ވެސްޓް ބެންގޯލްގެ އިންތިޚާބުން ބީޖޭޕީ ކާމިޔާބު ހޯދާފައިވީ ނަމަވެސް، އެ އިންތިޚާބަކީ އޮޅުވާލުންތަކެއްގެ ތެރެއިން ބާރުގެ ބޭނުންކޮށްގެން ފޭރިގެންފައިވާ ކާމިޔާބީއެއް ކަމަށް ބުނެ މަގާމުން އިސްތިއުފާ ދެއްވުމަށް ޗީފް މިނިސްޓަރު މަމްތާ ބެނަރްޖީ ދެކޮޅު ހައްދަވައިފިއެވެ. މަމާތާ މިގޮތަށް ނިންމެވީ އިންތިޚާބުގައި ތުރިނަމޫލް ކޮންގްރެސް (ޓީއެމްސީ) އަށް ލިބުނު ނާކާމިޔާބީއަށް ފަހުގައެވެ.
މިހާރު އޮތް ސަރުކާރުގެ ދައުރު މެއި މަހުގެ 6 ވަނަ ދުވަހަށް ހަމަވާއިރު، މަމްތާ ވިދާޅުވަމުން ގެންދަވަނީ އިންތިޚާބުން ބަލިވެފައިވާ ކަމަށް ގަބޫލުނުކުރައްވާ ކަމަށެވެ. ނަމަވެސް ގާނޫނީ މާހިރުން ވިދާޅުވާ ގޮތުގައި މަމްތާގެ މި ނިންމެވުމަކީ ގާނޫނީ ގޮތުން ދެމެހެއްޓޭނެ ނިންމުމެއް ނޫނެވެ. ސީނިއާ އެޑްވޮކޭޓް ޝޭކަރް ނަފާޑޭ ވިދާޅުވި ގޮތުގައި، އިލެކްޝަން ކޮމިޝަނުން ނަތީޖާ އިއުލާނު ކުރުމާއެކު އެ ނަތީޖާއަށް އެންމެންވެސް ބޯލަނބަން ޖެހޭނެއެވެ.
ޝޭކަރް ނަފާޑޭ އިތުރަށް ތަފްސީލުކޮށްދެއްވި ގޮތުގައި، މަމްތާ އިސްތިއުފާ ނުދެއްވި ނަމަވެސް ފަސް އަހަރުގެ ދައުރު ހަމަވުމުން ގަވަރުނަރަށް އެސެމްބްލީ އުވާލުމުގެ ބާރު ލިބިގެންވެއެވެ. "އިލެކްޝަން ކޮމިޝަނުން ވަނީ ބޭނުންވާ އިއުލާން ނެރެފައި. ކޯޓަކުން އެ ނަތީޖާ ބާތިލު ނުކުރާހާ ހިނދަކު، ޗީފް މިނިސްޓަރުގެ މައްޗަށް ލާޒިމުވަނީ އިސްތިއުފާ ދެއްވުން،" އޭނާ ވިދާޅުވިއެވެ.
ގާނޫނީ އުސޫލުތަކަށް މަމްތާ ތަބާނުވެއްޖެ ނަމަ، ގަވަރުނަރަށް ޖެހިވަޑައިގަންނަވާނީ ސަރުކާރު އުވާލެއްވުމަށެވެ. މިއީ އިންޑިއާގެ ގާނޫނުއަސާސީއާ އެއްގޮތްވާ ގޮތުގެ މަތިން ކުރަންޖެހޭ ކަމެއް ކަމަށްވެސް ނަފާޑޭ ފާހަގަކުރެއްވިއެވެ. ނަމަވެސް، އިންތިޚާބުގެ ނަތީޖާ ކޯޓުގައި ޗެލެންޖް ކުރުމުގެ ފުރުސަތު މަމްތާއަށް އޮންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ބެންގަލްގެ އިންތިޚާބުގައި ބީޖޭޕީން ވަނީ ބޮޑު ކާމިޔާބީއެއް ހޯދާފައެވެ. މީގެ ތެރޭގައި ބަބާނީޕޫރު ދާއިރާއިން ބީޖޭޕީގެ ސުވެންޑޫ އަދިކާރީ ވަނީ މަމްތާ ބެނަޖީ ބަލިކުރައްވާފައެވެ. މި ނަތީޖާއާއެކު ބެންގަލްގެ ސިޔާސީ މަސްރަހަށް ބޮޑެތި ބަދަލުތަކެއް އަންނާނެ ކަމަށް ބެލެވެއެވެ.
މިހާރުވ ެސް ބީޖޭޕީގެ ސަޕޯޓަރުން ދަނީ މ،ުސްލިމުންގެ ނަމުން ނަން ދީފައިވާ ތަންތަނުގެ ނަންތައް ބަދަލު ކުރުމަށް މަސައްކަތް ކުރަމުންނެވެ. އަދި ހަމަނުޖެހުމާއި އަނިޔާ ކުރުމުގެ މާހައުލެއް އުފެދިފައިވާ ކަމަށް ކޯކައްތާއިން ލިބޭ މައުލޫމާތު ބުނެއެވެ.
ވެސްޓްބެންގޯލަކީ މިހާތަނަށް ސުލްހަވެރިކަމާއެކު ހުރިހައި ދީނެއްގެ މީހުން އުޅުނު ސްޓޭޓެކެވެ. މުސްލިމުންނަކީ މި ސްޓޭޓްގެ 27 އިންސައްތަ އެވެ. ބީޖޭޕީން ވެރިކަން ކުރާ އެހެން ތަންތާނގައި ހިނގާފަދަ ދީނީ ހަމަނުޖެހުން މިހާތަނަށް ވެސްޓް ބެންގޯލްގައި ހިނގާފައެއް ނުވެއެވެ.







