ޗައިނާގެ ކަރަންޓު ނެޓްވޯކް ބެލެހެއްޓުމަށް ރޮބޮޓް ބޭނުންކުރަނީ

ޗައިނާގެ ހަކަތައިގެ އިންފްރާސްޓްރަކްޗާ ވަރުގަދަކުރުމުގެ ގޮތުން، އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ބޭނުންކޮށްގެން މަސައްކަތްކުރާ 8،500 ރޮބޮޓް އެ ގައުމުގެ ކަރަންޓު ނެޓްވޯކް ބެލެހެއްޓުމަށް ނެރުމަށް ނިންމައިފިއެވެ. މި މަޝްރޫއަކީ ގައުމީ ފެންވަރުގައި ހަކަތައިގެ ނިޒާމު ޒަމާނީކުރުމަށް ކުރިއަށްގެންދާ ބޮޑު މަސައްކަތެކެވެ.

ޗައިނާގެ ސްޓޭޓް ގްރިޑް ކޯޕަރޭޝަނުން މި މަސައްކަތަށް ގާތްގަނޑަކަށް އެއް ބިލިއަން އެމެރިކާ ޑޮލަރު (6.8 ބިލިއަން ޔުއާން) ކަނޑައަޅާފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ. މި އިންވެސްޓްމަންޓުގެ ދަށުން ގަންނަ ރޮބޮޓްތައް ބޭނުންކުރާނީ ކަރަންޓު ނެޓްވޯކްތައް އިންސްޕެކްޓް ކުރުމަށާއި، މަރާމާތު ކުރުމުގެ އިތުރުން އިންސާނުންނަށް ނުރައްކާތެރި އަދި ދިއުމަށް އުނދަގޫ ސަރަހައްދުތަކުގައި މަސައްކަތް ކުރުމަށެވެ.

މި މަޝްރޫއުގެ ދަށުން ބޭނުންކުރާ ރޮބޮޓްތަކުގެ ތެރޭގައި ފަރުބަދަމަތީ ސަރަހައްދުތައް ބެލެހެއްޓުމަށް ޚާއްސަ 5،000 ރޮބޮޓް ކުއްތާ ވެސް ހިމެނެއެވެ. މީގެ އިތުރުން، މަތީ ވޯލްޓޭޖްގެ ކަރަންޓު ލައިންތައް މަރާމާތު ކުރުމަށް އިންސާނުންނާ ވައްތަރުގެ (ހިއުމަނޮއިޑް) ރޮބޮޓްތަކާއި ދެ އަތް ހުންނަ ރޮބޮޓްތައް ވެސް ބޭނުންކުރާނެއެވެ.

ޗައިނާގެ ދިރާސާވެރިން ވަނީ 2026 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ ނިޔަލަށް، ކަރަންޓު ނެޓްވޯކަށް ދިމާވާ މައްސަލަތަކަށް އިޖާބަދޭ ވަގުތު 0.1 ސިކުންތަށް ކުޑަކޮށްފައެވެ. މީގެ ސަބަބުން ނެޓްވޯކްގައި މައްސަލައެއް ޖެހޭ ސަރަހައްދު ވަކިކޮށް، ވަގުތުން ޚިދުމަތް އަލުން ދިނުމުގެ ގާބިލުކަން ވަނީ އިތުރުވެފައެވެ.

މި މަސައްކަތުގައި ޗައިނާގެ މަޝްހޫރު ރޮބޮޓިކްސް ކުންފުނިތައް ކަމަށްވާ ޔުނިޓްރީ ރޮބޮޓިކްސް، ޑީޕް ރޮބޮޓިކްސް އަދި އެޖީބޮޓް ފަދަ ކުންފުނިތަކުން ބައިވެރިވެއެވެ. ލަފާކުރެވޭ ގޮތުގައި 2026 ވަނަ އަހަރުގެ ނިޔަލަށް ޗައިނާގެ ހަކަތައިގެ ދާއިރާއިން އޭއައި އަށް ކުރާ ޖުމްލަ ހޭދަ 1.46 ބިލިއަން ޑޮލަރަށް އަރާނެއެވެ.

މި އާ ޓެކްނޮލޮޖީގެ ސަބަބުން ކަރަންޓުގެ ޚިދުމަތް މެދުނުކެނޑި ދިނުމަށާއި، މަސައްކަތުގެ މައިދާނުގައި އިންސާނުންނަށް ދިމާވާ ނުރައްކާތައް ކުޑަކުރުމަށް ބޮޑު އެހީތެރިކަމެއް ލިބިގެންދާނެ ކަމަށް ޗައިނާގެ ކަމާބެހޭ އިދާރާތަކުން ގަބޫލުކުރެއެވެ.

ހިއްސާ ކުރައްވާ!