އިންޑިއާގެ ގޮދަން އުފެއްދުންތެރިކަން ރެކޯޑް މިންވަރަކަށް އިތުރުވެ، ދުނިޔޭގެ ބާޒާރުގައި ގޮދަނަށް އޮތް ޑިމާންޑާ އެކު، ހަތަރު އަހަރުގެ މެދުކެނޑުމަކަށްފަހު އެ ގައުމުން އަލުން ގޮދަން އެކްސްޕޯޓް ކުރަން ފަށައިފިއެވެ. މި ބަދަލާއެކު އޭޝިއާ އާއި މެދުއިރުމަތީގެ ގައުމުތަކަށް އިންޑިއާގެ ގޮދަން ލިބުމުގެ ފުރުސަތު މިވަނީ އަލުން ހުޅުވިފައެވެ.
ރޮއިޓާސްއިން ރިޕޯޓްކޮށްފައިވާ ގޮތުގައި، ގުޖުރާތުގެ ކަންޑްލާ ބަނދަރުން މިހާރު ވަނީ ގޮދަން ބަރުކުރަން ފަށާފައެވެ. އިންޑިއާގެ އެންމެ ބޮޑު އެއް ކުންފުނި ކަމަށްވާ އައިޓީސީން ވަނީ ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އަށް ފޮނުވުމަށް 22,000 ޓަނުގެ ގޮދަން ބަރުކުރަން ފަށާފައެވެ. މިއީ 2022 ވަނަ އަހަރު އެތެރޭގެ ބާޒާރުގެ އަގުތައް ހިފެހެއްޓުމަށްޓަކައި އެކްސްޕޯޓް މަނާކުރުމަށްފަހު އައި ބޮޑު ބަދަލެކެވެ.
ދުނިޔޭގެ ދެވަނައަށް އެންމެ ގިނައިން ގޮދަން އުފައްދާ އިންޑިއާއިން އެކްސްޕޯޓް ހުއްދަ ދީފައިވަނީ 2024-25 ވަނަ އަހަރުގެ ގޮދަން އުފެއްދުންތެރިކަން ވަރަށް ބޮޑަށް އިތުރުވާނެ ކަމަށް ލަފާކުރެވޭތީއެވެ. ވޭތުވެދިޔަ 2 އަހަރު ކުރިމަތިވި ހޫނުގަދަ މޫސުމުގެ ސަބަބުން ގޮދަން އުފެއްދުން މަދުވެ، އިންޑިއާގެ އަމިއްލަ ބޭނުމަށް ގޮދަން އިމްޕޯޓް ކުރަން ޖެހިދާނެ ކަމުގެ ބިރުވެސް އޮތީ ހީވެފައެވެ. ނަމަވެސް މި އަހަރުގެ މޫސުން ރަނގަޅުވުމުގެ ސަބަބުން އެ ކަންބޮޑުވުންތައް ވަނީ ފިލައިފައެވެ.
އޮސްޓްރޭލިއާ އާއި އާޖެންޓީނާ ފަދަ ގައުމުތަކާ އަޅާބަލާއިރު އިންޑިއާގެ ގޮދަނުގެ އަގު ބޮޑުވި ނަމަވެސް، ދުނިޔޭގައި ހިނގަމުންދާ ހަމަނުޖެހުންތަކުގެ ސަބަބުން ދަތުރުފަތުރުގެ މަގުތަކަށް އައި ބަދަލުތަކާއެކު އިންޑިއާގެ ގޮދަނަށް ވަނީ ޑިމާންޑް ބޮޑުވެފައެވެ. ޚާއްސަކޮށް ހުރުމުޒު ކަނޑުއޮޅި ބަންދުވުމާއި މުދާ އުފުލުމުގެ އަގު ބޮޑުވުމުން، އަވަހަށް މުދާ ބޭނުންވާ ގައުމުތަކަށް އިންޑިއާ އަކީ އެންމެ އެކަށީގެންވާ ގައުމަކަށް ވަނީ ވެފައެވެ.
ވިޔަފާރިވެރިން ފާހަގަކުރާ ގޮތުގައި މިހާރު މާކެޓުގައި ދެ ބާވަތެއްގެ ގޮދަން ގަންނަ ފަރާތްތައް އެބަތިއްބެވެ. އެއީ އަގު ބޮޑުވި ނަމަވެސް އަވަހަށް ގޮދަން ބޭނުންވާ ފަރާތްތަކާއި، އަގު ހެޔޮވަންދެން އޮސްޓްރޭލިއާ ނުވަތަ ބްލެކް ސީ ސަރަހައްދުގެ ގޮދަނަށް އިންތިޒާރު ކުރާ ފަރާތްތަކެވެ. އިންޑިއާގެ ގޮދަން އަދިވެސް އެހެން ގައުމުތަކަށްވުރެ ޓަނަކުން ގާތްގަނޑަކަށް 20 ޑޮލަރު އަގުބޮޑެވެ.
މި ނިންމުމަކީ އިންޑިއާގެ ދަނޑުވެރިކަން ކުރިއަރަމުންދާ ކަމުގެ ހެއްކެއްގެ ގޮތުގައި ސަރުކާރުން ދެކެއެވެ. އަދި ދުނިޔޭގެ ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމުގައި އިންޑިއާގެ ދައުރު އަލުން ވަރުގަދަވެގެންދާނެ ކަމަށްވެސް އޮފިޝަލުން ވިދާޅުވެއެވެ. އިންޑިއާއިން ގޮދަން އެކްސްޕޯޓް ކުރާ މިންވަރު ކޮންޓްރޯލް ކުރާނީ އެ ގައުމުގެ އެތެރޭގެ ބާޒާރުގައި އަގުތައް އެއްވަރެއްގައި ހިފެހެއްޓުމަށް އިސްކަންދީގެންނެވެ.






