އިންޑިއާއިން ހިންގި "އޮޕަރޭޝަން ސިންދޫރު" އަށް އެއް އަހަރު ފުރުމާ ގުޅިގެން، ޕާކިސްތާނުން ކުރިމަތިކުރުވާ ކޮންމެ ހަމަލާއަކަށް ނުވަތަ އުދުވާނަކަށް އިންޑިއާގެ އަސްކަރިއްޔާއިން ދޭނީ ނުރައްކާތެރި، ސީދާ އަދި ވަރުގަދަ ރައްދެއް ކަމަށް އިންޑިއާގެ އަސްކަރީ އިސް ވެރިން އިންޒާރު ދީފިއެވެ.
ޖައިޕޫރުގައި ބޭއްވި އިންޑިއާގެ ސިފައިންގެ 3 ބާރުގެ ގުޅިފައިވާ ބްރީފިންއެއްގައި ވާހަކަ ދައްކަވަމުން އެއަރ މާޝަލް އޭ.ކޭ. ބާރްތީ ވިދާޅުވީ، އޮޕަރޭޝަން ސިންދޫރުގެ ސަބަބުން ޓެރަރިޒަމާ ދެކޮޅަށް އިންޑިއާއިން ދޭނެ ރައްދުގެ "ދާއިމީ ނަމޫނާއެއް" ކަނޑައެޅިގެން ގޮސްފައިވާ ކަމަށެވެ. އަދި ހިންގާ ކޮންމެ ޓެރަރިސްޓް އަމަލަކަށް އޭގެ ނަތީޖާއާ ކުރިމަތިލާން ޖެހޭނެ ކަމަށް އޭނާ ނޫސްވެރިންނަށް މައުލޫމާތު ދެއްވިއެވެ.
މި އޮޕަރޭޝަނަކީ 26 އާންމުންގެ ފުރާނަ ގެއްލުނު ފަހަލްގާމް ޓެރަރިސްޓް ހަމަލާއާ ގުޅިގެން، 7 މެއި 2025 ގައި އިންޑިއާއިން ފެށި އަސްކަރީ ހަރަކާތެކެވެ. އިންޑިއާގެ ސިޔާސީ ލީޑަޝިޕުން އަސްކަރިއްޔާއަށް ފުރިހަމަ އިޚްތިޔާރު ދިނުމާ ގުޅިގެން، ޕާކިސްތާނުގެ ބޯޑަރު ސަރަހައްދުގެ އިތުރުން އެ ގައުމުގެ އެތެރޭގެ ސަރަހައްދުތަކަށް ވެސް އިންޑިއާއިން ވަނީ ހަމަލާދީފައެވެ.
އެއަރ މާޝަލް ބާރްތީ ހާމަކުރެއްވި ގޮތުގައި، މި އޮޕަރޭޝަނުގައި ޓެރަރިސްޓުންގެ 9 ކޭމްޕެއް ނައްތާލައި، ޕާކިސްތާނުގެ 11 އެއަރފީލްޑަކަށް ހަމަލާދީފައިވެއެވެ. މީގެ އިތުރުން ޕާކިސްތާނުގެ 13 މަތިންދާބޯޓު ވައްޓާލާފައިވާ އިރު، އޭގެ ތެރޭގައި 300 ކިލޯމީޓަރުގެ ރޭންޖުގައި އޮތް މުހިންމު އަސްކަރީ އުޅަނދެއް ވެސް ހިމެނެއެވެ.
ބްރީފިންގައި ވާހަކަ ދައްކަވަމުން ވައިސް އެޑްމިރަލް އޭ.އެން. ޕްރަމޯދު ވިދާޅުވީ، އޮޕަރޭޝަން ސިންދޫރުގެ ސަބަބުން ޕާކިސްތާނުން ދައްކަމުން އައި "ނިއުކްލިއަރ ބިރު" ނުވަތަ "ނިއުކްލިއަރ ބްލަފް" ފަޅާއަރާފައިވާ ކަމަށެވެ. އިންޑިއާގެ ސީދާ ހަމަލާތަކުގެ ސަބަބުން ޕާކިސްތާނުގެ ކަނޑުގެ އަދި ވައިގެ ސިފަބާރަށް މަޖުބޫރުވީ އެ ގައުމުގެ އައްސޭރިފަށުގެ ސަރަހައްދުތަކަށް ފަހަތަށް ޖެހި، ދިފާއީ މަގާމެއްގައި ތިބުމަށް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
މި ބައްދަލުވުމުގައި އިންޑިއާގެ އަސްކަރިއްޔާއިން ތަކުރާރުކޮށް ބުނެފައިވަނީ، ކުރިމަގުގައި ކުރިމަތިވާ ކޮންމެ އުދުވާނަކަށް ވެސް ދޭނީ މިފަދަ ވަރުގަދަ އަދި ކާމިޔާބު ރައްދެއް ކަމަށެވެ.






