50 އަހަރު ވަންދެން އިންތިޒާރު ކުރި މީހާ ދަންޖައްސައިފި

މަރުގެ ހުކުމް އިއްވާފައިވާތާ ގާތްގަނޑަކަށް 50 އަހަރު ވެފައިވާ ޖޭމްސް ހިޗްކޮކް އެމެރިކާގެ ފްލޮރިޑާ ސްޓޭޓްގައި އުމުރުން 70 އަހަރުގައި އިއްޔެ ދަންޖައްސައިފިއެވެ. މިއީ އެމެރިކާގެ ތާރީޚުގައި މަރުގެ ހުކުމް ތަންފީޒުކުރުމަށް ފަހު ދަންމަޅީގެ އިންތިޒާރުގައި އެންމެ ގިނަ ދުވަސް ޖަލުގައި ހޭދަކުރި އެއް ގައިދީއެވެ.

ފްލޮރިޑާގެ ޖަލުތަކާ ބެހޭ އިދާރާއިން ހާމަކުރި ގޮތުގައި، ރައިފޯޑް ސިޓީގައި ހުންނަ ފްލޮރިޑާ ސްޓޭޓް ޕްރިޒަންގައި ހިޗްކޮކްގެ މަރުގެ ހުކުމް ތަންފީޒުކޮށްފައިވަނީ ރޭގަނޑުގެ ވަގުތެއް ގައެވެ. ހިޗްކޮކްގެ މައްޗަށް މަރުގެ ހުކުމް އިއްވީ 1976 ވަނަ އަހަރު އޭނާގެ 13 އަހަރުގެ އަންހެން ކޮއްކޮގެ ދަރިއަކު މަރާލި ކަމުގެ ކުށް ސާބިތުވެގެން 1977 ވަނަ އަހަރުއެވެ.

ދިހަވަރަކަށް އަހަރުތަކަށް ދެމިގެންދިޔަ ޝަރީއަތުގެ މަރުހަލާތަކުގައިވެސް ހިޗްކޮކް ވަނީ އޭނާއަކީ މައުސޫމް މީޙެއް ކަމަށް ވަކާލާތުކޮށްފައެވެ. އަދި ހުކުމް ތަންފީޒުކުރި ވަގުތާ ހަމައަށްވެސް އޭނާ ބުނަމުންދިޔައީ އޭނާއަކީ އެ ކުށް ކުރި މީހާ ނޫން ކަމަށެވެ.

މި މީހާ ދަންޖެއްސި ވަގުތާ ދިމާކޮށް ޓެކްސަސް ސްޓޭޓްގައިވެސް ވަނީ މަރުގެ ހުކުމެއް ތަންފީޒުކޮށްފައެވެ. 2008 ވަނަ އަހަރު ވައްކަންކޮށް ދެ މީހަކު މަރާލި ކަމުގެ ކުށް ސާބިތުވި ޖޭމްސް ބްރޯޑްނެކްސް (37 އަހަރު) މަރާލާފައިވަނީ ވިހަ  އިންޖެކްޝަން ޖަހައިގެންނެވެ. އޭނާވެސް މަރުގެ ކުރިން ދިން މެސެޖުގައި ބުނެފައިވަނީ "ޓެކްސަސްއަށް މިކުރެވުނީ ކުށެއް، އަހަރެންނަކީ މައުސޫމް މީހެއް" ކަމަށެވެ.

މި ދެ މީހުންނާއެކު، މިއަހަރުގެ މިހާތަނަށް އެމެރިކާގައި މަރުގެ ހުކުމް ތަންފީޒުކުރި މީހުންގެ އަދަދު ވަނީ 10 އަށް އަރާފައެވެ. މީގެ ތެރެއިން 6 ހުކުމް ތަންފީޒުކޮށްފައިވަނީ ފްލޮރިޑާގައެވެ. ހުރިހާ ހުކުމެއްވެސް ތަންފީޒުކޮށްފައިވަނީ ވިހަ އިންޖެކްޝަން ބޭނުންކޮށްގެންނެވެ.

އެމެރިކާގައި މަރުގެ އަދަބާ މެދު ސިޔާސީ އަދި ގާނޫނީ ބޮޑެތި ބަހުސްތަކެއް ދަނީ ކުރެވެމުންނެވެ. މިހާތަނަށް އެމެރިކާގެ 23 ސްޓޭޓަކުން މަރުގެ އަދަބު އުވާލާފައިވާއިރު، 3 ސްޓޭޓެއްގައި އެ އަދަބު ތަންފީޒުކުރުން ވަނީ މެދުކަނޑާލާފައެވެ. ނަމަވެސް، ރައީސް ޑޮނާޑަކީ މި އަދަބު ދެމެހެއްޓުމަށް ބާރުއަޅުއްވާ ބޭފުޅެކެވެ.

ހިއްސާ ކުރައްވާ!