ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު، ސްރީލަންކާއަށް ކުރައްވާ ފުރަމާނަ ދަތުރުފުޅުގައި މިއަދު ކޮޅުނބަށް ވަޑައިގަތުމުން ހޫނު މަރުހަބާއެއް ދަންނަވައިފިއެވެ. ބަންޑާރަނަޔަކަ އިންޓަރނޭޝަނަލް އެއަރޕޯޓުން އެ ދެކަނބަލުންނަށް އިސްތިގުބާލުކުރެއްވީ، ސްރީލަންކާގެ ބޮޑުވަޒީރު، ޑރ. ހަރިނީ އަމަރަސޫރިޔާ އެވެ.
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންގެ ޝަރަފުގައި، ސްރީލަންކާގެ ސަގާފީ ހަރަކާތްތަކާއެކު މަރުހަބާ ދެންނެވުމުގެ ޚާއްސަ ހަރަކާތްތަކެއް އެއަރޕޯޓުގައި ވަނީ ކުރިއަށް ގެންގޮސްފައެވެ. އެއަރޕޯޓުން މަރުހަބާ ދެންނެވުމުގައި ލަންކާގެ ބޮޑުވަޒީރުގެ އިތުރުން އެ ޤައުމުގެ ވަޒީރުންގެ މަޖިލީހުގެ މެންބަރުންނާއި ދައުލަތުގެ ބައެއް އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ. ރައީސުލްޖުމްހޫރިއްޔާ ވަނީ އެ ބޭފުޅުންނާ ސަލާމްކުރައްވައި، އިއްޒަތްތެރިން ސޮއިކުރައްވާ ފޮތުގައި ސޮއިކުރައްވާފައެވެ.
![]()
މި ދަތުރުފުޅަށް މަރުހަބާ ދެންނެވުމުގެ ގޮތުން އެއަރޕޯޓާއި އެ ސަރަޙައްދުގެ އެކި ތަންތަނުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޢިއްޒު އާއި ސްރީލަންކާގެ ރައީސް އަނޫރާ ކުމާރާ ޑިސަނާޔަކެގެ ފޮޓޯފުޅުތަކާއި، މަރުހަބާގެ ޝުޢޫރުތައް ހިމެނޭ ބެނާތައް ވަނީ ހަރުކޮށްފައެވެ. ރައީސުލްޖުމްހޫރިއްޔާއަށް ރަސްމީކޮށް މަރުހަބާ ދެންނެވުމުގެ ރަސްމިއްޔާތު ބޭއްވުމަށް ހަމަޖެހިފައިވަނީ މާދަމާ ހެނދުނުއެވެ.
މި ދަތުރުފުޅުގައި ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން ރަސްމީ މަޝްވަރާތައް އޮންނާނެ އެވެ. އޭގެ ތެރޭގައި ތައުލީމާއި، ފަންނީ ތަމްރީނާއި، އިގްތިސާދީ އެއްބާރުލުމުގެ އިތުރުން ބައިނަލްއަގުވާމީ މައިދާންތަކުގައި އެކުގައި މަސައްކަތްކުރެވޭނެ އައު މަގުތައް ހޯދުން ހިމެނެއެވެ. އަދި ދެ ގައުމުގެ ރައީސުންގެ ހާޒިރުގައި، ތަފާތު އެކި ދާއިރާތަކުން ގުޅުން ބަދަހިކުރުމުގެ ފަހުމުނާމާތަކުގައި ސޮއިކުރެއްވުމަށް ވެސް ވަނީ ހަމަޖެހިފައެވެ.
މި ދަތުރުފުޅަކީ ދިވެހިރާއްޖެއާއި ސްރީލަންކާއާ ދެމެދު ޚާރިޖީ ގުޅުން ގާއިމުކުރިތާ 60 އަހަރު ފުރުމުގެ މުނާސަބަތާ ގުޅިގެން ކުރައްވާ ދަތުރުފުޅެކެވެ. ދެ ޤައުމުގެ ދެމެދުގައި ރަސްމީކޮށް ގުޅުން ގާއިމުކުރެވުނީ 1965 ޖުލައި 26 ގައެވެ. މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ 'މޯލްޑިވްސް-ސްރީލަންކާ ބިޒްނަސް ފޯރަމް' ގައި ބައިވެރިވެވަޑައިގަތުމުގެ އިތުރުން، ސްރީލަންކާގައި ދިރިއުޅޭ ދިވެހި ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ވެސް ވަނީ ހަމަޖެހިފައެވެ.

