ބަންގްލަދޭޝްއަށް ކުރިމަތިވެފައިވާ ކާބޯތަކެތީގެ ރައްކާތެރިކަމުގެ މައްސަލަ ބޮޑުވަމުންދަނީ

2025 ވަނަ އަހަރު ބަންގްލަދޭޝްގެ ކާބޯތަކެތީގެ ސަލާމަތީ ކަންކަމުގެ ހާލަތަށް ކޮންމެވެސް ވަރެއްގެ ކުރިއެރުމެއް ލިބުނު ނަމަވެސް، އެ ގައުމަށް ވަނީ އޮނިގަނޑުގަނޑު ގޮތުން ކާބޯތަކެތީގެ ރައްކާތެރިކަން ނެތުމުގެ ސީރިއަސް ގޮންޖެހުންތަކަކާ ކުރިމަތިވެފައިވާ ކަމަށް 2026 ވަނަ އަހަރުގެ ގްލޯބަލް ރިޕޯޓް އޮން ފުޑް ކްރައިސިސް (ޖީ.އާރު.އެފް.ސީ) އިން ހާމަކޮށްފިއެވެ. މި ރިޕޯޓުގައި ބަޔާންކޮށްފައިވާ ގޮތުގައި، 2025 ވަނަ އަހަރު ކާބޯތަކެތީގެ ދަތިކަން އެންމެ ބޮޑަށް ކުރިމަތިވި ދުނިޔޭގެ 10 ގައުމުގެ ތެރޭގައި ބަންގްލަދޭޝް ހިމެނެއެވެ.

ޖީ.އާރު.އެފް.ސީގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، 2025 ވަނަ އަހަރުގެ އެންމެ ދަތި ދުވަސްވަރު އެ ގައުމުގެ 1.6 ކްރޯޑް (16 މިލިއަން) މީހުން ވަނީ ކާބޯތަކެތީގެ ނުރައްކާތެރި ހާލަތަކާ ކުރިމަތިލާފައެވެ. މީގެ ތެރޭގައި "ކްރައިސިސް" ލެވެލްގައި 15.6 މިލިއަން މީހުން ހިމެނޭއިރު، 4 ލައްކަ މީހުން ތިބީ "އިމަޖެންސީ" ހާލަތުގައެވެ. މިއީ ދިރާސާ ކުރެވުނު އާބާދީގެ 17 އިންސައްތައެވެ.

2024 ވަނަ އަހަރާ އަޅާބަލާއިރު، ކާބޯތަކެތީގެ ދަތިކަން ތަހައްމަލު ކުރާ މީހުންގެ އަދަދު 7.6 މިލިއަން މީހުންނަށް މަދުވެފައިވަނީ ގުދުރަތީ ކާރިސާތައް މަދުވުމާއި، ތަކެތީގެ އަގު އުފުލޭ މިންވަރު ދަށްވުމުގެ ސަބަބުންނެވެ. ނަމަވެސް، މާހިރުން ފާހަގަކުރާ ގޮތުގައި ގައުމުގެ ހާލަތު ނިސްބަތުން ރަނގަޅު އަހަރެއްގައިވެސް މިހާ ގިނަ އަދަދެއްގެ މީހުން ބަނޑުހައިހޫނުކަމުގައި ތިބެންޖެހުމަކީ ކަންބޮޑުވާންޖެހޭ ކަމެކެވެ.

މި މައްސަލައިގެ މައިގަނޑު ސަބަބުތަކުގެ ތެރޭގައި އާމްދަނީ ދަށްވުމާއި، ތަކެތި ގަތުމުގެ ބާރު ކުޑަވުމާއި، އަދި އިޖުތިމާއީ ރައްކާތެރިކަމުގެ ނިޒާމުގައި ހުރި ހުސްތަންތަން ހިމެނެއެވެ. ބާޒާރުގައި ކާބޯތަކެތި ހުރި ނަމަވެސް، ގިނަ އާއިލާތަކަށް އެ ތަކެތި ގަތުމުގެ ތަނަވަސްކަން ނެތުމުގެ ސަބަބުން ކުދިންނާއި އަންހެނުންގެ ސިއްހަތަށް އޭގެ ނޭދެވޭ އަސަރު ދަނީ ކުރަމުންނެވެ.

މީގެ އިތުރުން، ރޮހިންޔާ ރެފިއުޖީންގެ މައްސަލައާއި މިއަންމާ އިން އަލަށް އައި މީހުންގެ ސަބަބުން ކޮކްސް ބާޒާރު ސަރަހައްދުގެ ކާބޯތަކެތީގެ ހާލަތު ވަނީ އިތުރަށް ގޯސްވެފައެވެ. ރިޕޯޓުގައި ލަފާދީފައިވަނީ ބަންގްލަދޭޝް އިން ކާބޯތަކެތި ލިބުމަށްވުރެ ބޮޑަށް، ހެޔޮ އަގުގައި ފައިދާހުރި ކާނާ ރައްޔިތުންނަށް ފޯރުކޮށްދިނުމަށް ސިޔާސަތުތައް ބަދަލުކުރަން ޖެހޭ ކަމަށެވެ.

ބަނގްލަދޭޝް މެދު ފަންތީގެ މުއްސަނދި ގައުމަކަށް ވުމަށް އަމާޒު ހިފާފައިވާ އިރު 16 މިލިއަން މީހުން ކާބޯތަކެތީގެ ނުރައްކަލުގައި ތިބުމަކީ ބޮޑު ގޮންޖެހުމެކެވެ. އަދި ކޮންމެ އާއިލާއަކަށްވެސް މެދުކެނޑުމެއްނެތި ފައިދާހުރި ކާނާ ލިބޭނެ މަގު ފަހިކޮށްދިނުމަކީ ސަރުކާރުން އެންމެ އިސްކަންދޭންޖެހޭ ކަން ކަމުގައި 2026 ވަނަ އަހަރުގެ ގްލޯބަލް ރިޕޯޓް އޮން ފުޑް ކްރައިސިސް ފާހަގަކޮށްފައިވެއެވެ.

ހިއްސާ ކުރައްވާ!