އޮޕަރޭޝަން ސިންދޫރަކީ ޓެރަރިޒަމާ ދެކޮޅަށް އިންޑިއާއިން ދިން ވަރުގަދަ ރައްދެއް: ބޮޑުވަޒީރު މޯދީ

އޮޕަރޭޝަން ސިންދޫރަކީ ޓެރަރިޒަމާ ދެކޮޅަށް އިންޑިއާއިން ދިން ވަރުގަދަ ރައްދެއް ކަމަށާއި، އެއީ ގައުމީ ސަލާމަތް ރައްކާތެރިކުރުމަށް އިންޑިއާއިން ކުރާ މަސައްކަތުގެ ހެއްކެއް ކަމަށް ބޮޑުވަޒީރު ނަރެންދުރަ މޯދީ ވިދާޅުވެއްޖެއެވެ. މި އޮޕަރޭޝަނަށް އެއް އަހަރު ފުރުން ފާހަގަކުރައްވައި މޯދީ ވަނީ އިންޑިއާގެ ސިފައިން ދެއްކެވި ހިތްވަރާއި ފަންނީ ގާބިލުކަމަށް ތައުރީފު ކުރައްވާފައެވެ.

މިކަމާ ގުޅޭގޮތުން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ބޮޑުވަޒީރު ވިދާޅުވީ، މީގެ އަހަރެއް ކުރިން ފަހަލްގާމްގައި އިންޑިއާގެ ކުށެއް ނެތް ރައްޔިތުންނަށް ދިން ޓެރަރިސްޓް ހަމަލާއާ ގުޅިގެން ހިންގި އޮޕަރޭޝަން ސިންދޫރުގައި އިންޑިއާގެ ސިފައިން ދެއްކީ ނަމޫނާ ހިތްވަރެއް ކަމަށެވެ. އަދި މުޅި ގައުމު މިއަދު އެ ސިފައިންނަށް ސަލާމް ކުރާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

އޮޕަރޭޝަން ސިންދޫރު ފެށީ 7 މެއި 2025 ގައެވެ. މިއީ ފަހަލްގާމްގައި ދިން ޓެރަރިސްޓް ހަމަލާއެއްގައި 26 އާންމުން މަރުވުމާ ގުޅިގެން، ޕާކިސްތާނުގެ އެތެރޭގައާއި ލައިން އޮފް ކޮންޓްރޯލް ސަރަހައްދުގައި ހުރި ޓެރަރިސްޓު އިންފްރާސްޓްރަކްޗަރ ނައްތާލުމަށް ހިންގި އަސްކަރީ ކެމްޕޭނެއް ކަމަށް އިންޑިއާއިން ބުނެއެވެ. އިންޓެލިޖެންސް މައުލޫމާތަށް ބިނާކޮށް ހިންގި މި އޮޕަރޭޝަނުގައި ޓެރަރިސްޓުންގެ ނުވަ ކޭމްޕަކަށް އަމާޒުކޮށް ހަމަލާދީފައިވެއެވެ.

މި އޮޕަރޭޝަނުގައި އިންޑިއާގެ އެއްގަމު ސިފައިންނާއި، ވައިގެ ސިފައިން އަދި ކަނޑުގެ ސިފައިން ގުޅިގެން ވަނީ މަސައްކަތް ކޮށްފައެވެ. ވަކިން ހާއްސަކޮށް އިންޑިއާގެ ވައިގެ ސިފައިން ވަނީ ޕާކިސްތާނުގެ ނޫރު ޚާން އެއާ ބޭސް އަދި ރަހީމްޔާރު ޚާން އެއާ ބޭސްއަށް އަމާޒުކޮށް ވަރުގަދަ ހަމަލާތަކެއް ދީފައެވެ. މި ހަމަލާތަކާ ގުޅިގެން ޕާކިސްތާނުން ދިން ޑްރޯން ހަމަލާތައް އިންޑިއާގެ ވައިގެ ދިފާއީ ނިޒާމުން ވަނީ ކާމިޔާބުކަމާއެކު ހުއްޓުވާފައެވެ.

ބޮޑުވަޒީރު މޯދީ އިތުރަށް ވިދާޅުވީ، މި އޮޕަރޭޝަނުން ދައްކުވައިދިނީ އިންޑިއާގެ ސިފައިންގެ ތައްޔާރީތަކާއި، ދިފާއީ އުފެއްދުންތެރިކަމުގައި އިންޑިއާ ހޯދަމުންދާ ކުރިއެރުންތައް ކަމަށެވެ. ޓެރަރިޒަމް ބަލިކޮށް، އެކަމަށް އެހީތެރިވާ ނިޒާމުތައް ނައްތާލުމުގައި އިންޑިއާ ދެގޮތެއްނުވެ ދެމިއޮންނާނެ ކަމުގެ ޔަގީންކަންވެސް ބޮޑުވަޒީރު ވަނީ ދެއްވާފައެވެ.

ހިއްސާ ކުރައްވާ!