ޣައްޒާގައި ޔަހޫދީން ހިންގި ޖެނޮސައިޑް ހުއްޓާލުމުގެ އެއްބަސްވުން މޮނިޓަރ ކުރުމަށާއި، އެހީ ފޯރުކޮށްދިނުމުގެ މަސައްކަތް ވިލަރެސްކުރުމަށް ހިފާފައިޥާ ފަލަސްޠިނުގެ ބިންތަކުގައި ގާއިމްކޮށްފައިވާ އެމެރިކާގެ ސިވިލް-މިލިޓަރީ ކޯޑިނޭޝަން ސެންޓަރު (ސީއެމްސީސީ) އުވާލުމަށް ޓްރަމްޕްގެ ސަރުކާރުން ނިންމައިފިއެވެ. މިކަމުގެ މައުލޫމާތު ހުރި މަސްދަރުތަކުން ރޮއިޓާސްއަށް ކަށަވަރުކޮށްދީފައިވާ ގޮތުގައި، މި ނިންމުމަކީ ރައީސް ޓްރަމްޕްގެ ޣައްޒާ ސުލްހައިގެ ނަމުގައި ދުނިޔެއަށް އޮޅުވާލަން ޓްރަމްޕް ހިންގި ރޭވުމަށް ލިބުނު އިތުރު ހީނަރުކަމެކެވެ.
ޑިޕްލޮމެޓުން ބުނާ ގޮތުގައި، މި ސެންޓަރު އުވާލަން ނިންމީ ހަމަލާ ބަދަލުކުރުން ހުއްޓާލުމުގެ އެއްބަސްވުން ތަންފީޒުކުރުމުގައި ޔަހޫދީން ބޮޑާވެ އެމެރިކާއަށް ކުރިމަތި ކުރި ގޮންޖެހުންތަކުގެ ސަބަބުންނެވެ. އިސްރާއީލުން ޣައްޒާގެ އިތުރު ސަރަހައްދުތަކަށް އަތްގަދަކުރަމުންދާއިރު، ހަމާސްއިން ވެސް އެ ޖަމާއަތުގެ ކޮންޓްރޯލް ދަށުގައިވާ ސަރަހައްދުތަކުގައި ބާރުގަދަކުރަމުންދާކަން ޑިޕްލޮމެޓުން ފާހަގަކުރެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި، ސީއެމްސީސީގެ މަސްއޫލިއްޔަތުތައް ދެން ހަވާލުކުރާނީ ޣައްޒާއަށް ފޮނުވުމަށް ތައްޔާރުވަމުންދާ އެމެރިކާގެ ކޮމާންޑުގެ ދަށުން ހިންގާ ބައިނަލްއަގުވާމީ ސެކިއުރިޓީ މިޝަނަކަށެވެ. މި މިޝަނަކީ ޣައްޒާގެ ރައްޔިތުންގެ ހާލަތު ވިއްކާލައިގެން އެމެރިކާގެ ރުހުން ހޯދުމަށް އިސްލާމީ އަރަބި ގައުމުތައް ބައިވެރިވާ މިޗަނެކެވެ. މީގައި ޕާކިސްތާނާއި އިންޑޮނޭޝިއާ އިސް ދައުރެއް ކުޅެއެވެ.
މި ބަދަލާއެކު، އެ ސެންޓަރުގައި މަސައްކަތްކުރާ އެމެރިކާ ސިފައިންގެ އަދަދު 190 އިން 40 އަށް މަދުވެގެންދާނެ ކަމަށް ބެލެވެއެވެ. އަދި އެ ސިފައިންގެ ބަދަލުގައި އެހެން ގައުމުތަކުގެ މަދަނީ މުވައްޒަފުން ބޭނުންކުރުމަށް އެމެރިކާއިން އަންނަނީ މަސައްކަތް ކުރަމުންނެވެ.
ނަމަވެސް، ޓްރަމްޕްގެ 'ބޯޑް އޮފް ޕީސް' އިން ސޯޝަލް މީޑިއާގައި ނެރުނު ބަޔާނެއްގައި ސީއެމްސީސީ އުވާލާ ކަމަށް ދެކެވޭ ވާހަކަތައް ވަނީ ދޮގުކޮށްފައެވެ.
ޓްރަމްޕްގެ ބޯޑް އޮފް ޕީސްއަކީ އދގެ ދައުރު ހަނިކުރުމަށް ޓްރަމްޕް ފެށި މަސައްކަތެކެވެ.
އެ ބޯޑުން ބުނި ގޮތުގައި މި ސެންޓަރަކީ އެހީ ފޯރުކޮށްދިނުމުގައާއި ޓްރަމްޕްގެ ސުލްހައިގެ ރޭވުން ކުރިއަށް ގެންދިއުމުގައި "ވަރަށް މުހިންމު ދައުރެއް" އަދާކުރާނެ ތަނެކެވެ. އެހެންނަމަވެސް، އެ މަސްއޫލިއްޔަތުތައް އެހެން އިދާރާއަކަށް ބަދަލުކުރާނެތޯ ކުރެވުނު ސުވާލަށް އެ ބޯޑުން ސީދާ ޖަވާބެއް ދީފައެއް ނުވެއެވެ.
ސީއެމްސީސީ އުވާލުމަށްފަހު، އެ ތަން 'އިންޓަނޭޝަނަލް ޣައްޒާ ސަޕޯޓް ސެންޓަރު' ގެ ނަމަށް ރީބްރޭންޑް ކުރާނެ ކަމަށް ބެލެވެއެވެ. މި ތަން ހިންގުމުގައި އިސްކޮށް ހުންނަވާނީ ވައިޓް ހައުސްއިން އައްޔަންކޮށްފައިވާ މޭޖަރ ޖެނެރަލް ޖެސްޕަރ ޖެފާސްއެވެ. އެހެންނަމަވެސް، މި އާ މިޝަނަށް ބޭނުންވާ ސިފައިން ފޮނުވުމަށް ގައުމުތަކުން ފަސްޖެހެމުންދާތީ، އަމަލީ ގޮތުން މި މަސައްކަތް ފެށޭނެ ދުވަހެއް އަދި ނޭނގެއެވެ.





