ހުރްމުޒް ކަނޑުއޮޅި ހުޅުވާލުމަށް ކަމަށް ބުނެ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބާރުގެ ބޭނުން ކުރަން އުޅުމުން އެކަމަކަށް ކުއްލި ބަދަލެއް ގެންނެވީ، ގަލްފުގެ ބައެއް ގައުމުތަކުން އެކަމާ ދެކޮޅު ހަދައި އެމެރިކާގެ ސިފައިންނަށް ދެމުންދިޔަ އެހީތެރިކަން މެދުކަނޑާލުމަށް އިންޒާރު ދިނުމާ ގުޅިގެން ކަމަށް އެންބީސީ ނިއުސް އިން ރިޕޯޓްކޮށްފިއެވެ.
އެމެރިކާގެ ދެ އޮފިޝަލަކާ ހަވާލާދީ އެންބީސީން ބުނެފައިވަނީ، ޓްރަމްޕްގެ ހަރުކަށިކަން ބަދަލުކުރަން ޖެހުނީ އެމެރިކާގެ މުހިންމު ބައިވެރިއެއް ކަމަށްވާ ސައޫދީ އަރަބިއްޔާއިން އެ ގައުމުގެ ވައިގެ ސަރަހައްދާއި އަސްކަރީ މަރުކަޒުތައް ބޭނުންކުރަން ހުއްދަ ނުދޭނެ ކަމަށާއި އަދި ސައުދީ ވައިގެ ސަރަހައްދަށް ހުއްދަ ނުދޭނެކަމަށް ބުނެ އިންޒާރު ދިނުމާ ގުޅިގެންނެވެ. މީގެ ސަބަބުން އެމެރިކާގެ ސިފައިންނަށް އެ އޮޕަރޭޝަން ކުރިއަށް ގެންދިއުމަށް ހުރަސްތަކެއް ކުރިމަތިވިއެވެ. އަދި އެކަން ހައްލު ކުރުމަށް ތްރަމްޕާއި މުހައްމަދު ބިން ސަލްމާނާ ދެމެދު ފޯނުން ކުރެވުނު މަޝްވަރާތަކުންވެސް މައްސަލަ ހައްލެއް ނުވި ކަމަށް އެންބިސީން ބުނެއެވެ.
މި މައްސަލަ ފެށުނީ އާދީއްތަ ދުވަހުގެ މެންދުރުފަހު ޓްރަމްޕް ސޯޝަލް މީޑިއާ މެދުވެރިކޮށް ކުއްލި ގޮތަކަށް "ޕްރޮޖެކްޓް ފްރީޑަމް" ގެ ނަމުގައި އާ އޮޕަރޭޝަނެއް ޓްރަމްޕް އިއުލާނު ކުރެއްވުމާ ގުޅިގެންނެވެ. މި ނިންމެވުމަކީ ގަލްފުގެ ގައުމުތަކާ މަޝްވަރާ ކުރުމެއް ނެތި ޓްރަމްޕް ނިންމެވި ނިންމެވުމެއް ކަމަށްވާތީ، ސައޫދީ އަރަބިއްޔާގެ ލީޑަޝިޕުން ވަނީ އެކަމާ ނުރުހުން ފާޅުކުރިއެވެ.
އެންބީސީގެ ރިޕޯޓުގައިވާ ގޮތުން، ސައޫދީން ވަނީ ރިޔާޒުގެ އިރުދެކުނުގައި އޮންނަ ޕްރިންސް ސުލްތާން އެއާބޭސް އިން އެމެރިކާގެ އަސްކަރީ ބޯޓުތައް އުދުއްސުމާއި، ސައޫދީގެ ވައިގެ ސަރަހައްދު ބޭނުންކުރުން ވަގުތުން މަނާ ކޮށްފައެވެ. މިއީ އެމެރިކާގެ ރޭވުންތަކަށް އެ ގައުމުން ދިން ވަރުގަދަ ރައްދެކެވެ.
މި މައްސަލަ ހައްލުކުރުމަށް ރައީސް ޓްރަމްޕް ސައޫދީ ވަލީއަހުދު މުހައްމަދު ބިން ސަލްމާނަށް ފޯނުން ގުޅުއްވި ވާހަކަ ދެއްކުމުންވެސް މައްސަލަ ހައްލު ނުވުމުން ތްރަމްޕްގެ "ޕްރޮޖެކްޓް ފްރީޑަމް" މެދުކަނޑާލަން ޓްރަމްޕަށް ވަނީ މަޖުބޫރުވެ އަލުން ސުލްހައަށް ވާހަކަ ދައްކަން ޖެހުނީ ކަމަށް އެންބީސީން ބުނެއެވެ.





