ދުނިޔޭގެ ހަނޑުލުގެ ސަޕްލައިއަށް ނުރައްކާވެ، އިންޑިއާގެ ހަނޑުލުގެ ރިޒާވް މުހިންމުވެއްޖެ

ސޮލީބީ ސަހުޔޫނީ ހަނގުރާމައިގެ ސަބަބުން ތެލާއި ގަސްކާނާގެ އަގު އުފުލުމާއި، އެލްނީނިއޯގެ ސަބަބުން މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ހަނޑުލުގެ ސަޕްލައިއަށް ބޮޑު ގޮންޖެހުންތަކެއް ކުރިމަތިވާން ފަށައިފިއެވެ. މިކަމުގެ ސަބަބުން އޭޝިއާ އާއި އެފްރިކާގެ ގައުމުތަކުގައި ހަނޑުލުގެ އަގު އުފުލި، ކާބޯތަކެތީގެ ރައްކާތެރިކަމަށް ބުރޫއަރާފާނެ ކަމުގެ އިންޒާރު މާހިރުން ދަނީ ދެމުންނެވެ.

ހަނގުރާމައާ ގުޅިގެން ގަސްކާނާގެ އަގު އިންތިހާއަށް އުފުލުމުން ގިނަ ގައުމުތަކެއްގެ ދަނޑުވެރިން ވަނީ ގަސްކާނާ ބޭނުންކުރާ މިންވަރު މަދުކުރަން ފަށާފައެވެ. މީގެ އިތުރުން އެލްނީނިއޯގެ ސަބަބުން ކުރިމަތިވާ ހޫނުގަދަ އަދި ހަނަފަސް މޫސުމުގެ ސަބަބުން ދެކުނު އިރުމަތީ އޭޝިއާގެ ގައުމުތަކަށް ބޮޑެތި ގެއްލުންތަކެއް ވާނެ ކަމަށް ބެލެވެއެވެ. އެގޮތުން އިންޑޮނޭޝިއާގެ އުފެއްދުންތެރިކަން 11 އިންސައްތަ ދަށްވާނެ ކަމަށް ލަފާކުރެވޭއިރު، ފިލިޕީންސަށް 6 މިލިއަން ޓަނުގެ ހަނޑުލުގެ ތަދެއް ކުރިމަތިވެދާނެ ކަމަށް ބެލެވެއެވެ.

ދުނިޔޭގެ އެންމެ ގިނައިން ހަނޑޫ އެކްސްޕޯޓްކުރާ އިންޑިއާގައި މިވަގުތު 42 މިލިއަން ޓަނުގެ ހަނޑޫ ރައްކާކުރެވިފައި އެބަހުއްޓެވެ. މިއީ މުޅި ދުނިޔޭގެ ރިޒާވްގެ ފަސްބައިކުޅަ އެއްބައެވެ. އެހެންކަމުން، ދުނިޔޭގެ އުފެއްދުންތެރިކަން ދަށްވާ ދަނޑިވަޅެއްގައި އިންޑިއާގެ މި ރިޒާވްއަކީ ބާޒާރު ހަމަޖެއްސުމަށް އޮތް އެންމެ މުހިންމު ވަސީލަތެވެ.

ނަމަވެސް، 2022-23 ވަނަ އަހަރު އިންޑިއާއިން ހަނޑޫ އެކްސްޕޯޓްކުރުން ހިފެހެއްޓުމުގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި އަގުތައް މައްޗަށް ދިޔަކަން ފާހަގަކުރެވެއެވެ. ކުރިއަށް އޮތް ޖޫން އަދި ޖުލައި މަހަކީ އިންޑިއާގެ މައިގަނޑު ދަނޑުވެރިކަމުގެ މޫސުން ކަމަށްވާއިރު، ތެލާއި ގަސްކާނާގެ އަގަށް އަންނަ ބަދަލުތަކުގެ ސަބަބުން އެގައުމުގެ އުފެއްދުންތެރިކަމަށް އަސަރުކޮށްފިނަމަ، ދުނިޔޭގެ މަސްރަހު އިތުރަށް ގޯސްވެގެންދާނެއެވެ.

ތައިލެންޑް، ވިއެޓްނާމް އަދި ފިލިޕީންސް ފަދަ ގައުމުތަކުން ދަނީ އުފެއްދުންތެރިކަން ދަށްވުމުގެ ބިރަށް ތައްޔާރުވަމުންނެވެ. އިންޑޮނޭޝިއާއިން ލަފާކުރާ ގޮތުގައި ދަނޑުވެރިކަން ކުރާ ސަރަހައްދުގެ 10.6 އިންސައްތަ ކުރިއަށް އޮތް މޫސުމުގައި މަދުވާނެއެވެ. މީގެ ސަބަބުން އޭޝިއާގެ ހަނޑުލަށް ބަރޯސާވާ އެފްރިކާގެ ފަގީރު ގައުމުތަކަށް ބޮޑެތި ދަތިތަކަކާ ކުރިމަތިލާން ޖެހޭނެއެވެ.

އިގްތިސާދީ މާހިރުން އިންޒާރު ދޭ ގޮތުގައި، ހަނޑުލުގެ ސަޕްލައިއަށް އަންނަ ކުޑަ ބަދަލަކުންވެސް އަގުތައް އިންތިހާއަށް އުފުލިގެންދާނެއެވެ. "މިއީ ދުނިޔޭގެ އެންމެ ފަގީރު އާއިލާތަކަށް ކުރިމަތިވާނެ ވަރަށް ބޮޑު ގޮންޖެހުމެއް،" ކަމަށް ރިޕޯޓްތައް ބުނެއެވެ. މިވަގުތު ދުނިޔޭގެ ބާޒާރު ހަމައަކަށް އެޅުވުމަށް އޮތް އެންމެ ބޮޑު އުންމީދަކީ އިންޑިއާގެ ރިޒާވް ކަމަށްވީ ނަމަވެސް، އިންޑިއާގެ އެކްސްޕޯޓް ސިޔާސަތަށް އަންނަ ބަދަލަކުން މުޅި ދުނިޔޭގެ މަސްރަހު ބަދަލުވެގެންދާނެއެވެ.

ހިއްސާ ކުރައްވާ!