އާންމުކޮށް އިސްކޮޅުން ދިގުވުމަކީ ފައިދާއެއް ކަމަށް ބެލެވުނު ނަމަވެސް، އަމީން އަހުމަދު އަންސާރީއަށް މިއީ އޭނާގެ މަގާމުގެ ވާޖިބުތައް އަދާކުރުމަށް ކުރިމަތިވި ބޮޑު ގޮންޖެހުމަކަށް ވިއެވެ. ތެލަންގާނާ ސްޓޭޓް ރޯޑް ޓްރާންސްޕޯޓް ކޯޕަރޭޝަން ގައި މަސައްކަތްކުރާ އަންސާރީގެ އިސްކޮޅުގައި 6 ފޫޓު 6 އިންޗި ހުރެއެވެ.
އޭނާއަކީ ބަހުގައި ޓިކެޓް ކަނޑައިދޭ ކޮންޑަކްޓަރެކެވެ. ބަސްތަކުގެ ފުރާޅު ތިރިވުމުގެ ސަބަބުން އަންސާރީއަށް އޭނާގެ ވަޒީފާ އަދާކުރުމުގައި ދަތިވެ، ކަނދުރާ އައްސިވުމާ ކުރިމަތިލާން ޖެހުނެވެ. ކޮންމެ ދުވަހަކުވެސް ބަސް ތެރޭގައި އޭނާ އުޅެން ޖެހެނީ ގުދުވެގެން ނެވެ. އެކަމުގެ ސަބަބުން އޭނާގެ ކަރަށާއި ކޮނޑަށް ލިބެމުންދިޔަ އަނިޔާތައް ކެތްނުކުރެވޭ މިންވަރަށް ދިއުމުން، ކުންފުނިން މިހާރު ވަނީ އޭނާއަށް ލުޔެއް ދިނުމަށް ނިންމާފައެވެ.
ހައިދަރުއާބާދުގައި ހުންނަ ބަސްކުންފުނިން ނެރުނު އިއުލާނަކުން، އަންސާރީ މިހާރު ވަނީ އޭނާގެ އިސްކޮޅާ އެއްވަރަށް ދެމިލެވޭ ވަރުގެ ޑިއުޓީއަކަށް ބަދަލުކޮށްފައެވެ. މިއީ އޭނާގެ ހަށިގަނޑަށް އިތުރު ވޭންތަކެއް ނުލިބޭނެ ފަދަ ގޮތަކަށް ވަޒީފާ އަދާކުރުމުގެ ފުރުސަތު ދިނުމަށް ނިންމި ނިންމުމެކެވެ.
ބަސްތެރޭގައި ހަރަކާތްތެރިވުމަށް އުނދަގޫވާކަން ސުޕަވައިޒަރުންނަށް ފާހަގަކުރެވުމާ ގުޅިގެން އަންސާރީ، މީގެ ކުރިންވެސް އަހަރެއްހާ ދުވަހު ވަގުތީ ގޮތުން މިފަދަ ޑިއުޓީއެއްގައި މަސައްކަތް ކުރިއެވެ. މިހާރު މިވަނީ އެ ނިންމުން ރަސްމީކޮށް، އޭނާއަށް ދާއިމީ ހައްލެއް ހޯދައިދީފައެވެ.






