތައް ކަނޑުވާލަން މަސައްކަތް ކުރާ ކަމަށް އެ ފަރާތްތަކުން ތުހުމަތު ކުރެއެވެ.

ސިޔާސީ ފާޑުކިޔުމެއްގެ ސަބަބުން މީޑިއާގެ ޝަހުސިއްޔަތަކު ވަޒީފާއިން ވަކިކުރުމަށް ވައިޓް ހައުސްއިން ގޮވާލުމަކީ، ފާޑުކިޔުމާއި މަޖުބޫރުކުރުމާ ދެމެދު އޮންނަ ރޮނގު އޮޅިގެންދާ ކަމެއް ކަމަށް ފާޑު ކިޔުންތެރިން ބުނެއެވެ. މިއީ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދިފާއުގައި ދުނިޔޭގެ ކުރިމަތީގައި ވަކާލާތުކުރާ ގައުމަކުން ފެނިގެންވާނެ އަމަލެއް ނޫން ކަމަށް އެ ފަރާތްތަކުން ބުނެއެވެ. ނަމަވެސް މި ކަމާ ގުޅިގެން ބައިނަލްއަގްވާމީ މީޑިއާ ޖަމާއަތަކުން ޓްރަމްޕް ނޫނީ ވައިތް ހައުސް ކުށްވެރިކޮށް ބަޔާން ނެރެފައެއް ނުވެއެވެ.

ކިމެލްގެ މައްސަލައަކީ ވަކި ހާދިސާއެއް ނޫން ކަމަށާއި، ނޫސްވެރިންނާއި ކޮމެޑީއަނުންނަށް އަމާޒުކޮށް އެމެރިކާ ސަރުކާރުން ދޭ ހަމަލާތަކަކީ ބައިނަލްއަގުވާމީ މައިދާނުގައި އެމެރިކާގެ އަގު ވެއްޓޭ ކަމެއް ކަމަށް ފާޑުކިޔާ ފަރާތްތަކުން ބުނެއެވެ. ސިޔާސީ ހަޖޫވެރިންނަށް ދޭ މިފަދަ އިންޒާރުތަކުގެ ސަބަބުން، ސަރުކާރަށް ފާޑުކިޔާ އެހެން ފަރާތްތަކަށްވެސް ބިރުވެރިކަމެއް އުފެދިގެންދާނެ ކަމަށް ބެލެވެއެވެ.

ހިއްސާ ކުރައްވާ!