އެމެރިކާގެ ރިޕަބްލިކަން ޕާޓީގެ ކޮންގްރެސް މެންބަރެއް ކަމަށްވާ އެންޑީ އޯގްލްސް، މުސްލިމުންނާ ދެކޮޅަށް ދެއްކެވި ވާހަކަތައް ކުށްވެރިކުރާ ގަރާރަކަށް ތާއީދުކުރުމަށް އެމެރިކާގެ މުސްލިމް ޖަމާއަތްތަކުންނާއި ޑިމޮކްރެޓިކް މެންބަރަކު ކޮންގްރެސްއަށް ގޮވާލައްވައިފިއެވެ.
ކެޕިޓަލް ހިލްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ޑިމޮކްރެޓިކް މެންބަރު އަލްގްރީން ވިދާޅުވީ، ކޮންގްރެސްގެ ތެރެއިން ނަފްރަތު އުފައްދާ މެސެޖުތައް ފެތުރުމަށް ފުރުސަތު ނުދޭނެ ކަމަށެވެ. "އެއްވެސް ދީނަކަށް ފުރައްސާރަކުރުމަކީ އެހެން ދީންތަކަށް ވެސް އޭގެ ނުރައްކާ އޮތް ކަމެއް. މިއީ އަޅުގަނޑުމެން އެންމެންނަށް ދެވޭ ހަމަލާއެއް،" ގްރީން ވިދާޅުވިއެވެ.
ޔޫ.އެސް ކައުންސިލް އޮފް މުސްލިމް އޯގަނައިޒޭޝަންސްގެ ސެކްރެޓަރީ ޖެނެރަލް އުސާމާ ޖަމާލް ވިދާޅުވީ އެމެރިކާއަކީ ހުރިހާ ނަސްލެއްގެ އަދި ދީނެއްގެ މީހުންނަށް މަރުހަބާ ކިޔާ ގައުމެއް ކަމަށެވެ. އަދި އެކަކު އަނެކަކަށް ނަފްރަތު ކުރުމާއި ތަފާތުކުރުމަކީ އެމެރިކާގައި ޖާގަ އޮތް ކަމެއް ނޫން ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
މި މައްސަލަ ފެންމަތިވީ މިދިޔަ މާރިޗު މަހުގެ 9 ވަނަ ދުވަހު އޯގްލްސް އެކްސްގައި ކުރެއްވި ޕޯސްޓަކާ ގުޅިގެންނެވެ. އެ ޕޯސްޓުގައި އޭނާ ވިދާޅުވެފައިވަނީ "އެމެރިކާގެ މުޖުތަމައުގައި މުސްލިމުންގެ ޖާގައެއް ނެތް" ކަމަށާއި، ތަފާތު ދީންތަކާއި ނަސްލުތައް އެކުވެގެން މުސްލިމުން އުޅޭ އުޅުމަކީ ދޮގެއް ކަމަށެވެ. މިއާއެކު ކޯޑް ޕިންކް ފަދަ އެކްޓިވިސްޓް ގްރޫޕްތަކުން ވަނީ އޭނާއާ ދެކޮޅަށް އެތިކްސް ކޮމިޓީއަށް މައްސަލަ ހުށަހަޅާފައެވެ.
ގްރީން ހުށަހެޅުއްވި ގަރާރުގައި ބުނެފައިވަނީ އެމެރިކާގެ ގާނޫނުއަސާސީގެ ފުރަތަމަ އިސްލާހުން ދީނީ މިނިވަންކަން ކަށަވަރުކޮށްދޭ ކަމަށެވެ. އަދި މުސްލިމުންނަކީ އެމެރިކާގެ މުޖުތަމައާ ނުގުޅޭ ބައެއް ކަމަށް ބުނުމަކީ ސީދާ އިސްލާމޯފޯބިއާގެ އަމަލެއް ކަމަށް އެ ގަރާރުގައި ބަޔާންކޮށްފައިވެއެވެ.
މިފަހަކަށް އައިސް ސޮލީބީ މަންހޫސް ޓްރަމްޕާ ހެދި އެމެރިކާގެ ބައެއް އޮފިޝަލުންނާއި ގާނޫނު ހަދާ މަޖިލީހުގެ މެންބަރުންގެ ފަރާތުން އިސްލާމްދީނާ ދެކޮޅު ވާހަކަތައް ދެއްކުން ވަނީ އިތުރުވެފައެވެ. އެގޮތުން މިދިޔަ ޑިސެމްބަރު މަހު ރިޕަބްލިކަން މެންބަރު ރޭންޑީ ފައިން ވެސް ވަނީ މުސްލިމުން ނައްތާލަން ޖެހޭ ކަމަށް ބުނެ ވާހަކަދައްކާފައެވެ.






