ނަތަންޔާހޫ އަޚު މުހައްމަދު ބިން ޒާއިދުއާ ފޯނުން ގުޅައި ސައްލާ ކޮށްފި

ޔަހޫދީ ޖެނޮސައިޑް ރެޖީމްގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ، ޔުނައިޓެޑް އެރަބް އެމިރޭޓްސް (ޔޫއޭއީ) ގެ ރައީސް އަޚު މުހައްމަދު ބިން ޒާއިދު އާލަނަހްޔާންއާ ފޯނުން ގުޅައި ސައްލާ ކޮށްފިއެވެ.

ޔޫއޭއީގެ ދައުލަތުގެ މީޑިއާއިން ކަށަވަރުކޮށްދީފައިވާ ގޮތުގައި، މި ފޯނު ކޯލުގައި ނަތަންޔާހޫ ވަނީ މި ހަފްތާގެ ކުރީކޮޅު ޔޫއޭއީއަށް އީރާނުން ދިން ކަމަށް ޔޫއޭޢީން ތުހުމަތު ކުރާ ހަމަލާތަކާ ގުޅިގެން ޔޫއޭއީއާ އެކު ސާބިތުކަމާ އެކު ހުރިކަން ހާމަކޮށްފައެވެ. އަދި ޔޫއޭއީ އިން އަޅަމުންދާ ފިޔަވަޅުތަކަށް އިސްރާއީލުގެ ތާއީދު އޮތްކަމަށްވެސް ނަތަންޔާހޫ ބުންޏެވެ.

މިއީ 2023 ވަނަ އަހަރުގެ ކުރީކޮޅަށް ފަހު، މި ދެ އަޚުންގެ ދެމެދުގައި ރަސްމީކޮށް ވާހަކަދެއްކެވުނު ފުރަތަމަ ފަހަރެވެ. ނަތަންޔާހޫގެ ޖެނޮސައިޑް ސަރުކާރުގެ ސިޔާސަތުތަކާ ގުޅިގެން ދެ ގައުމުގެ ސިޔާސީ ގުޅުމަށް ކޮންމެވެސް މިންވަރެއްގެ ހީނަރުކަމެއް ކުރިމަތިވިއެވެ.

ނަމަވެސް، 2020 ވަނަ އަހަރު އެކުލަވާލާފައިވާ ޔަހޫދީންނަށް އަރަބި ގައުމުތަކަށް ފޭދިގަތުމަށް ފަހިކޮށްދޭ އިބްރާހީ މުިއާހަދާގެ ދަށުން ދެ ގައުމުގެ ދެމެދު ބިނާކޮށްފައިވާ ބަދަހި ގުޅުން މެދުނުކެނޑި ކުރިއަށްދެއެވެ. އިސްރާއީލަށް ޓަކައި ޔޫއޭއީއަކީ އަރަބި ގައުމުތަކަށް ފޭދިގަތުމަށް އޮންނަ މައި ދޮރާއްޓެވެ.

ހިއްސާ ކުރައްވާ!