އިޒްރޭލުގެ ސަލާމަތީ ބާރުތަކުން ހިންގި ޚާއްސަ އޮޕަރޭޝަނެއްގައި، އީރާނުގެ ޖާސޫސީ އިދާރާތަކަށް މަސައްކަތްކޮށްދިން ކަމުގެ ތުހުމަތުގައި ސިފައިންގެ 3 މީހުންނާއި އާންމު ރައްޔިތަކު ހައްޔަރުކޮށްފިއެވެ. މި މީހުން ހައްޔަރުކޮށްފައިވަނީ އީރާނުގެ ޖާސޫސީ އިދާރާގެ އިރުޝާދުގެ ދަށުން ސަލާމަތީ ގޮތުން ނުރައްކާތެރި ހަރަކާތްތަކެއް ހިންގި ކަމުގެ ތުހުމަތުގައެވެ.
މި މީހުން ހައްޔަރު ކުރީ މާރިޗު މަހުގެ ތެރޭގައެވެ. ތަހުގީގުން ހާމަވެފައިވާ ގޮތުގައި، މި މީހުން ވަނީ ސިފައިންގެ ޚިދުމަތާ ގުޅުމުގެ ކުރިންވެސް އީރާނުގެ ޖާސޫސީ އިދާރާތަކާ ގުޅުން ގާއިމުކޮށް، ގިނަ ދުވަސްތަކެއް ވަންދެން އެ ފަރާތްތަކަށް ޖާސޫސްކޮށްދީފައެވެ. އަދި މި މީހުންނާ މުއާމަލާތް ކުރަނީ އީރާނުގެ ޖާސޫސީ އިދާރާއަކުންކަން އެނގި ތިބެ، އެކަން ކުރަމުންދިޔަ ކަމަށްވެސް ތަހުގީގަށް ވަނީ އެނގިފައެވެ.
އިޒްރޭލުގެ ސަލާމަތީ އިދާރާ (ޝަބަކް) އިން ހާމަކުރި ގޮތުގައި، މި މީހުންނަށް ހަވާލުކޮށްފައިވާ މައިގަނޑު މަސައްކަތަކީ ގައުމުގެ މުހިންމު އަދި ނާޒުކު ތަންތަނުގެ ފޮޓޯއާއި ވީޑިއޯ ނަގައި ފޮނުވުމެވެ. މީގެ ތެރޭގައި މައި ރޭލު ސްޓޭޝަންތަކާއި، މީހުން ގިނަ ވިޔަފާރި މަރުކަޒުތަކާއި، ސެކިއުރިޓީ ކެމެރާތަކުގެ އިތުރުން، އެއާފޯސްގެ ޓެކްނިކަލް ސްކޫލްގެ މައުލޫމާތު ހިމެނެއެވެ.
ތަހުގީގު ރިޕޯޓުތައް ބުނާގޮތުން، ތުހުމަތު ކުރެވޭ ބައެއް މީހުން ވަނީ އަމިއްލައަށް އިސްނަގައިގެން އީރާނުގެ އެޖެންޓުންނާ ގުޅައި، އިތުރު މަސައްކަތްތައް ހޯދާފައެވެ. އަދި މި ގުޅުމުގެ ތެރެއިން ބައެއް މުދަލަށް ގެއްލުން ދިނުމުގެ އަމަލުތަކުގައިވެސް މި މީހުން ބައިވެރިވެފައިވާ ކަމަށް ތުހުމަތު ކުރެވެއެވެ.
މި މައްސަލައިގައި ހައްޔަރުކުރި ހަތަރު މީހުންގެ މައްޗަށް ހައިފާގެ ޑިސްޓްރިކްޓް ކޯޓުގައި މިއަދު ދައުވާ އުފުލުމަށް ވަނީ ހަމަޖެހިފައެވެ. އެމީހުންގެ މައްޗަށް ކުރަނީ ދުޝްމަނުންނާ ގުޅުން ބޭއްވުމާއި، ސަލާމަތީ މައުލޫމާތު އެއްކުރުމާއި، ދުޝްމަނުންނަށް އެހީތެރިވުމުގެ ސީރިއަސް ދައުވާތަކެވެ. މި ކުށްތަކަށް ބޮޑެތި ޖަލު ހުކުމްތަކެއް އައުން އެކަށީގެންވެއެވެ.




