ޗައިނާގެ ޖާސޫސީ ނެޓްވޯކަކުން ނޫސްވެރިންގެ ނަމުގައި ތައިވާނުގެ މަދަނީ ޖަމިއްޔާތަކަށް އަމާޒުކޮށްފި ކަމަށް ބުނޭ

ޗައިނާގެ ޖާސޫސީ ނެޓްވޯކަކުން، ނޫސްވެރިންގެ ނަމުގައި ހަރަކާތްތެރިވެ ތައިވާނުގެ މަދަނީ ޖަމިއްޔާތަކާއި، ސިޔާސީ އޮފީސްތަކާއި އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ގްރޫޕްތަކަށް ފޭދިގަތުމަށް މަސައްކަތްކޮށްފައިވާކަން ތަހުގީގަކުން ހާމަވެއްޖެއެވެ. މި އޮޕަރޭޝަނުގައި ވަނީ ފޭކު އައިޑެންޓިޓީތަކާއި، އިންޓަވިއު ކުރުމަށް ދޮގު މައުލޫމާތާއި، އަދި ވައިރަސް އެކުލެވޭ ފައިލްތައް ބޭނުންކޮށްގެން މީޑިއާ މަސައްކަތްތެރިންނާއި، ތިންކް ޓޭންކް އެނަލިސްޓުންނާއި، ގާނޫނު ހަދާ މަޖިލީހުގެ މެންބަރުންގެ އޮފީސްތަކަށް އަމާޒުކޮށްފައެވެ.

މި އޮޕަރޭޝަން ފަށާފައިވަނީ 2025 ވަނަ އަހަރުގެ މެއި މަހުގައެވެ. އެގޮތުން "ކޮމަންވެލްތު މެގަޒިން" ގެ އެޑިޓަރު އީ-ޝާން ޗެންގެ ނަމުގައި މީހަކު ޖީމެއިލް މެދުވެރިކޮށް ތައިވާނުގެ އެކި ޖަމިއްޔާތަކާ ގުޅުން އުފެއްދިއެވެ. އިތުބާރު ހޯދުމުގެ ގޮތުން މި ފަރާތުން މަސްތަކެއް ވަންދެން ވާހަކަދައްކައި، ބައެއް ފަރާތްތަކަށް ހިލޭ ސެމްސަންގް ފޯނު ދިނުމަށްވެސް ހުށަހަޅާފައިވެއެވެ.

ކޮމަންވެލްތު މެގަޒިންއާއި، އިންޓަނޭޝަނަލް ކޮންސޯޓިއަމް އޮފް އިންވެސްޓިގޭޓިވް ޖާނަލިސްޓްސް އަދި ޔުނިވަރސިޓީ އޮފް ޓޮރޮންޓޯގެ ސިޓިޒަން ލެބް ގުޅިގެން ހަ މަސް ދުވަހު ހިންގި ތަހުގީގުން ކަށަވަރުވި ގޮތުގައި، މިއީ ޗައިނާގެ ޖާސޫސީ އިދާރާތަކާ ގުޅުންހުރި ފޭކު އައިޑެންޓިޓީއެކެވެ. މިކަމަށް ބޭނުންކުރި އައިޕީ ނެޓްވޯކަކީ މީގެ ކުރިން ތައިވާނުގެ ސެމީކޮންޑަކްޓަރ ކުންފުނިތަކަށް ހަމަލާދިނުމަށް ބޭނުންކުރި ނެޓްވޯކެއްކަންވެސް ވަނީ އެނގިފައެވެ.

މި ހަމަލާތަކުގައި އަމާޒުކޮށްފައިވާ ފަރާތްތަކުގެ ތެރޭގައި ސިވިކް މީޑިއާ އައުޓްލެޓް "ވޮޗްއައުޓް" އާއި، ޑިމޮކްރެޓިކް ޕްރޮގްރެސިވް ޕާޓީގެ ސިޓީ ކައުންސިލަރަކާއި، ގާނޫނު ހަދާ މަޖިލީހުގެ އެހީތެރިއަކާއި، އަދި އުއިގޫރު، ޓިބެޓް އަދި ހޮންކޮންގްގެ މުޖުތަމައުތަކަށް މަސައްކަތްކުރާ ޖަމިއްޔާތައް ހިމެނެއެވެ. މި ހަމަލާދިން ފަރާތްތަކުން މަސައްކަތްކޮށްފައިވަނީ ސިޔާސީ ސުވާލުތައް މެދުވެރިކޮށް ގާތްކަން އުފެއްދުމަށްފަހު، އިންޓަވިއު ސުއާލުތަކަށް އީމެއިލްގައި މެލްވެއާ ފޮނުވައިގެން ލޮގިން މައުލޫމާތު ވަގަށް ނެގުމަށެވެ.

އެނަލިސްޓުން ވިދާޅުވާ ގޮތުގައި މި އޮޕަރޭޝަނުގެ މައިގަނޑު ބޭނުމަކީ ސިއްރު ލިޔެކިޔުންތައް ވަގަށް ނެގުމަށްވުރެ ބޮޑަށް، ތައިވާނުގެ މަދަނީ މުޖުތަމައުގެ ތެރޭގައި އޮންނަ ގުޅުންތަކާއި ނެޓްވޯކްތައް ދެނެގަތުމެވެ. މި މަސައްކަތަކީ ޗައިނާގެ ދައުލަތުގެ އިދާރާތަކަށް މަސައްކަތްކޮށްދޭ އަމިއްލަ ސައިބަރ ސެކިއުރިޓީ ކޮންޓްރެކްޓަރުން ހިންގާފައިވާ ކަމެއް ކަމަށް ސިޓިޒަން ލެބްގެ ހެކިތަކުން ދައްކައެވެ.

ތައިވާނުގެ ބިއުރޯ އޮފް އިންވެސްޓިގޭޝަނުން މިހާރު ދަނީ މި މައްސަލަ ބަލަމުންނެވެ. ނަމަވެސް، މިކަން ކުރި ފަރާތްތަކަކީ ތައިވާނުން ބޭރުގައި ތިބި ބަޔަކަށް ވާތީ ގާނޫނީ ފިޔަވަޅު އެޅުމަށް ވަނީ ހުރަސްތަކެއް ކުރިމަތިވެފައެވެ. ގައުމީ ސަލާމަތާ ބެހޭ އޮފިޝަލުން ވިދާޅުވާ ގޮތުގައި މިފަދަ ދިގުމުއްދަތުގެ ސައިބާ ޖާސޫސީ ހަރަކާތްތައް ދަނީ އިތުރުވަމުންނެވެ.

ހިއްސާ ކުރައްވާ!