ޗައިނާއިން އެފްރިކާގެ ގައުމުތަކުން އެތެރެކުރާ މުދަލުން ޑިއުޓީ ކަނޑާލުމަށް ނިންމި ސިޔާސަތަށް މެއި މަހުން ފެށިގެން އަމަލުކުރަން ފަށައިފިއެވެ. ޝިންހުއާ ނިއުސް އެޖެންސީން ރިޕޯޓްކޮށްފައިވާ ގޮތުގައި، މި ނިންމުމާއެކު އެފްރިކާގެ ގައުމުތަކުން ޗައިނާއަށް އެތެރެކުރާ މުދަލަށް މިހާރު އެއްވެސް ޑިއުޓީއެއް ދައްކާކަށް ނުޖެހޭނެއެވެ.
މި ސިޔާސަތުގެ ދަށުން އެންމެ ފުރަތަމަ ޗައިނާއަށް އެތެރެކޮށްފައިވަނީ ސައުތު އެފްރިކާގެ 24 ޓަނުގެ އާފަލު ޝިޕްމަންޓެކެވެ. މީގެ ކުރިން 10 އިންސައްތަ ޑިއުޓީ ނަގަމުން އައި މި އުފެއްދުންތަކުން މިހާރު ޑިއުޓީ ކަނޑާލުމާ ގުޅިގެން، ޗައިނާގެ ބާޒާރުގައި އެފްރިކާގެ އުފެއްދުންތަކަށް އޮތް ވާދަވެރިކަން ވަނީ އިތުރުވެފައެވެ. މީގެ އިތުރުން މިސްރުން އެތެރެކުރި 516 ޓަނުގެ އޮރެންޖު ޝިޕްމަންޓަކުން ވެސް ވަނީ ގާތްގަނޑަކަށް 320،000 ޔުއާން (46،900 ޑޮލަރު) ގެ ޑިއުޓީ މައާފުކޮށްދީފައެވެ.
މި އައު ސިޔާސަތު ޗައިނާއާއެކު ސިޔާސީ ގުޅުން އޮންނަ އެފްރިކާގެ ހުރިހާ 53 ގައުމަކަށް މިހާރު ވަނީ ފުޅާކޮށްފައެވެ. މީގެ ކުރިން 2024 ވަނަ އަހަރުގެ ޑިސެމްބަރު މަހާ ހަމައަށް މި ލުއިތައް ދެމުން އައީ އެންމެ ކުޑަކޮށް ކުރިއަރާފައިވާ 33 ގައުމަކަށް އެކަންޏެވެ. ނަމަވެސް އައު އުސޫލުގެ ދަށުން، އެންމެ ކުޑަކޮށް ކުރިއަރާފައިވާ ގައުމުތަކުގެ ލިސްޓުގައި ނުހިމެނޭ އެފްރިކާގެ ގައުމުތަކަށް ވެސް ދެ އަހަރު ދުވަހުގެ މުއްދަތަށް މި އިނާޔަތްތައް ލިބޭނެއެވެ.
ޗައިނާއާއި އެފްރިކާއާ ދެމެދު އޮތް ވިޔަފާރީގެ ގުޅުން ވަނީ ރެކޯޑް މިންވަރަކަށް އިތުރުވެފައެވެ. 2025 ވަނަ އަހަރު ދެ ފަރާތުގެ ދެމެދުގައި ކުރެވުނު ވިޔަފާރީގެ އަދަދު 348 ބިލިއަން ޑޮލަރަށް އަރާފައިވާއިރު، މީގެ ތެރެއިން 123 ބިލިއަން ޑޮލަރަކީ އެފްރިކާއިން ޗައިނާއަށް އެތެރެކުރި މުދަލެވެ. މިއީ އޭގެ ކުރީ އަހަރާ އަޅާބަލާއިރު 5.4 އިންސައްތައިގެ ކުރިއެރުމެކެވެ.
ޗައިނާގެ މިނިސްޓްރީ އޮފް ކޮމާސްއިން ހާމަކުރި ގޮތުގައި، ޑިއުޓީ މައާފުކުރުމުގެ ސަބަބުން އެފްރިކާއަށް ކުރާ އިންވެސްޓްމަންޓްތަކާއި ޓެކްނޮލޮޖީ ބަދަލުކުރުމުގެ މަސައްކަތްތަކަށް ބޮޑު އެހީތެރިކަމެއް ލިބޭނެއެވެ. އަދި އެފްރިކާގެ ގައުމުތަކުގައި އުފައްދާ ތަކެތި އެ ގައުމުތަކުގައި ފިނިޝްޑް ޕްރޮޑަކްޓްތަކަށް ބަދަލުކޮށްގެން އެކްސްޕޯޓް ކުރުމަށް މަގުފަހިވެގެންދާނެއެވެ.
މި ބަދަލާއެކު ބައިނަލްއަގުވާމީ ބޮޑެތި ކުންފުނިތަކުން އެފްރިކާގައި ފެކްޓްރީތައް ގާއިމުކޮށް، ޗައިނާއަށް މުދާ އެކްސްޕޯޓް ކުރުމުގެ ފުރުސަތު ބޮޑުވާނެ ކަމަށް މާހިރުން ލަފާކުރެއެވެ. މިއީ ދުނިޔޭގެ އިގްތިސާދީ ދަތިކަން ހުރި ދަނޑިވަޅެއްގައި އެފްރިކާގެ އުފެއްދުންތަކަށް ޗައިނާގެ ބޮޑު ބާޒާރުން ޖާގަ ހޯދައިދިނުމަށް އެޅުނު މުހިންމު ފިޔަވަޅެއްގެ ގޮތުގައި ވަނީ ފާހަގަކޮށްފައެވެ.



