ޕާކިސްތާނުގެ ސަރުކާރާއި ދައުލަތުގެ މުއައްސަސާތަކަށް ސޯޝަލް މީޑިއާގައި ފާޑުކިޔުމުގެ ސަބަބުން 17 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންދާ އީމާން ޒައިނަބް މަޒާރީ ހާޒިރާއި އޭނާގެ ފިރިމީހާ ހާދީ އަލީ ޗައްތާގެ އިސްތިއުނާފީ މައްސަލަ އަވަސްކޮށްދިނުމަށް އެދި ޕާކިސްތާނުގެ ސުޕްރީމް ކޯޓަށް ހުށަހަޅައިފިއެވެ.
މި ދެމަފިރިންގެ މައްޗަށް ޖެނުއަރީ މަހު 17 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވަނީ ޕާކިސްތާނުގެ ޕްރިވެންޝަން އޮފް އިލެކްޓްރޯނިކް ކްރައިމްސް އެކްޓް (ޕެކާ) ގެ ދަށުންނެވެ. މި ގާނޫނަކީ އެ ގައުމުގެ އެކްޓިވިސްޓުންނާއި ނޫސްވެރިންނާ ދެކޮޅަށް ސަރުކާރުން ބޭނުންކުރާ ހަތިޔާރެއްގެ ގޮތުގައި އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމާއަތްތަކުން ސިފަކުރެއެވެ. އިސްލާމްއާބާދު ހައިކޯޓުން ފެބްރުއަރީ މަހު އެމީހުންގެ އިސްތިއުނާފް ބަލައިގަތް ނަމަވެސް، ހުކުމް ތަންފީޒުކުރުން ފަސްކޮށްފައި ނުވާތީ އެމީހުން ޖަލުގައި ތިބޭތާ މިހާރު 100 އަށްވުރެ ގިނަ ދުވަސް ވެއްޖެއެވެ.
ގާނޫނީ ވަކީލު ފައިސަލް ސިއްދީގީ މެދުވެރިކޮށް ސުޕްރީމް ކޯޓަށް ހުށަހެޅި ޕެޓިޝަނުގައި ބުނެފައިވަނީ، މައްސަލައިގެ އަޑުއެހުމެއް ބާއްވައި ނުދީ ގިނަ ދުވަސްތަކެއް ވަންދެން ޖަލުގައި ބޭތިއްބުމަކީ ނިޒާމު ފޭލިވުމުގެ މައްސަލއެއް ކަމަށެވެ. އަދި މި މައްސަލައިގެ އަޑުއެހުންތައް މެއި މަހުގެ ކުރީކޮޅު ތާވަލުކޮށްދިނުމަށް އެ ދައުވާގައި ވަނީ އެދިފައެވެ.
މި މައްސަލައަކީ 2025 ވަނަ އަހަރުގެ އޯގަސްޓް މަހު ނޭޝަނަލް ސައިބަރ ކްރައިމް އިންވެސްޓިގޭޝަން އެޖެންސީން ހުށަހެޅި ޝަކުވާއަކާ ގުޅިގެން ކުރިއަށް ގެންދިޔަ މައްސަލައެކެވެ. އީމާންގެ މައްޗަށް ތުހުމަތުކޮށްފައިވަނީ މަނާކޮށްފައިވާ ޖަމާއަތްތަކުގެ ފިކުރަށް ތާއީދުކޮށް ސޯޝަލް މީޑިއާގައި ޕޯސްޓްކުރުމެވެ. އަދި ހާދީގެ މައްޗަށް ތުހުމަތުކޮށްފައިވަނީ އީމާންގެ އެ ވާހަކަތައް ރިޕޯސްޓް ކުރުމެވެ. އެފްއައިއާރުގައި ބުނެފައިވާ ގޮތުން، އެމީހުން ވަނީ ޚައިބަރު ޕަޚުތޫންޚުވާން އަދި ބަލޮޗިސްތާނު ގައި ނިޒާމުން މީހުން ގެއްލުވާލާ މައްސަލައިގައި ސަލާމަތީ ބާރުތަކަށް ފާޑުކިޔާފައެވެ.
މި ޝަރީއަތަކީ "ބާތިލު" ޝަރީއަތެއްގެ ގޮތުގައި ސިފަކޮށް، ހައިކޯޓުން މައި އިސްތިއުނާފް މައްސަލަ ނިންމަންދެން ޖަލު ހުކުމް ފަސްކޮށްދިނުމަށް ސުޕްރީމް ކޯޓުގައި ވަނީ އެދިފައެވެ. އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ފަރާތްތަކުން ބުނާ ގޮތުގައި، މި މައްސަލައިން ހާމަވަނީ ޕާކިސްތާނުގެ ސައިބަރ ކްރައިމް ގާނޫނަކީ ފާޑުކިޔާ މީހުންގެ އަނގަ ބަންދުކުރުމަށް ބޭނުންކުރާ ވަސީލަތަކަށް ވެފައިވާ މިންވަރެވެ.
އޮންލައިންކޮށް ކިޔާ ފާޑުކިޔުންތަކަކީ ދައުލަތަށް އޮތް ނުރައްކަލެއްގެ ގޮތުގައި ބަލާ ޕާކިސްތާނުގައި، މި ދެމަފިރިންގެ މައްސަލައިން ހާމަވަނީ އަސާސީ ހައްގުތައް ހިމާޔަތްކުރުމުގެ ބަދަލުގައި، ދައުލަތާ ދެކޮޅު ޚިޔާލުތަކަށް އަދަބު ދިނުމުގައި އެ ގައުމުން ގެންގުޅޭ ހަރުކަށި ސިޔާސަތެވެ.




