ޕާކިސްތާނުގެ ކަރާޗީގައި ކޮންމެ އަހަރަކު އަންހެނުން ބާއްވާ އައުރަތު މާޗުގެ އިންތިޒާމުކުރާ ފަރާތްތަކުން، މުޖުތަމައުގައި އަންހެނުންނަށް ކުރާ މަލާމާތާއި ނަފްރަތަށް ފާޑުކިޔުމުގެ ގޮތުން އަހަރުގެ އެންމެ ބޮޑަށް އަންހެނުންނަށް ނަފްރަތުކުރާ މީހާގެ ނަމުގައި ހާއްސަ އެވޯޑެއް ފިރިހެނުންނަށް ދިނުމަށް ނިންމައިފިއެވެ. މިކަން އިއުލާނުކުރުމާއެކު ސޯޝަލް މީޑިއާގައި މިހާރު ވަނީ ބޮޑު ބަހުސެއް އުފެދިފައެވެ.
މި އެވޯޑަކީ 2026 ވަނަ އަހަރުގެ މެއި މަހުގެ 10 ވަނަ ދުވަހު ސީ ވިއު ސަރަހައްދުގައި ބޭއްވުމަށް ހަމަޖެހިފައިވާ އައުރަތު މާޗުގެ ކުރިން ދިނުމަށް ނިންމާފައިވާ އެވޯޑެކެވެ. މިކަން އިންތިޒާމުކުރާ ފަރާތްތަކުން ވަނީ ފާއިތުވި އަހަރުގެ ތެރޭގައި ފިރިހެނުންގެ ފަރާތުން އަންހެނުންނަށް ރައްދުކޮށް ބުނެފައިވާ އެންމެ އިހާނެތި އަދި ނަފްރަތު އުފެދޭ ފަދަ ވާހަކަތައް ހުށަހެޅުމަށް އާންމުންނަށް ދައުވަތު ދީފައެވެ.
އިންތިޒާމުކުރާ ފަރާތްތަކުން ބުނި ގޮތުގައި މި އެވޯޑުގެ މަގްސަދަކީ ޕާކިސްތާނުގެ އަންހެނުންނަށް ކޮންމެ ދުވަހަކު އިވޭ ނަފްރަތުގެ ބަސްތަކަކީ ކާކު، ކޮން އިރަކު ބުނި އެއްޗެއްކަން ހަނދާން އާކޮށްދީ، މުޖުތަމައުގައި އަންހެނުންނާ މެދު ގެންގުޅޭ ތަފާތުކުރުންތަކަށް އަލިކަމެއް ގެނައުމެވެ. މި އެވޯޑަށް ދިނުމަށް ހަމަޖެހިފައިވާ "ރަން ފައިވާން" (ގޯލްޑަން ޗަޕަލް) ގެ ފޮޓޯތަކަށް މިހާރުވެސް އިންޓަނެޓުގައި ބޮޑު ސަމާލުކަމެއް ވަނީ ލިބިފައެވެ.
ސިޔާސީ ދާއިރާ އާއި މުނިފޫހިފިލުވުމުގެ ދާއިރާގެ އިތުރުން ސޯޝަލް މީޑިއާގައި އަންހެނުންނަށް އަމާޒުކޮށް ބުނާ ބަސްތަކަށް ބަލާއިރު، މި އެވޯޑަށް ގިނަ އަދަދެއްގެ ނަންތައް ހުށަހެޅޭނެ ކަމަށް ބެލެވެއެވެ. މި ހަރަކާތަށް ތާއީދުކުރާ ފަރާތްތަކުން ބުނަނީ މިއީ އަންހެނުންގެ ހައްގުތަކަށް މަސައްކަތްކުރާ މީހުންނަށް އަމާޒުވާ ހަމަލާތަކަށް ދެވޭ ވަރުގަދަ ރައްދެއް ކަމަށެވެ.
ޕާކިސްތާނުގެ ބޯދާ ވިސްނުމުގެ ގްރޫޕްތަކުން އައުރަތު މާޗަށް އަބަދުވެސް ފާޑުކިޔަމުންދާއިރު، ސަޕޯޓަރުން ބުނަނީ އަންހެނުންނަށް ކުރިމަތިވާ ފުރައްސާރައާއި އަނިޔާވެރިކަމާ ދެކޮޅަށް އަޑުއުފުލުމުގައި މިފަދަ މަޖާޒީ ގޮތްތައް ބޭނުންކުރުމަކީ ބާރުގަދަ ހަތިޔާރެއް ކަމަށެވެ. މިހާރު ގިނަ ބަޔަކު އިންތިޒާރު ކުރަމުންދަނީ ޕާކިސްތާނުގެ އަންހެނުންނަށް އެންމެ ބޮޑަށް ނަފްރަތު ކުރާ މީހާ ގެ ލަގަބު ލިބޭނީ ކޮން ފިރިހެނަކަށްތޯ ބަލާށެވެ. މިއީ ރާއްޖޭގައިވެސް ކުރން ވެއްޖެ ކަމެކެވެ!





