ސިންގަޕޫރުގެ ރައްޔިތުންނަކީ މުއްސަނދި ބައެއް ކަމަށާއި އެ ގައުމަކީ ވައްކަން ކުރަން ފަސޭހަ ތަނެއްގެ ގޮތުގައި ސޯޝަލް މީޑިއާގައި ފެތުރި ވީޑިއޯތަކަކުން ހިތްވަރު ލިބިގެން، ސިންގަޕޫރުގެ ގޭގެއަށް ވަދެ ވައްކަން ކުރަން އުޅުނު ޗައިނާގެ ތިން މީހަކު 5 އަހަރަށް ޖަލަށްލުމަށް ސިންގަޕޫރުގެ ކޯޓަކުން ހުކުމްކޮށްފިއެވެ.
މި މައްސަލާގައި ހުކުމްކޮށްފައިވަނީ ޗައިނާގެ ތިން ރައްޔިތުން ކަމަށްވާ ޔަންގް ޗާއޯ، ޒޫ ގީފާ އަދި ހީ ޖިއާއޯ ގެ މައްޗަށެވެ. މި މީހުން ވަނީ 2025 ވަނަ އަހަރުގެ ޖުލައި މަހާއި އޮގަސްޓް މަހާ ދެމެދު މެލޭޝިއާއިން ސިންގަޕޫރަށް އެކި ފަހަރުމަތިން ދަތުރުކޮށް، ވަކިން ހުންނަ ބޮޑެތި ގޭގެ ބަލައި ފާސްކޮށް، ވައްކަން ކުރުމަށް ބޭނުންވާ ސާމާނު ހޯދައި، ޖަންގަލި ސަރަހައްދުތަކުގެ ނިވާކަން ހޯދައިގެން ގޭގެއަށް ވަންނަން މަސައްކަތް ކޮށްފައެވެ.
ދައުލަތުގެ ވަކީލުން ވިދާޅުވި ގޮތުގައި މި ގްރޫޕުން ސިންގަޕޫރަކީ ވައްކަން ކުރަން ފަސޭހަ ތަނެއްގެ ގޮތުގައި ދެކި، ވަރަށް ބޮޑަށް ރާވާގެން މަސައްކަތް ކޮށްފައިވެއެވެ. މި މީހުންގެ ތެރޭގައި މަސައްކަތްތައް ބަހާލެވިފައިވާ ކަމަށާއި، މިއީ ކުޑަ ގޭންގެއްގެ ގޮތުގައި ހަރަކާތްތެރިވި ބައެއް ކަމަށް ޕްރޮސެކިއުޓަރުން ފާހަގަކުރެއްވިއެވެ.
މި މީހުން ކުރި މަސައްކަތްތަކުގެ ތެރެއިން ކާމިޔާބުވީ އެންމެ ވައްކަމެކެވެ. އެ ވައްކަމުގައި 57,400 ސިންގަޕޫރު ޑޮލަރުގެ ނަގުދު ފައިސާ އާއި ގަހަނާ ހުރި ތިޖޫރީއެއް ވަގަށް ނަގާފައިވާއިރު، އޭގެ ތެރެއިން ގިނަ ތަކެތި އަދިވެސް ފެނިފައެއް ނުވެއެވެ. މި މައްސަލާގައި ބައިވެރިވި އިތުރު ބަޔަކު އަދިވެސް ފިލައިގެން އުޅޭއިރު، އޭގެ ތެރެއިން ދެ މީހަކު ފުރަތަމަ ވައްކަމަށްފަހު ސިންގަޕޫރުން ފުރައިގެން ގޮސްފައިވާ ކަމަށް ބެލެވެއެވެ.
މި މައްސަލަ ބެއްލެވި ފަނޑިޔާރު ޓެރެންސް ތޭ ވިދާޅުވީ، މިއީ ވަރަށް ސީރިއަސް މައްސަލައެއް ކަމަށާއި، ސިންގަޕޫރުގެ ރައްޔިތުންގެ މެދުގައި އޮންނަ އިތުބާރުގެ ނާޖާއިޒު ފައިދާ ބޭރުގެ ކުށްވެރިން ނަގައިގެން ނުވާނެ ކަމަށެވެ. އަދި މިފަދަ ކަންކަން ކުރާ މީހުންނަށް ހަރުކަށި އަދަބު ދޭނެ ކަމުގެ އިންޒާރުވެސް ފަނޑިޔާރު ދެއްވިއެވެ.
މި މީހުން ހޯދުމަށް ސިންގަޕޫރު ފުލުހުން ވަނީ ޚާއްސަ އޮޕަރޭޝަނެއް ހިންގާފައެވެ. މި އޮޕަރޭޝަނުގައި ގުރްކާ ފައުޖުގެ އެހީތެރިކަންވެސް ހޯދާފައިވާއިރު، މި ތިން މީހުން ހައްޔަރުކުރީ ހޮލެންޑް-ބުކިޓް ތިމާ ސަރަހައްދުގައި ހިންގި ހަރަކާތެއްގެ ތެރެއިން، އެމީހުން ކުރި ތިންވަނަ ދަތުރުގައެވެ.


