ޔަހޫދީން އަމިއްލައަށް އެމީހުންގެ ލާއިންސާނީ ކަން ދުނިޔެއަށް ސާބިތުކޮށްދޭ

ޖެނޮސައިޑް ހިންގާ އެމެރިކާގެ ޕްރޮކްސީއެއް ކަމަށްވާ ޔަހޫދީ ރެޖީމްގެ ނޭޝަނަލް ސެކިއުރިޓީ މިނިސްޓަރު އިތަމާރު ބިން ގަވީރުގެ އުފަންދުވަސް ފާހަގަކުރުމަށް އޭނާގެ އަންހެނުން ދިން ކޭކަކުން، ފަލަސްތީނު ރައްޔިތުންނާ މެދު ޔަހޫދީން ގެންގުޅޭ ލާއިންސާނީ ވިސްނުން އަނެއްކާވެސް ދުނިޔެއަށް ހާމަވެއްޖެއެވެ. ފަލަސްތީނު މީހުންނަށް ފުރައްސާރަކުރުމުގެ ގޮތުން ތައްޔާރުކޮށްފައިވާ މި ކޭކުގައި ވަނީ ދަން މަޅިއެއްގެ ހިމަނާފައެވެ.

މި ކޭކުގައި "ހުވަފެންތައް ބައެއް ފަހަރު ހަގީގަތަކަށް ވެއެވެ"މިފަދައިން ލިޔެފައިވެއެވެ. މިއީ ފަލަސްތީނުގެ އަސީރުން މެރުމަށް ބިން ގަވީރު އިސްވެ ހުރެ ޖެނޮސައިޑް ރެޖީމްގެ ގާނޫނު ހަދާ މަޖިލީހުން ފާސްކުރި ގާނޫނަށް އިޝާރާތްކޮށް ކޮށްފައިވާ ކަމެކެވެ.

ބިން ގަވީރު ފަލަސްތީނުގެ ހުޅަނގު އައްސޭރިއާއި ޣައްޒާގެ ރައްޔިތުންނާ ދެކޮޅަށް ދޭ ލާއިންސާނީ ބަޔާންތަކާއި، އިސްރާއީލުގެ ވަޒަންވެރިން ހިންގާ ލާއިންސާނީ އަބނިޔާވެރި ޓެރަރިސްޓް އަމަލުތަކަށް އޭނާ ތާއީދުކުރާތީ ބައިނަލްއަގުވާމީ މުޖުތަމައުގެ ބޮޑެތި ފާޑުކިޔުންތަކެއް ވަނީ އަމާޒުވެފައެވެ. މިކަމުގެ ސަބަބުން 2025 ވަނަ އަހަރުގެ ޖޫން މަހުގެ ތެރޭގައި އިނގިރޭސިވިލާތް، ކެނެޑާ، އޮސްޓްރޭލިއާ، ނިއުޒީލެންޑް، ނޯވޭ، ނެދަލޭންޑްސް އަދި ސްޕެއިން ފަދަ ގައުމުތަކުން ވަނީ އޭނާއާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އަޅައި، އެ ގައުމުތަކަށް ދަތުރުކުރުން މަނާކޮށްފައި ވެއެވެ.

ޔަހޫދީންގެ ގާނޫނު ހަދާ މަޖިލީހުން މިދިޔަ މާރިޗު މަހު ވަނީ ޔަހޫދީންގެ ޖަލުތަކުގައި ރަހީނުކޮށްފައިވާ ފަލަސްތީނުގެ ރަހީނުން މެރުމަށް ހުއްދަދޭ ގާނޫނެއް ފާސްކޮށްފައެވެ.

ޔަހޫދީ ރެޖީމުން މަރުގެ އަދަބު ދިނުން ހުއްޓާލާފައި އޮންނަތާ އެތައް އަހަރެއް ވެފައިވީ ނަމަވެސް، އަސްކަރީ ކޯޓުތަކުން ބައެއް ހާލަތްތަކުގައި ފަލަސްތީނު މީހުންނަށް މަރުގެ ހުކުމް އިއްވަމުން ގޮސްފައިވެއެވެ. ނަމަވެސް ފަހުން އެ ހުކުމްތައް ވަނީ އުމުރު ދުވަހުގެ ޖަލު ހުކުމަށް ބަދަލުކޮށްފައެވެ.

ޔަހުޔާ ސިންވާރު ފެށި އަޤްޞާ ޠޫފާނުގެ ފަހުން އިސްރާއީލުގެ ކަނާތު ފިޔައިގެ ސިޔާސީ ފަރާތްތަކުން ދަނީ ފަލަސްތީނު މީހުންނަށް މަރުގެ އަދަބު ދިނުމުގެ ގާނޫނު އަލުން އިއާދަކުރުމަށް ބާރުއަޅަމުންނެވެ. މިފަދަ އަމަލުތަކުން ހާމަވަނީ ޔަހޫދީ ސަރުކާރުގެ އިސްވެރިންގެ ހިތްތަކުގައި ފަލަސްތީނު ރައްޔިތުންނާ މެދު އޮތް ނަފުރަތާއި ލާއިންސާނީ ވިސްނުމެވެ.

ހިއްސާ ކުރައްވާ!