ޖަޕާނު މީހުން ފެން މީޓަރު ވަގަށް ނަގަނީ ކީއްވެ؟

ޖަޕާނުގައި ފެން މީޓަރު ވަގަށް ނެގުމުގެ މައްސަލަ ބޮޑުވެއްޖެ އެވެ. ސަބަބަކީ ލޮއިގެ އަގު މައްޗަށް ދިއުމެވެ. ޖަޕާނުގެ އެކި ސަރަހައްދުތަކުގައި ގޭބިސީތަކުގެ ފެން މީޓަރު ވަގަށް ނެގުމުގެ މައްސަލަ އިތުރުވަމުންދާތީ ކަމާބެހޭ އިދާރާތަކުން ކަންބޮޑުވުން ފާޅުކޮށްފިއެވެ. ކަމާބެހޭ ފަރާތްތަކުން ތުހުމަތުކުރާ ގޮތުގައި މި މީޓަރުތައް ވަގަށް ނަގަނީ އޭގައި ހިމެނޭ ކޮޕަރ (ލޮއި) ވިއްކައިގެން ފައިދާ ހޯދުމަށެވެ. ފަހަކަށް އައިސް ދުނިޔޭގެ ބާޒާރުގައި ލޮއިގެ އަގު ވަނީ އުފުލިފައެވެ.

ޖަޕާނުގެ ޝިޒުއޯކާ ޕްރިފެކްޗަރގައި އެކަނިވެސް މިދިޔަ މާރިޗު އަދި އޭޕްރީލް މަހުގެ ތެރޭގައި 449 ފެން މީޓަރު ވަގަށް ނަގާފައިވާ ކަމަށް ރިޕޯޓްކޮށްފައިވެއެވެ. މި ވައްކަންތައް ގިނައިން ހިންގާފައިވަނީ މީހުން ދިރިނޫޅޭ ފަޅު އެޕާޓްމަންޓްތަކުންނެވެ. މިކަން ފާހަގަވެފައިވަނީ ފެން ލީކުވުން ފަދަ މައްސަލަތައް ދިމާވެގެން ބެލިބެލުމުންނެވެ. ކަމާބެހޭ މާހިރުން ބުނާ ގޮތުގައި، ރެންޗެއް ބޭނުންކޮށްގެން ވަރަށް ފަސޭހައިން މި މީޓަރުތައް ނައްޓާލެވެއެވެ.

ޝިޒުއޯކާ ސިޓީގެ ވޯޓަރ ސަޕްލައި ބިއުރޯއިން ހާމަކުރި ގޮތުގައި، އާންމުކޮށް ބޭނުންކުރާ ފެން މީޓަރެއްގައި ގާތްގަނޑަކަށް 2 ކިލޯގެ ލޮއި ހުރެއެވެ. ކޮޕަރގެ އަގު މިހާރު ހުރި ގޮތުން، އެންމެ މީޓަރެއް ވިއްކާލައިގެން ވެސް ގާތްގަނޑަކަށް 11.50 އާއި 13 ޑޮލަރާ ދެމެދުގެ އަގެއް ލިބެއެވެ.

މި މައްސަލަ ޖަޕާނުގެ އެހެން ސިޓީތަކުގައިވެސް ވަނީ ފެންމަތިވެފައެވެ. އެގޮތުން ކިޓަކިއުޝޫ، ފުކޯކާ އަދި ޝިމޮނޮސެކީ ފަދަ ސިޓީތަކުންވެސް ގިނަ އަދަދެއްގެ މީޓަރު ވަނީ ވަގަށް ނަގާފައެވެ. ޝިމޮނޮސެކީގެ ފެން ސާފުކުރާ ޕްލާންޓެއްގައި ރައްކާކޮށްފައި ހުރި 1,341 މީޓަރުވެސް ވަނީ ވަގަށް ނަގާފައެވެ. މީގެ އިތުރުން ޓޯކިޔޯގެ ސުމިދާ ވޯޑުން 50 އަށްވުރެ ގިނަ މީޓަރު ވަގަށް ނެގި މައްސަލައިގައި ދެ މީހަކު ވަނީ ހައްޔަރުކޮށްފައެވެ.

ޔޮކޮސޫކާ ސިޓީގެ ވޯޓަރ ބިއުރޯގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި، މިކަމަށް ފަރިތަ ވަގުންނަށް އެންމެ މިނެޓެއްގެ ތެރޭގައި މީޓަރެއް ނައްޓާލައެވެ. މިކަމާ ގުޅިގެން ޖަޕާނުގެ ސަރުކާރުން ވަނީ އާންމުންނާއި މެޓަލް ރިސައިކަލް ކުރާ ފަރާތްތަކުން މިފަދަ ކަންކަމަށް ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ.

ހިއްސާ ކުރައްވާ!