ގޫގުލް އިން 15 ބިލިއަން ޑޮލަރުގެ އޭއައި ހަބެއް ބިނާކުރަން ފަށައިފި

އިންޑިއާގެ އިރުދެކުނު އައްސޭރިފަށުގެ ސިޓީއެއް ކަމަށްވާ ވިސާކަޕަޓްނަމް (ވައިޒާގް) ގައި 15 ބިލިއަން އެމެރިކާ ޑޮލަރުގެ އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ހަބެއް ބިނާކުރުމުގެ މަސައްކަތް ގޫގުލް އިން ރަސްމީކޮށް ފަށައިފިއެވެ. މިއީ އެމެރިކާއިން ބޭރުގައި ގޫގުލް އިން މިހާތަނަށް ކުރާ އެންމެ ބޮޑު އޭއައި އިންވެސްޓްމަންޓެވެ.

މި މަޝްރޫއަކީ އިންޑިއާގައި ފުރިހަމަ އޭއައި އިކޯސިސްޓަމެއް ގާއިމުކުރުމަށް ގޫގުލް އިން ކުރިއަށްގެންދާ ފަސް އަހަރުގެ ޕްލޭންގެ ބައެކެވެ. މި މަޝްރޫއުގެ ދަށުން ވައިޒާގްގައި އޭއައިގެ ދާއިރާއިން ބޮޑެތި ކުރިއެރުންތަކެއް ހޯދުމަށް ވަނީ އަމާޒު ހިފާފައެވެ.

ގޫގުލްގެ ވައިސް ޕްރެޒިޑެންޓް ފޯ ގްލޯބަލް އިންފްރާސްޓްރަކްޗަރ ބިކާޝް ކޯލީ ވިދާޅުވީ، މި ހަބްގެ ތެރޭގައި ގިގަވޮޓް ސްކޭލްގެ ބޮޑު ޑޭޓާ ސެންޓަރެއް ހިމެނޭނެ ކަމަށެވެ. މި ސެންޓަރުގެ ސަބަބުން ގޫގުލްގެ އޭއައި މޮޑެލް "ޖެމިނައި" އާއި "ގޫގުލް ސާޗް" ފަދަ ޚިދުމަތްތަކަށް ބޮޑު އެހީތެރިކަމެއް ލިބިގެންދާނެއެވެ. މިއީ އިންޑިއާގެ ޑިޖިޓަލް ކުރިމަގަށް ގޫގުލް އިން ވެފައިވާ ދިގު މުއްދަތުގެ ބަރޯސާވުމުގެ ހެއްކެއް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

އަންދްރަ ޕްރަދޭޝްގެ ސަރުކާރުން ބުނަނީ މި މަޝްރޫއުގެ ސަބަބުން އިންޑިއާގެ އެންމެ ކުރިއަރާފައިވާ އޭއައި އަދި ޑީޕް ޓެކް ހަބަކަށް އެ ސްޓޭޓް ހެދުމަށް ކުރާ މަސައްކަތް ވަރުގަދަވެގެންދާނެ ކަމަށެވެ. އަދި މީގެ ސަބަބުން އާ ވަޒީފާތަކާއި، ދިރާސާ ކުރުމުގެ ފުރުސަތުތަކާއި، ޓެކްނޮލޮޖީއަށް ބިނާވި ތަރައްގީއަށް މަގުފަހިވާނެ ކަމަށް ބުނެއެވެ.

ގޫގުލް އިން އިތުރަށް ހާމަކުރި ގޮތުގައި، އިންޑިއާ އާއި ސިންގަޕޫރު ގުޅުވާލަދޭ ސަބްމެރިން އިންޓަނެޓް ކޭބަލްތަކުގެ ލޭންޑިންގް ޕޮއިންޓެއްގެ ގޮތުގައި ވިސާކަޕަޓްނަމް ތަރައްގީ ކުރެވޭނެއެވެ. މީގެ ސަބަބުން އިންޑިއާގެ ޑިޖިޓަލް އިންފްރާސްޓްރަކްޗަރ ވަރުގަދަވެ، ބައިނަލްއަގުވާމީ ފެންވަރުގައި ގުޅުންތައް ފުޅާވެގެންދާނެއެވެ.

މިއީ އިންޑިއާއަށާއި، ވައިޒާގް ސިޓީއަށް އަދި ގޫގުލްއަށް ވެސް ތާރީޚީ މުހިންމު ވަގުތުކޮޅެކެވެ. މިއީ ގޫގުލް އާއި އިންޑިއާގެ ޓެކްނޮލޮޖީ ދާއިރާއާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމެއްގެ ގޮތުގައި ބުނެއެވެ.

ހިއްސާ ކުރައްވާ!