އެމެރިކާގެ މަނަވަރުތަކަށް ހަމަލާދިނީ އީރާނުގެ ތެޔޮ ޓޭންކަރަކަށް ހަމަލާދިނުމުން

އީރާނުގެ ތެޔޮ އުފުލާ ޓޭންކަރަކަށް އަމާޒުކޮށް އެމެރިކާއިން ހަމަލާދިނުމާ ގުޅިގެން، ރައްދުގައި އެމެރިކާގެ ކަނޑުގެ ސިފައިންގެ މަނަވަރުތަކަށް ހަމަލާދީފައިވާނެ ކަމަށް އީރާނުން ބުނެފިއެވެ. އީރާނުގެ ޚާތަމުލް އަންބިޔާ ސެންޓްރަލް ހެޑްކުއާޓާސްއިން ބުނި ގޮތުގައި، އެމެރިކާއިން ވަނީ ބައެއް އަރަބި ގައުމުތަކާ ގުޅިގެން ގިޝްމް ޖަޒީރާއަށާއި އާންމުން ދިރިއުޅޭ ސަރަހައްދުތަކަށް ވައިގެ މަގުން ހަމަލާދީފައެވެ.

އީރާނުގެ ޚާތަމުންލއަންބިޔާ މަރުކަޒުން ބުނި ގޮތުގައި މި ހަމަލާތަކުގެ ސަބަބުން އެމެރިކާގެ އުޅަނދުތަކަށް ބޮޑެތި ގެއްލުންތަކެއް ދީފައި ވާނެއެވެ. އަދި އިތުރަށް އީރާނަށް ގޯނާކޮށްފިނަމަ "ވަރުގަދަ ރައްދެއް" ދޭނެ ކަމުގެ އިންޒާރު ވެސް ވަނީ ދީފައެވެ.

އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރުޖީސީ) ގެ ނޭވީން ބުނި ގޮތުގައި، މި އޮޕަރޭޝަންގައި ބެލިސްޓިކް މިސައިލާއި، އެންޓި-ޝިޕް ކްރޫޒް މިސައިލްގެ އިތުރުން ގޮވާތަކެތި ހަރުކޮށްފައިވާ ޑްރޯން ބޭނުންކޮށްފައިވެއެވެ. މިއީ މިދިޔަ މަހު އެމެރިކާއިން އީރާނުގެ ބަނދަރުތައް ބަންދުކުރަން ފެށި ފަހުން އީރާނުން ދިން ފުރަތަމަ ބޮޑު އަސްކަރީ ރައްދެވެ.

ނަމަވެސް އެމެރިކާގެ ސެންޓްރަލް ކޮމާންޑުން ވަނީ އީރާނުގެ މި ވާހަކަތައް ދޮގުކޮށްފައެވެ. އެމެރިކާއިން ބުނީ އީރާނުން ސަބަބަކާ ނުލައި ދިން ހަމަލާތައް ހުއްޓުވާފައިވާ ކަމަށާއި، އެމެރިކާއިން ހަމަލަ ދިނީ އަމިއްލަ ދިފާއުގައި ކަމަށެވެ. އަދި އެމެރިކާގެ އެއްވެސް އުޅަނދަކަށް ހަމަލާ އަރާފައިނުވާ ކަމަށާއި، މަސްލަހަތު ގޯސްކުރަން ވޮޝިންގޓަނުން ބޭނުންނުވާ ކަމަށް ވެސް ބުނެފައިވެއެވެ.

އީރާނުގެ ދައުލަތާ ގުޅުންހުރި މީޑިއާން ރިޕޯޓްކޮށްފައިވާ ގޮތުގައި ގިޝްމް ޖަޒީރާ، ބަންދަރު އައްބާސް އަދި މިނާބް ސަރަހައްދުގައި ގޮވުންތަކެއް ވަނީ ގޮއްވާފައެވެ. މީޑިއާއިން ސީނިއާ މަސްދަރަކާ ހަވާލާދީ ބުނި ގޮތުގައި، އެމެރިކާގެ ތިން މަނަވަރަކަށް އީރާނުން ހަމަލާދިނުމާ ގުޅިގެން އެ އުޅަނދުތައް ވަނީ އޮމާން ކައިރި ކަނޑު އޮޅިއަށް ހޭރިއާކޮށް ފަހަތަށް ޖައްސާފައެވެ.

ހިއްސާ ކުރައްވާ!