މެދުއިރުމަތީގެ ހަމަނުޖެހުންތަކުގެ އަސަރުކުރި ވިޔަފާރިތަކަށް އިންޑިއާއިން އެހީގެ ޕެކޭޖެއް ތައާރަފްކޮށްފި

މެދުއިރުމަތީގައި ހިނގަމުންދާ ހަމަނުޖެހުންތަކުގެ ސަބަބުން ގެއްލުންވަމުންދާ އިންޑިއާގެ ވިޔަފާރިތަކަށް އެހީތެރިވުމުގެ ގޮތުން އެ ގައުމުގެ ސަރުކާރުން 2 ބިލިއަން ޑޮލަރުގެ ކްރެޑިޓް ގެރެންޓީ ސްކީމެއް އިޢުލާންކޮށްފިއެވެ.

އަންގާރަ ދުވަހު އިންޑިއާގެ ފެޑެރަލް ސަރުކާރުން އިޢުލާންކުރި މި މަޝްރޫޢަކީ 'އިމަޖެންސީ ކްރެޑިޓް ލައިން ގެރެންޓީ ސްކީމް 5.0′ އެވެ. މިއީ މީގެ ކުރިން 2020 ވަނަ އަހަރު ކޮވިޑް-19 ގެ ބަލިމަޑުކަމާ ގުޅިގެން ވިޔަފާރިތަކަށް އެހީވުމަށް ތައާރަފްކުރި ސްކީމްގެ އައު ފިޔަވައްސެކެވެ.

މި މަޝްރޫޢުގެ ދަށުން އިތުރު 3.5 ބިލިއަން ޑޮލަރުގެ ކްރެޑިޓް ދޫކުރުމުގެ ފުރުސަތު ހުޅުވިގެންދާނެ ކަމަށް ބެލެވެއެވެ. މީގެ ތެރެއިން ފަސިންޖަރުން އުފުލާ އެއާލައިންތަކަށް ދަރަންޏަށް ނެގޭނެ އެންމެ މަތީ މިންވަރަކީ 160 މިލިއަން ޑޮލަރެވެ.

ޔޫނިއަން މިނިސްޓަރު އަޝްވިނީ ވައިޝްނޯ ވިދާޅުވީ، "މި ސްކީމް ތައާރަފްކުރީ މެދުއިރުމަތީގެ ހަމަނުޖެހުންތަކުގެ ސަބަބުން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށާއި އެއާލައިން ދާއިރާއަށް ކުރިމަތިވެފައިވާ ދަތިތަކަށް ހައްލެއް ހޯދައިދިނުމަށް" ކަމަށެވެ.

މި ނިންމުމާއެކު، ހަނގުރާމައިގެ ސަބަބުން ތެލުގެ އަގަށް އަންނަ ބަދަލުތަކާއި ދަތުރުފަތުރުގެ ދާއިރާއަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކުން އަރައިގަތުމަށް އިންޑިއާގެ ކުންފުނިތަކަށް ބޮޑު އެހީތެރިކަމެއް ލިބިގެންދާނެ ކަމަށް ސަރުކާރުން އުންމީދު ކުރެއެވެ.

ހިއްސާ ކުރައްވާ!