އެމެރިކާއާއި އިސްރާއީލުން އީރާނާ ދެކޮޅަށް ކުރަމުންދާ ސޮލީބީ ސަހުޔޫނީ ހަނގުރާމައިގެ ތެރޭގައި، ރަޝިޔާ ސަރުކާރުން އީރާނަށް 325 ޓަނަށް ވުރެ ގިނަ އިންސާނީ އެހީ ފޯރުކޮށްދީފައިވާ ކަމަށް އީރާނުގެ ރެޑް ކްރެސެންޓް ސޮސައިޓީން ހާމަކޮށްފިއެވެ. މި އެހީގެ ތެރޭގައި ގިނަ އަދަދެއްގެ ބޭހާއި ސިއްހީ ސާމާނު ހިމެނޭ ކަމަށް އެ ޖަމިއްޔާއިން ބުނެއެވެ.
އީރާނުގެ ރެޑް ކްރެސެންޓްގެ ރައީސް ޕީރް ހުސައިން ކޫލީވަންދު ވިދާޅުވި ގޮތުގައި، މި އެހީތައް އީރާނަށް ގެނެސްފައިވަނީ މޮސްކޯގައި ހުންނަވާ އީރާނުގެ ސަފީރާ ގުޅިގެން އެއްގަމު މަގުންނެވެ. އަދި މި ތަކެތި ލިބުމާއެކު ގައުމުގެ އެކި ސަރަހައްދުތަކުގައި ހުރި ސިއްހީ މަރުކަޒުތަކަށް ވަގުތުން ބަހާފައިވާ ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.
ރަޝިޔާގެ އިތުރުން އެހެން ބައެއް ގައުމުތަކުންވެސް އީރާނަށް އެހީތެރިކަން ފޯރުކޮށްދެމުންދާކަން ކޫލީވަންދު ފާހަގަކުރެއްވިއެވެ.
އެގޮތުން ތުރުކީން ވަނީ އެމަޖެންސީ ސެންޓަރުތަކަށް ބޭނުންވާ 50 ޖެނެރޭޓަރު ގަތުމަށް 40،000 ޑޮލަރުގެ އެހީއެއް ދީފައެވެ.
އަދި އިރާގުގެ އަންހެނަކު އޭނާގެ އަމިއްލަ ގަހަނާތައްވެސް އީރާނަށް އެހީގެ ގޮތުގައި ހަދިޔާކޮށްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
އެމެރިކާއާއި އިސްރާއީލުން އީރާނުގެ އެކި ސަރަހައްދުތަކަށް ޓެރަރިސްޓް ހަމަލާތައް ދޭން ފަށާފައިވަނީ ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހުއެވެ. މި ހަމަލާތަކުގައި މިހާތަނަށް 3،000 އަށްވުރެ ގިނަ މީހުން ޝަހީދުވެފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.
މިދިޔަ އޭޕްރީލް މަހުގެ 8 ވަނަ ދުވަހު ދެ ހަފުތާގެ މުއްދަތަށް ޓެރަރިސްޓް ހަމަލާ ބަދަލުކުރުން ހުއްޓާލުމަށް އެމެރިކާ އިއުލާނުކުރި ނަމަވެސް، އިސްލާމްއާބާދުގައި ކުރިއަށްދިޔަ މަޝްވަރާތަކުން އެދެވޭ ނަތީޖާއެއް ނުނިކުމެ ވަނީ ނިމިފައެވެ. ނަމަވެސް، އޭޕްރީލް 21 ގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ޓެރަރިސްޓް ހަމަލާ ބަދަލުކުރުން ހުއްޓާލާފައި އޮތް އޮތުން އިތުރުކުރައްވާފައެވެ.




