ސޮލީބީ ސަހުޔޫނީ ހަނގުރާމައިގައި އީރާނުން އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ދިން ހަމަލާތަކުގައި، ޓްރަމްޕްގެ ސަރުކާރުން އާންމުކޮށް ވަރަށް ވުރެ މާ ބޮޑެތި ގެއްލުންތަކެއް ލިބިފައިވާކަން އާ ސެޓެލައިޓް ފޮޓޯތަކުގެ ދިރާސާއަކުން ހާމަވެއްޖެއެވެ.
އީރާނުން އާންމުކޮށްފައިވާ 100 އަށް ވުރެ ގިނަ ސެޓެލައިޓް ފޮޓޯތަކަށް ބިނާކޮށް ތައްޔާރުކޮށްފައިވާ މީޑިއާ ރިޕޯޓުގައިވާ ގޮތުން، ގަލްފު ސަރަހައްދުގައި ހުރި އެމެރިކާގެ 15 އަސްކަރީ މަރުކަޒަކަށް އަމާޒުކޮށް ދިން ހަމަލާތަކުގައި މަދުވެގެން 228 ތަނަކަށް ނުވަތަ ރޭޑާ މަރުކަޒުތަކާއި މަތިންދާބޯޓު ހެންގަރުތަކަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ. މީގެ ތެރޭގައި ބައެއް ތަންތަން މުޅިން ސުންނާފަތިވެފައިވާ ކަންވެސް ފާހަގަކުރެވެއެވެ.
މި ހަމަލާތަކުގައި ގެއްލުން ލިބުނު ތަންތަނުގެ ތެރޭގައި މަތިންދާބޯޓު ބާއްވާ ހޭންގަރުތަކާއި، ސިފައިން ދިރިއުޅޭ ބެރެކްސްތަކާއި، ތެޔޮ ރައްކާކުރާ ގުދަންތަކުގެ އިތުރުން އަސްކަރީ މަތިންދާބޯޓުތަކާއި، ރޭޑާ ސިސްޓަމްތަކާއި، މުއާސަލާތީ ވަސީލަތްތަކާއި ވައިގެ ދިފާއީ ނިޒާމުތައް ހިމެނެއެވެ. ލިބުނު ގެއްލުންތަކުގެ ބޮޑުކަމުން ބައެއް އަސްކަރީ މަރުކަޒުތައް މިހާރު ވަނީ އެއްގޮތަކަށްވެސް ބޭނުންނުކުރެވޭ މިންވަރަށް ހަލާކުވެފައެވެ.
މި ހަމަލާތަކުގައި އެމެރިކާއަށް ލިބުނު އެންމެ ބޮޑު އެއް އަސްކަރީ ގެއްލުމަކީ 'އީ-3 ސެންޓްރީ' މަރުކަޒުގެ ވައިގެ މަގުން ޖާސޫސީ މައުލޫމާތު އެއްކުރާ އަދި ހަނގުރާމައިގެ މައިދާން ކޮންޓްރޯލްކުރާ މަތިންދާބޯޓަކަށް ލިބުނު ގެއްލުމެވެ. މިއީ އެ ސަރަހައްދުގައި އެމެރިކާގެ އަސްކަރީ ހަރަކާތްތައް ބެލެހެއްޓުމުގައި ބޭނުންކުރާ އެންމެ މުހިންމު އެއް ވަސީލަތެވެ.
އެމެރިކާގެ އޮފިޝަލުންގެ އާ އަންދާޒާތަކުން ދައްކާގޮތުގައި މި ހަނގުރާމައިގެ ސަބަބުން ލިބުނު މާލީ ގެއްލުން މިހާރު ވަނީ ގާތްގަނޑަކަށް 50 ބިލިއަން އެމެރިކާ ޑޮލަރަށް އަރާފައެވެ. މިއީ ހަމަލާތަކަށްފަހު ކުރިން އަންދާޒާކުރި އަދަދަށްވުރެ މާ ބޮޑު އަދަދެކެވެ.
މި ހޯދުންތަކުގެ ސަބަބުން، ގެއްލުން ކުޑަކަމަށް ދެއްކުމަށް މަންހޫސް ޓްރަމްޕްގެ ސަރުކާރުން ކުރިން ކުރި ދައުވާތަކާ މެދު ބޮޑެތި ސުވާލުތަކެއް ވަނީ އުފެދިފައެވެ. އަދި އީރާނުގެ ވައިގެ އަދި ކަނޑުގެ އަސްކަރީ ބާރުތައް ބަލިކަށިވެފައިވީ ކަމަށް ޓްރަމްޕް އޮޅުވާލައިގެން ހޮޅި ވާހަކަ ދެއްކިނަމަވެސް އީރާނުން ދިން ހަމަލާތަކަކީ އެމެރިކާގެ ތާރީޚުގައި މިހާތަނަށް ލިބިފައި ނުވާ ވަރުގެ އަސްކަރީ ގެއްލުންތަކެކެވެ.






