އިންޑިއާ އިން ބޭރުކުރި ދަގަނޑުގެ މިންވަރު އިތުރުވެއްޖެ

ނިމިގެން ދިޔަ މާލީ އަހަރުގައި، އިންޑިއާއަކީ އެ ގައުމަށް އެތެރެކުރާ ދަގަނޑަށްވުރެ ގިނައިން ދަގަނޑު ބޭރުކުރި އެކްސްޕޯޓަރު ގައުމަކަށް ވެއްޖެއެވެ. ރޮއިޓާސް އިން މުރާޖައާކޮށްފައިވާ ސަރުކާރުގެ ވަގުތީ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، މިއީ ދުނިޔޭގެ ދެވަނައަށް އެންމެ ގިނައިން ދަގަނޑު އުފައްދާ ގައުމުގެ ވިޔަފާރީގެ ބަދަލަށް އައި ބޮޑު ކުރިއެރުމެކެވެ.

ތަފާސްހިސާބުތަކުން ދައްކާގޮތުގައި 2025-26 ވަނަ އަހަރު އިންޑިއާ އިން 6.6 މިލިއަން މެޓްރިކް ޓަނުގެ ދަގަނޑު ބޭރުކޮށްފައިވެއެވެ. މިއީ އޭގެ ކުރީ އަހަރާ އަޅާބަލާއިރު 35.9 އިންސައްތައިގެ އިތުރުވުމެކެވެ. އިންޑިއާގެ ދަގަނޑު އެންމެ ގިނައިން ގަނެފައިވާ ގައުމުތަކުގެ ތެރޭގައި އިޓަލީ، ވިއެޓްނާމް، ބެލްޖިއަމް، ޔޫއޭއީ އަދި ސްޕެއިން ހިމެނެއެވެ.

އިންޑިއާއަށް ދަގަނޑު އެތެރެކުރި މިންވަރު ވަނީ މި މުއްދަތުގައި ވަރަށް ބޮޑަށް ދަށަށް ގޮސްފައެވެ. އެގޮތުން މިދިޔަ އަހަރު އެތެރެކޮށްފައިވަނީ 6.5 މިލިއަން ޓަނުގެ ދަގަނޑެވެ. މިއީ އޭގެ ކުރީ އަހަރާ އަޅާބަލާއިރު 31.7 އިންސައްތައިގެ ދަށްވުމެކެވެ. އިންޑިއާއަށް އެންމެ ގިނައިން ދަގަނޑު ސަޕްލައިކޮށްދިން ގައުމުތަކަކީ ދެކުނު ކޮރެއާ، ޗައިނާ، ޖަޕާން، ވިއެޓްނާމް އަދި ރަޝިއާއެވެ.

އިންޑިއާގެ ކްރޫޑް ސްޓީލް އުފެއްދި މިންވަރު 169.2 މިލިއަން ޓަނަށް އަރާފައިވާއިރު، މިއީ އަހަރުން އަހަރަށް ބަލާއިރު 11.2 އިންސައްތައިގެ ކުރިއެރުމެކެވެ. ހަމައެއާއެކު، ގައުމުގެ އެތެރޭގައި ދަގަނޑު ބޭނުންކުރި މިންވަރުވެސް ވަނީ 8 އިންސައްތަ އިތުރުވެ، 164.2 މިލިއަން ޓަނަށް އަރާފައެވެ.

މި ތަފާސްހިސާބުތަކުން ހާމަވާގޮތުގައި، އިންޑިއާގެ އެތެރޭގެ އުފެއްދުންތެރިކަން ވަރުގަދަވުމާއި، ބޭރުން އެތެރެކުރާ ދަގަނޑަށް އޮތް ޑިމާންޑް ކުޑަވުމަކީ އިންޑިއާ "ނެޓް އެކްސްޕޯޓަރ" އެއްގެ މަގާމަށް ދިއުމަށް މެދުވެރިވި މައިގަނޑު ސަބަބެވެ.

ހިއްސާ ކުރައްވާ!