ފަލަސްޠީނުގެ ވެރިރަށް ޤުދުސްގެ އެއާޕޯޓުގައި ޔަހޫދީ ހެރިޓޭޖް ސެންޓަރެއް ހަދަން ފަށައިފި

ޔަހޫދީ ޖެނޮސައިޑް ރެޖީމުން ހިފާފައިވާ ފަލަސްޠީނުގެ ވެރިރަށް ގުދުސްގެ މިހާރު ބޭނުންކުރުން ހުއްޓާލާފައިވާ ގުދުސް އިންޓަނޭޝަނަލް އެއާޕޯޓުގެ ބިމުގައި ޔަހޫދީ ހެރިޓޭޖް ސެންޓަރެއް ބިނާކުރުމުގެ މަޝްރޫއުގެ މަސައްކަތް އަންނަ ހަފުތާގައި ޔެހޫދީ ޖެނޮސައިޑް ރެޖީމުން ފަށާނެ ކަމަށް ރިޕޯޓުތައް ބުނެފިއެވެ. ޔަހުދީ ޖެނޮސައިޑް މީޑިއާން ރިޕޯޓުކޮށްފައިވާ ގޮތުގައި، މި މަޝްރޫއަކީ ހެރިޓޭޖް މިނިސްޓަރު އަމިހާއި އެލިއާހޫ ގެ ރޭވުމެކެވެ.

މި އެއާޕޯޓަކީ 1920 ވަނަ އަހަރު ފަލަސްޠީނުގެ ސަރުކާރުން ބިނާކުރި ެއާޕޯޓެކެވެ. އެއިރު ފަލަސްޠީނު އޮތީ އިނގިރޭސިންގެ ބެލެހެއްޓުމުގެ ދަށުގައެވެ. މި އެއާޕޯޓު 1924 ވަނަ އަހަރު ބޭނުންކުރަން ފެށި އެވެ. އަދި މި އެއާޕޯޓު ރަސްމީކޮށް ހުޅުވީ 1936 ގައެވެ. ނަމަވެސް 1967 ވަނަ އަހަރު ޔަހޫދީން ހިންގި 6 ދުވަހުގެ ހަނގުރާމައިގައި އިސްރާއީލުން ހުޅަނގު އައްސޭރިއާއި އިރުމަތީ ގުދުސް ހިފުމަށްފަހު، މި އެއާޕޯޓު ވަނީ ޔަހޫދީންގެ ބާރުގެ ދަށަށް ގެންގޮސްފައެވެ. އޭގެ ފަހުން އެތެރޭގެ އުދުހުންތަކަށް ބޭނުންކުރުމަށްފަހު 2000 ވަނަ އަހަރު އެއާޕޯޓު ވަނީ އެއްކޮށް ބަންދުކޮށްފައެވެ.

އިސްރާއީލުގެ ޗެނަލް 7 އިން ބުނި ގޮތުގައި، މި މަޝްރޫއުގެ ދަށުން އެއާޕޯޓުގެ ތާރީޚީ އިމާރާތްތަކާއި ޕަސެންޖަރު ޓާމިނަލް މަރާމާތުކޮށް، ސަރަހައްދީ ވައިގެ ދަތުރުފަތުރުގައި ގުދުސްގެ ދައުރު ދައްކުވައިދޭ މަރުކަޒަކަށް އެތަން ބަދަލުކުރާނެއެވެ. މި މަޝްރޫއަށް ގާތްގަނޑަކަށް 1 މިލިއަން ޑޮލަރު ޚަރަދުވާނެ އެވެ. މިއީ ހެރިޓޭޖް މިނިސްޓްރީގެ 2026 ވަނަ އަހަރުގެ ބަޖެޓުން ހަމަޖައްސާ ފައިސާއެވެ.

ގުދުސްގެ ގަވަރުނަރޭޓުން ނެރުނު ބަޔާނެއްގައި ވަނީ މި މަޝްރޫއަކީ ގުދުސްއާ މެދު އިސްރާއީލުން ގެންގުޅޭ ސިޔާސަތުތައް ކުރިއެރުވުމަށް ހިންގާ "ހެރިޓޭޖް، ޓޫރިޒަމް އަދި އެޑިއުކޭޝަނަލް ސެންޓަރެއް" ކަމަށް ސިފަކޮށްފައެވެ. ފަލަސްތީނުން ތުހުމަތުކުރާ ގޮތުގައި އިސްރާއީލުން ދަނީ ފަލަސްޠީނުގެ ވެރިރަށް ގުދުސްގެ އަރަބި އަދި އިސްލާމީ ވަންތަކަން ފޮހެލައި، އެ ސަރަހައްދު ޔަހޫދީކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

މި އެއާޕޯޓު އޮންނަ ސަރަހައްދަކީ އިރުމަތީ ގުދުސްއާއި ރާމަﷲ އާ ދެމެދުގައި އޮންނަ ސަރަހައްދެކެވެ. އދ. އާއި ބައިނަލްއަގުވާމީ މުޖުތަމައުން ގަބޫލުކުރާ ގޮތުގައި އިރުމަތީ ގުދުސްއަކީ އިސްރާއީލުން ހިފާފައިވާ ފަލަސްތީނުގެ ބިމެކެވެ. އަދި އެ ސަރަހައްދުގައި އިސްރާއީލުން ހިންގާ އާބާދުވުމުގެ މަޝްރޫއުތަކަކީ ބައިނަލްއަގުވާމީ ގާނޫނުތަކާ ޚިލާފު ކަންކަމެވެ.

ކުރިންވެސް އިސްރާއީލުން ވަނީ މި އެއާޕޯޓުގެ ބިމުގައި 9,000 ހައުސިން ޔުނިޓް ހިމެނޭ ގަވާއިދާ ޚިލާފު ބަސްތީއެއް ބިނާކުރުމުގެ މަޝްރޫއެއް ފާސްކޮށްފައެވެ. 2024 ވަނަ އަހަރުގެ ޖުލައި މަހު އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް އިން ނެރުނު އިސްތިޝާރީ ލަފައެއްގައިވެސް ވަނީ އިސްރާއީލުން ފަލަސްތީނުގެ ބިންތަކަށް ވެރިވެގަނެގެން ތިބުމަކީ ޣައިރު ގާނޫނީ ކަމެއް ކަމަށް ކަނޑައަޅައި، ހުރިހާ އާބާދީތަކެއް ހުސްކުރުމަށް ގޮވާލާފައެވެ.

މީގެ އިތުރުން ޣައްޒާ ގައި ބޭނުން ކުރި ޣައްޒާގެ އަރަފާތު އިންޓަރނޭޝަނަލް އެއާޕޯޓްވެސް ޔަހޫދީ ޖެނޮސައިޑް ރެޖީމުން ވަނީ ބޮން އަޅައި އެއްކޮށް ހަލާކު ކޯށްލާފައެވެ.

ހިއްސާ ކުރައްވާ!