އިންޑިއާގެ ވެސްޓް ބެންގާލްގެ އިންތިޚާބުގެ ނަތީޖާ އިޢުލާންކުރިތާ އެއްދުވަސް ފަހުން، ކޮލްކަޓާގެ ނިއު މާކެޓް ސަރަޙައްދުގައި ހުރި ތުރިނަމޫލް ކޮންގްރެސް (ޓީއެމްސީ) ގެ އޮފީހެއް ބުލްޑޯޒަރު ބޭނުންކޮށްގެން ތަޅާލުމާ ގުޅިގެންނާއި ޓީޯއެމްސީ ސަޕޯޓަަރުންނާއި މުސްލިމުންނަށް އަނިޔާ ކުރުން އާންމުވުމުން އެ ސަރަޙައްދުގައި ބޮޑު ނުތަނަވަސްކަމެއް އުފެދިއްޖެއެވެ. އަންގާރަ ދުވަހުގެ ރޭ ހިނގި މި ހާދިސާއާއެކު އެ ސަރަޙައްދުގެ ވިޔަފާރިވެރިންގެ މެދުގައި ބޮޑު ބިރުވެރިކަމެއް ވަނީ ފެތުރިފައެވެ.
މަންޒަރު ދުށް ފަރާތްތަކުން ބުނާގޮތުގައި، ޓީއެމްސީގެ އޮފީސް ތަޅާލަމުން ދިޔަ ވަގުތު އެ ސަރަޙައްދަށް އެއްވެ ތިބި ބަޔަކު ދިޔައީ ބީޖޭޕީގެ ދިދަތައް ހޫރުވަމުންނެވެ. މި ހާދިސާގެ ސަބަބުން ކޮލްކަޓާގެ އެންމެ ކާރޫބާރޫ ބޮޑު އެއް ވިޔަފާރި މަރުކަޒުގައި ސިޔާސީ މަސްރަޙު ވަނީ ވަރަށް ބޮޑަށް ހޫނުވެފައެވެ. އޮފީސް ތަޅާލުމުގެ ސަބަބުން އެ އިމާރާތް އެއްކޮށް ސުންނާފަތިވެފައިވާއިރު، ކައިރީގައި ހުރި ފިހާރަތައް ބަންދުކޮށް ވިޔަފާރިވެރިން ވަނީ ރައްކާތެރިކަން ހޯދުމަށް އެ ސަރަޙައްދު ދޫކޮށް ގޮސްފައެވެ.
މި ހާދިސާއާ ގުޅިގެން ޓީއެމްސީގެ އެމްޕީ މަހުއާ މޮއިތުރާ ވަނީ ބުލްޑޯޒަރުން އޮފީސް ތަޅާލާ މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ޙިއްސާކުރައްވާފައެވެ. އޭނާ ވަނީ ބީޖޭޕީގެ ކެމްޕޭން ޝިއާރު ކަމަށްވާ "ބަދަލަށް" އިޝާރާތްކުރައްވައި، މިއީ ބެންގާލީންނަށް ލިބެމުންދާ ބަދަލުގެ ރަހަ ކަމަށް ވިދާޅުވެފައެވެ.
ފުލުހުން މިހާރު ދަނީ އެ ސަރަޙައްދުގައި ފޯރިމަރަމުންނެވެ. އިތުރު ހަމަނުޖެހުމެއް ހިނގިޔަ ނުދިނުމަށްޓަކައި ފުލުހުންގެ ޓީމުތަކުން ދަނީ ހަރަކާތްތެރިވަމުންނެވެ. ނަމަވެސް، މި އޮފީސް ތަޅާލުމަށް އަމުރުކުރީ ކޮން ފަރާތަކުން ކަމެއް އަދި މިކަން ހިނގައިދިޔަ ގޮތުގެ ފުރިހަމަ ތަފްސީލެއް ކަމާބެހޭ އިދާރާތަކުން އަދި ހާމައެއް ނުކުރެއެވެ.
ވެސްޓް ބެންގާލަކީ އާންމުކޮށްވެސް އިންތިޚާބުތަކަށްފަހު ސިޔާސީ ހަމަނުޖެހުންތައް ހިނގާ ސްޓޭޓެކެވެ. ނިއު މާކެޓް ސަރަޙައްދުގެ ރައްޔިތުންނާއި ވިޔަފާރިވެރިން ތިބީ މިފަދަ ސިޔާސީ ބަދަލުހިފުންތަކުގެ ސަބަބުން އިތުރު ނުރައްކަލެއް ކުރިމަތިވެދާނެތީ ބިރުވެރިކަމެއްގެ ތެރޭގައެވެ.







