ޖަޕާނުގެ ބޮޑުވަޒީރު ސަނައޭ ޓަކައިޗީ، ތައިވާނުގެ މައްސަލައިގައި ދެއްކެވި ވާހަކަފުޅުތަކާ ގުޅިގެން ދެ ގައުމުގެ ސިޔާސީ ގުޅުން ގޯސްވެ، ޖަޕާނުން ޗައިނާއަށް ކުރާ ދަތުރުތައް 90 އިންސައްތަ ދަށަށް ގޮސްފައިވާ ކަމަށް ފަތުރުވެރިކަމާ ބެހޭ އިދާރާތަކުން ހާމަކޮށްފިއެވެ. މިއާއެކު ދެ ގައުމުގެ ދެމެދުގައި އޮތް ފަތުރުވެރިކަމުގެ ސިނާއަތަށް ވަނީ ކޮވިޑް-19 ގެ ބަލިމަޑުކަމަށްފަހު ކުރިމަތިވި އެންމެ ބޮޑު ހީނަރުކަން އައިސްފައެވެ.
ދަތުރުފަތުރުގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކުން ބުނާ ގޮތުގައި، މި ސިނާއަތަށް މިހާރު ވަނީ "ޓްރިޕަލް ޕަންޗް" ނުވަތަ ތިން ގޮތަކުން ބޮޑު ގެއްލުމެއް ކުރިމަތިވެފައެވެ. އެއީ ސިޔާސީ ނުތަނަވަސްކަމާއި، ފްލައިޓްތަކުގެ ސީޓް މަދުވުމުގެ އިތުރުން މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން ތެލުގެ އަގު އުފުލުމެވެ. މިކަމުގެ ސަބަބުން ގިނަ އަދަދެއްގެ ބުކިންތައް ކެންސަލްވެ، ސަލާމަތީ ކަންކަމާ މެދު އޮތް ބިރުވެރިކަން ވަނީ އިތުރުވެފައެވެ.
މިދިޔަ ނޮވެމްބަރު މަހު ބޮޑުވަޒީރު ޓަކައިޗީ ޕާލަމެންޓުގައި ވާހަކަދައްކަވަމުން، ތައިވާނަށް ހަމަލާއެއް ދީފި ނަމަ ޖަޕާނުން އެމެރިކާއަށް އެހީތެރިވެދާނެ ކަމަށް އިޝާރާތް ކުރެއްވުމާ ގުޅިގެން ޗައިނާއިން ވަނީ ވަގުތުން ރައްދު ދީފައެވެ. ޗައިނާ ސަރުކާރުން ވަނީ އެ ގައުމުގެ ރައްޔިތުން ޖަޕާނަށް ދަތުރު ނުކުރުމަށް އިލްތިމާސްކޮށް، ވިޔަފާރީގެ ދަތިކުރުމުގެ ފިޔަވަޅުތަކެއް އަޅާފައެވެ. މީގެ އިތުރުން ޗައިނާގެ އެއާލައިންތަކުން ޖަޕާނަށް ކުރާ ގިނަ ފްލައިޓްތަކެއް ވެސް ވަނީ ހުއްޓާލާފައެވެ.
މި ހީނަރުކަމުގެ އަސަރު ޗައިނާގެ ޝަންހާއީ ފަދަ ސިޓީތަކުން ވަރަށް ބޮޑަށް ފެންނަން އެބަހުއްޓެވެ. އެގޮތުން ނޮވެމްބަރު މަހުން ފެށިގެން ޖަޕާނުގެ ގްރޫޕް ޓުއާތަކުގެ ދެބައިކުޅަ އެއްބައި ވަނީ ކެންސަލްވެފައެވެ. އަދި ޝާންޒީ ޕްރޮވިންސް ފަދަ ތާރީޚީ ތަންތަނުގައި މަސައްކަތްކުރާ ޖަޕާން ބަހުން ވާހަކަދައްކާ ގައިޑުންގެ އާމްދަނީ ވަނީ މުޅިން ހުއްޓިފައެވެ. "މި އަހަރު އަދި އެއްވެސް ޓުއާއެއް ކުރިއަކަށް ނުގެންދެވޭ،" ކަމަށް ތަޖުރިބާކާރު ގައިޑަކު ބުންޏެވެ.
ބެއިޖިންގައި މަސައްކަތްކުރާ ގައިޑުން ބުނާ ގޮތުގައި އެމީހުންގެ އާމްދަނީ 90 އިންސައްތަ ދަށަށް ގޮސްފައިވާއިރު، މި ދާއިރާގައި މަސައްކަތްކުރާ ގިނަ ބަޔަކު މިހާރު ދަނީ ދާއިރާ ދޫކޮށް ދަމުންނެވެ. މީގެ ސަބަބުން ކުރިއަށް އޮތް ތަނުގައި ދެ ގައުމުގެ ގުޅުން ރަނގަޅުވި ނަމަވެސް، ފަތުރުވެރިކަމުގެ ސިނާއަތް އަލުން އާރާސްތުކުރުމަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވާނެ ކަމަށް ވަނީ ލަފާކުރެވިފައެވެ.
މި ނުތަނަވަސްކަމުގެ ކުރިން ޗައިނާއިން ޖަޕާނަށްދާ ފަތުރުވެރިންގެ އަދަދު ކޮވިޑުގެ ކުރިން އޮތް މިންވަރުގެ ދެބައިކުޅަ އެއްބަޔަށް އިއާދަވެފައި އޮތް ނަމަވެސް، މިހާރު ދެ ގައުމުގެ ދަތުރުފަތުރު ވަނީ އެއްފަހަރާ ހުއްޓުމަކަށް އައިސްފައެވެ. ސިނާއަތުގެ މާހިރުން އިންޒާރު ދޭ ގޮތުގައި، ސިޔާސީ މަސްރަހު ހަމައަކަށް އެޅި ފްލައިޓްތައް އާންމު ހާލަތަށް ރުޖޫޢަ ނުވާހާ ހިނދަކު މި ދާއިރާ ކުރިއަރައިގެން ނުދާނެއެވެ.


