ދުނިޔޭގެ މީޑިއާގެ ދާއިރާއަށް އިންގިލާބީ ބަދަލެއް ގެނައި، އަދި ފުރަތަމަ ފަހަރަށް 24 ގަޑިއިރު ޚަބަރު ފަތުރާ ނެޓްވޯކް "ސީއެންއެން" އުފެއްދި މަޝްހޫރު މީޑިއާ ސާދާގަރު ޓެޑް ޓާނާ މަރުވެއްޖެއެވެ. ޓާނާ އެންޓަޕްރައިސަސްއާ ހަވާލާދީ ރަސްމީ މަސްދަރުތަކުން ބުނި ގޮތުގައި، އޭނާ މަރުވީ ބުދަ ދުވަހު އުމުރުން 87 އަހަރުގައެވެ.
އެމެރިކާގެ އޮހާިއޯއަށް އުފަން ޓެޑް ޓާނާ އަކީ އެޓްލާންޓާގެ ކާމިޔާބު ވިޔަފާރިވެރިއެކެވެ. އޭނާގެ ވާހަކަދެއްކުންތެރިކަމުގެ ސަބަބުން "މައުތު އޮފް ދަ ސައުތު" ގެ ނަމުން މަޝްހޫރުވެފައިވާ ޓާނާ ވަނީ، ކޭބަލް ޓީވީ މެދުވެރިކޮށް ފުރަތަމަ ފަހަރަށް "ސުޕަ-ސްޓޭޝަން" އެއް އުފައްދައި، ފިލްމާއި ކާޓޫން ދައްކާ މަޝްހޫރު ގިނަ ޗެނަލްތަކެއް ހިމެނޭ މީޑިއާ ވިޔަފާރިއެއް ބިނާކޮށްފައެވެ. މީގެ އިތުރުން އޭނާއަކީ "އެޓްލާންޓާ ބްރޭވްސް" ފަދަ ކުޅިވަރު ޓީމުތަކުގެ ވެރިޔާވެސް މެއެވެ.
ޓާނާ އަކީ ހަމައެކަނި މީޑިއާގެ ޝަހުސިއްޔަތެއް ނޫނެވެ. އޭނާއަކީ ކަނޑު ދަތުރުފަތުރުގެ މާހިރަކަށް ވުމުގެ އިތުރުން، "ޔުނައިޓެޑް ނޭޝަންސް ފައުންޑޭޝަން" އުފައްދި ބޭފުޅެކެވެ. އަދި ދުނިޔެއިން ނިއުކްލިއާ ހަތިޔާރު ނައްތާލުމަށް މަސައްކަތްކުރި އެކްޓިވިސްޓެއްގެ އިތުރުން، ތިމާވެށި ހިމާޔަތްކުރުމަށް ވަކާލާތުކުރި މީހެކެވެ.
ކުޑަކުދިން ތިމާވެށްޓަށް ހޭލުންތެރިކުރުވުމަށް "ކެޕްޓަން ޕްލެނެޓް" ކާޓޫން ސިލްސިލާ އުފެއްދުމާއި، އެމެރިކާގެ ހުޅަނގު ސަރަހައްދުތަކަށް "ބައިސަން" އަލުން ތައާރަފުކުރުމަށް އޭނާ މުހިންމު މަސައްކަތްތަކެއް ކުރިއެވެ.
ނަމަވެސް، ޓާނާގެ އެންމެ ބޮޑު ކާމިޔާބީއަކީ ދުނިޔޭގެ ކަންކޮޅުތަކުން ވަގުތުން ވަގުތަށް ހަބަރު ގެނެސްދިނުމަށް އޭނާ ގެންގުޅުނު ތަސައްވުރެވެ. ސީއެންއެން މެދުވެރިކޮށް ދުނިޔޭގެ 150 އަށްވުރެ ގިނަ ގައުމުތަކުގެ މީހުންނަށް ތާރީޚީ ހާދިސާތައް ވަގުތުން ފެންނާނެ މަގު އޭނާ ތަނަވަސްކޮށްދިނެވެ. މި މަސައްކަތުގެ އަގުވަޒަންކުރުމުގެ ގޮތުން 1991 ވަނަ އަހަރު ޓައިމް މެގަޒިންއިން އޭނާ "މޭން އޮފް ދަ އިޔާ" ގެ ގޮތުގައި ހޮވިއެވެ.
ޓެޑް ޓާނާގެ ވިޔަފާރިތައް ފަހުން "ޓައިމް ވޯނާ" ކުންފުންޏަށް ވިއްކާލިއެވެ. ނަމަވެސް، އޭނާ އަބަދުވެސް ބުނެފައި ވަނީ ސީއެންއެން އަކީ އޭނާގެ ހަޔާތުގައި ހޯދި "އެންމެ ބޮޑު ކާމިޔާބީ" ކަމަށެވެ.






