ބަންގްލަދޭޝް އާއި އެމެރިކާއާ ދެމެދު ސޮއިކުރި އާ ވިޔަފާރި އެއްބަސްވުމުގެ ސަބަބުން، ޖެނެޓިކަލީ މޮޑިފައިޑް (ޖީއެމްއޯ) މަސްނޫއީ ކާބޯތަކެތި އެމެރިކާއިން ބަންގްލަދޭޝަށް އެތެރެވުމާއި ރަށުފުށުގެ ދިރިއުޅުމަށް އެކަމުން ބޮޑެތި ނުރައްކާތަކެއް ކުރިމަތިވެދާނެ ކަމުގެ ބިރު ބޮޑުވެއްޖެއެވެ. ދެ ގައުމުގެ މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ 9 ފެބްރުއަރީ 2026 ގައެވެ. މިއީ އެ ގައުމުގެ އާންމު އިންތިޚާބުގެ ތިން ދުވަސް ކުރިން ޔޫނުސްގެ ސަރުކާރުން އެމެރިކާއަށް ދީލައިގެން ސޮއިކުރި އެއްބަސްވުމެކެވެ.
ބަންގްލަދޭޝްގެ ވަގުތީ ސަރުކާރުން މި އެއްބަސްވުމުގައި ސޮއިކުރީ އެ ގައުމުގެ މުދަލުން އެމެރިކާއިން ނަގާނެ ކަމަށް ބުނި 37 އިންސައްތައިގެ ޓެރިފުން ސަލާމަތްވުމަށެވެ. ނަމަވެސް އެއްބަސްވުމުގައި ސޮއިކުރުމުން އެމެރިކާއިން ވަނީ މި ޓެރިފް 19 އިންސައްތައަށް ދަށްކޮށްފައެވެ. ފާޑުކިޔާ ފަރާތްތަކުން ބުނަނީ މި އެއްބަސްވުމުގެ ސަބަބުން އެމެރިކާގެ މަހާއި ކިރުގެ ބާވަތްތައް ބަންގްލަދޭޝްގެ ބާޒާރަށް އޮހިގަންނާނެ ކަމަށެވެ. އަދި ބަނގްލަދޭޝްގެ އުފެއްދުންތައް ފޮހެލާނެ ކަމަށެވެ.
އެމެރިކާގެ ޕޯލްޓްރީ ދާއިރާއަކީ ސަރުކާރުން ބޮޑެތި ސަބްސިޑީތަކެއް ދޭ ދާއިރާއެކެވެ. ފާއިތުވި އަހަރުތަކުގައި އެމެރިކާ ސަރުކާރުން ވަނީ 72 ބިލިއަން ޑޮލަރު މި ދާއިރާއަށް ހޭދަކޮށްފައެވެ. މީގެ ސަބަބުން ބަންގްލަދޭޝްގެ 4.1 ކްރޯޑް ގޭބިސީގެ އާމްދަނީއާ ގުޅިފައިވާ ދަނޑުވެރިކަމާއި ޖަނަވާރާއި ކުކުޅު ގެންގުޅުމުގެ ދާއިރާއަށް ނޭދެވޭ އަސަރުކޮށް، ވާދަވެރިކަން ގެއްލިގެންދާނެ ކަމަށް މާހިރުން އިންޒާރުދެއެވެ.
މި އެއްބަސްވުމުގެ 1.6 ވަނަ މާއްދާގެ ދަށުން، މަސްނޫއީ ޖީއެމްއޯ އުފެއްދުންތައް އެތެރެކުރުމުގައި އެއްވެސް ލޭބަލް ޖެހުމެއް ނުވަތަ އިތުރު ހުއްދައެއް ހޯދުމަކާ ނުލައި ބަންގްލަދޭޝްއަށް އެމެރިކާ ކުންފުނިތަކަށް އެތެރެކުރުމުގެ ފުރުސަތު ލިބިގެންދެއެވެ. މީގެ ތެރޭގައި ޖީއެމް ސޯޔާބީން އާއި ބީޓީ ކޯން ހިމެނެއެވެ. މީގެ އިތުރުން، އެމެރިކާގެ މިންގަނޑުތަކަށްވުރެ ހަރުކަށި މިންގަނޑުތައް ގެންގުޅޭ ތިންވަނަ ފަރާތްތަކާއެކު އެއްބަސްވުން ހެދުންވެސް ބަންގްލަދޭޝްއަށް މި އެއްބަސްވުމުގެ ދަށުން މަނާވެއެވެ.
ތިމާވެށި ރައްކާތެރިކުރާ ޖަމިއްޔާތަކުން ފާހަގަކުރާ ގޮތުގައި، އެމެރިކާގެ ކުކުޅު ކާނާގައި ގެރިމަހާއި އޫރުމަހުގެ ބައިތައް ހިމެނޭ ކަމަށާއި އެކަމަކީ ހަލާލު މިންގަނޑަށް ފެތޭ އެއްޗެއް ނޫން ކަމަށެވެ. މިއީ މުސްލިމް މެޖޯރިޓީ ގައުމެއް ކަމަށްވާ ބަންގްލަދޭޝްގެ ރައްޔިތުންގެ ދީނީ އިހުސާސްތަކާ ގުޅިފައިވާ ބޮޑު ކަންބޮޑުވުމެކެވެ. އަދި އެމެރިކާއަށް އެފަދަ ބާވަތްތައް ލޭބަލް ކުރުން މަޖުބޫރު ނޫންވުމުން، ކަސްޓަމަރުންނަށް އެ ގަންނަނީ ކޮން އެއްޗެއްކަން އެނގުމުގެ ފުރުސަތު ގެއްލިގެންދެއެވެ.
މެލޭޝިއާއިން ދާދިފަހުން ވަނީ އެމެރިކާއާއެކު ވެފައިވާ މިފަދަ އެއްބަސްވުމެއް ބާތިލުކޮށްފައެވެ. ބަންގްލަދޭޝްގެ އެއްބަސްވުމުގައިވެސް އަލުން މުރާޖަޢާ ކުރުމުގެ ފުރުސަތު އޮތް ނަމަވެސް، އެކަން ކުރެވޭނީ ސިޔާސީ ގޮތުން އެފަދަ ނިންމުމެއް ނިންމުމުގެ ހިތްވަރު ހުރެގެން ކަމަށް އެނަލިސްޓުން ބުނެއެވެ.





